ޕީއެންސީ ޕީޖީ ގްރޫޕުން ލަންކާއަށް އެހީވާން 300،000 ރުފިޔާ ހަދިޔާކޮށްފި

ޕީއެންސީ ޕީޖީ ގްރޫޕުން ލަންކާއަށް އެހީވާން 300،000 ރުފިޔާ ހަދިޔާކޮށްފި -- ފޮޓޯ/ ޕީއެސްއެމް

ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން"އަށް ޕީއެންސީ އިން 300،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕީއެންސީގެ ފަރާތުން 300,000 ރުފިޔާގެ ޗެކް ހަވާލުކުރައްވާފައިވަނީ އެޕާޓީގެ ޕީޖީ ގްރޫޕްގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ މެންބަރުންނެވެ.

ޗެކް ހަދިޔާ ކުރައްމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ލަންކާއަކީ ރާއްޖެއާ ޒަމާނުއްސުރެ ވަރަށް ގާތް ގައުމެއް ކަމަށެވެ. އެހެންކަމުން މި ޓެލެތޯނަށް ވީހާވެސް ގިނަ މީހުން ފައިސާ ހަދިޔާކުރުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ރައީސްއަށްފަހު މި ޓެލެތޯންގައި ވާހަކަދެއްކެވި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އިބްރާހިމް ވިދާޅުވީ ލަންކާއަށް ދިމާވި ކާރިސާގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އޭނާ ވަނީ އަވަސް ވަގުތުކޮޅެއް ތެރޭގައި ސްރީ ލަންކާއަށް އެހީތެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތައުރީފުކުރައްވާފައެވެ.

މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 1،402،803.44 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 37،448.95 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.

ޓެލެތޯނުގައި ސަން ސިޔާމް މީޑިއާއިން ވެސް ބައިވެރިވާއިރު، ޓެލެތޯނުގެ އެންމެހާ އަދާހަމަތައް ސަން އޮންލައިނާއި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.

މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.

މި ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަށް ޓަކައި މިނިވަން އޮޑިޓްފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އާއެކު އެއްބަސްވެފައިވާކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިން ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.

'ސިލޯންއާއެކު ދިވެހިން ޓެލެތޯން' އަށް އެހީވެވޭނީ:

  • ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
  • ރުފިޔާ އެކައުންޓު ނަމްބަރު :7730000796107
  • ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
  • ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106
  • ޓީވީ ސްކްރީނަށް އަރާ ކިއުއާރްކޯޑު
  • ޕީއެސްއެމްގައި ބަހައްޓާފައިވާ ފަންޑް ފޮށި
  • މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާފައިވާ ފަންޑް ފޮށިތައް

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ގާތްގަނޑަކަށް 144،808 މެންބަރުން ތިބޭ އެ ޕާޓީއަށް ދައުލަތުން މިއަހަރު ވަނީ 13،316،689.57 ރުފިޔާ ދޫކޮށްފައެވެ.

comment ކޮމެންޓް