ލޭގެ މުހިންމު ޓެސްޓެއް އައިޖީއެމްއެޗުން ނުހެދުނު މައްސަލަ: "މާދަމާ ތަކެތި ލިބޭނެ"

މާލެ ހޮސްޕިޓަލް ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު: ހަލީމް ވިދާޅުވީ، ލޭގެ ޓެސްޓް ހެދުމަށް ބޭނުންވާ ސާމާނު މާދަން ލިބޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ކުއްޖަކު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ނުހެދި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެ ޓެސްޓު ހެދުމަށް ބޭނުންވާ ސާމާނު މި ވަގުތު ނެތް ކަމަށާއި މާދަމާ ލިބޭނެ ކަމަށް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ލޭގެ ޓެސްޓު ހަދަން ބޭނުންވާ ބައެއް ސާމާނު ނެތިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން 18 އަހަރުގެ ކުއްޖަކަށް ޓެސްޓް ނެހެދުނު ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.

https://sun.mv/214637

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ހަލީމް ވިދާޅުވީ، އެ ޓެސްޓް ހެދުމަށް ބޭނުންވާ ސާމާނު ލިބޭގޮތަށް އެންމެ ފުރަތަމަ އޮތީ އިއްޔެ ކަމަށާއި، ނަމަވެސް ސަޕްލަޔަރުންގެ ފަރާތުން ލިބުން ލަސްވީ ކަމަށެވެ. އާންމުގޮތެއްގައި ހުސްވުމުގެ ކުރިން އޮންނާނީ އެ ފަދަ ތަކެތި ހޯދަން ޝެޑިއުލްކޮށްފައި ކަމަށް ހަލީމް ވިދާޅުވިއެވެ.

"އިއްޔެގައި އަންނަ ގޮތަށް ޝެޑިއުލްކޮށްފައި އޮތް އެއްޗެއް އެއީ، ޝިމްޕަންޓްގައި ސަޕްލަޔަރުންގެ ފަރާތުން ޑިލޭވީ، ޑިލޭވެގެން މާދަމާ ހަވީރަށް މި ލިބެނީ،" އޭނާ ވިދާޅުވިއެވެ.

ލޭގެ ޓެސްޓު ހެދުމަށް ބޭނުންވާ ސާމާނު ލިބުން އަވަސްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ހަދާ އެއްވެސް އިތުރު ޓެސްޓެއް ހެދުމަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ޝާކިރު ފޮނުއްވި ސިޓީގައި ވަނީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ކުއްޖަކު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެކަން އައިޖީއެމްއެޗުން އަންގާފައިވާ ކަމަށެވެ.

ޝާކިރު ލިޔުއްވާފައިވާ ގޮތުގައި އެ 18އަހަރުގެ ކުއްޖާއަށް ޓެސްޓު ނުހެދޭނެކަން އައިޖީއެމްއެޗުން އެންގީ، އެ ކުއްޖާއަށް ބޭނުންވާ ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީންކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓަރީގައި މިވަގުތު ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓެއް ނެތެވެ. އަދި ޕެޓްރިޑިޝް އާއި ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރުމަށް ބޭނުންވާ ބޭނުންވާ މުހިންމު ބޭސްވެސް ރާއްޖޭގައި ނެތް ކަމަށް ސިޓީގައިވެއެވެ.

އެ ކަންކަމަކީ ގިނަ ރައްޔިތުންތަކެއް ތަހައްމަލުކުރަމުންދާ ޒަރޫރީ ބޭސް ނުލިބުމުގެ ހާލަތަށް އިތުރުވާ ހިތްދަތިކަމެއް ކަމަށް ޝާކިރު ލިޔުއްވާފައިވެއެވެ.

comment ކޮމެންޓް