ސައްހަ ލިއުމެއް ނެތި ކާބޯތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އެމްއެފްޑީއޭގެ 2 މުވައްޒަފަކަށް ދައުވާކުރަނީ

މާލޭ ވިޔަފާރި ބަނދަރުގެ ކޮންޓެއިނަރުތަކެއް: ސައްހަ ލިއުމެއް ނެތި ކާބޯތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އެމްއެފްޑީއޭގެ 2 މުވައްޒަފަކަށް ދައުވާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި ވައިގެ މަގުން އެތެރެކޮށްފައިވާ ޝިޕްމަންޓުތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދެ ފީލްޑް އޮފިސަރަކަށް ދައުވާކުރަން މިއަދު ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރަން ފޮނުވި ދެ ފީލްޑް އޮފިސަރުންނަކީ:

  • އަޙްމަދު ހާޝިމް، ދަފްތަރު ރސ 9244
  • އަޙްމަދު ޒާހިރު، ޢަރަފާތު/ ތިނަދޫ ސިޓީ

މި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއެވެ.

މި ދައުވާތައް އެ ދެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ ދެ މީހުންގެ އަދަބަކީ އެއް އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ބަންދެވެ. އެއީ ވަކިވަކި ދައުވާތަކަށް ބަލާނަމަ ކޮންމެ ދައުވާއަކަށް ހަތަރު މަހާއި 24 ދުވަހުގެ ބަންދުގެ މުއްދަތެއް އަންނާތީ އަދަދުތައް އެއްކޮށްލުމުން އަންނަ ޖުމްލަ މުއްދަތެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދު ކަމަށެވެ.

މި މައްސަލައިގައި އެ ދެމީހުން ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ނަމަވެސް ދެ މީހުން ކުރި ކަމަށް ތުހުމަތުކުރެވޭ ކުށަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށް ވާތީ، އާންމު މަސްލަހަތު ވަޒަންކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމީކަމަށް ޕީޖީން ބުންޏެވެ.

comment ކޮމެންޓް