ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން"އަށް 1.4 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ލިބިއްޖެއެވެ.
މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 1،402،803.44 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 37،448.95 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މި ޓެލެތޯނަށް ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާ ވުޒާރާތަކުގެ އިތުރުން ބައެއް އަމިއްލަ ވިޔަފާރިތަކުން ވެސް ފައިސާ ހަދިޔާކޮށްފައިވެއެވެ. އެގޮތުން، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ގެ ޕީޖީ ގްރޫޕުން ވަނީ ޖުމްލަ 300،000 ރުފިޔާ، މި ޓެލެތޯނަށް ހަދިިޔާކޮށްފައެވެ. އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް އެހީވާން ޓެލެތޯނަށް 10،001 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. އޭގެ އިތުރުން ގައުމީ ބޭންކު، ބީއެމްއެލްއިން ވަނީ 25،000 ޑޮލަރު ހަދިޔާކޮށްފައެވެ.
ޓެލެތޯނުގައި ސަން ސިޔާމް މީޑިއާއިން ވެސް ބައިވެރިވާއިރު، ޓެލެތޯނުގެ އެންމެހާ އަދާހަމަތައް ސަން އޮންލައިނާއި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.

ލަންްކާ ޓެލެތޯންގައި ޕީއެންސީގެ މެންބަރުން: ޕީއެންސީ މެންބަރުންނަށް ވަނީ 300،000 ރުފިޔާ ހަދިޔާކުރި---
މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.
މި ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަށް ޓަކައި މިނިވަން އޮޑިޓްފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އާއެކު އެއްބަސްވެފައިވާކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިން ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.
'ސިލޯންއާއެކު ދިވެހިން ޓެލެތޯން' އަށް އެހީވެވޭނީ:
- ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
- ރުފިޔާ އެކައުންޓު ނަމްބަރު :7730000796107
- ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
- ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106
- ޓީވީ ސްކްރީނަށް އަރާ ކިއުއާރް ކޯޑު
- ޕީއެސްއެމްގައި ބަހައްޓާފައިވާ ފަންޑް ފޮށި
- މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާފައިވާ ފަންޑް ފޮށިތައް
ތޫފާން 'ދީތްވާ' ގެ އަސަރު ލަންކާއަށް ވަރަށް ބޮޑަށް ކުރަމުން އަންނައިރު، ތޫފާނުގެ ސަބަބުން ހިނގި އެތައް ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު މިހާރުން ވަނީ 150 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 176 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ލަންކާ ޑިޒާސްޓާ މެނޭޖްމަންޓް (ޑީއެމްސީ)އިން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން 3،000 ގެއަށް ގެއްލުން ލިބިފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ޑީއެމްސީން ބުނީ ކުރިއަށް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ އެ ތޫފާން މިހާރު އަންނަނީ އިންޑިއާގެ އުތުރު ތަމިލް ނާޑޫ، ޕުޑުޗެރީ އަދި އަންދްރާ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ކައިރިވަމުންނެވެ. މާދާމާ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދުތަކަށް ތޫފާން އަރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.