ކޮވިޑްގެ-19ގެ ވަބާއާއެކު 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ބަނގުރޫޓް ވެގެންދިޔައެވެ. ކޮވިޑްގެ ފުރަބަންދާއެކު ސްރީލަންކާގެ އިގްތިސާދު ހީނަރުވާން ފެށީ 2020 ވަނަ އަހަރުގައެވެ.
ކޮވިޑްގެ ވަބާގެ މުއްދަތު ދިގުލައިގެން ދިޔުމާއެކު މައްސަލަ މެނޭޖް ކުރުމުގައި ސްރީލަންކާގެ އޭރުގެ ސަރުކާރު ފެއިލްވުމާ ގުޅިގެން އިގްތިސާދު އިނދަޖެހި ސްރީލަންކާ ބަނގުރޫޓްވީ 2022 ވަނަ އަހަރުއެވެ.
ކޮވިޑްގެ ފުރަބަންދާއެކު ސްރީލަންކާގެ އިގްތިސާދު ބަނގުރޫޓްވީ އެ ގައުމަށް ބޭރު ފައިސާ ލިބޭ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަން ގާތްގަނޑަކަށް ހުއްޓުމަކަށް އައުމާއި ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތުން އެ ގައުމަށް އެތެރެކުރާ ބޭރުފައިސާގެ ގާތްގަނޑަކަށް 70 ވަރަކަށް އިންސައްތަ ދަށަށް ދިޔުމާއި ކެމިކަލް ގަސްކާނާގެ ބަދަލުގައި އޮގަނިކް ގަސްކާނާއަށް ކުއްލިގޮތަކަށް ދަނޑުވެރިކަން ބަދަލުކޮށްލުމުން ދަނޑުވެރިކަން 60 އިންސައްތައަށް ދަށަށް ދިޔުންފަދަ އެތައް މައްސަލަތަކަކާ ގުޅިގެންނެވެ.
ބަނގުރޫޓްވުމަށް މަގުފަހިވުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ބޭރުގެ ދަރަނިތައް ގިނަވެ ދަރަންޏަށް ދައްކަންޖެހޭ މިންވަރު ބޮޑުވުމާއި ކޮރަޕްޝަން ވެސް ހިމެނެއެވެ. ވޯޓު ހޯދުމަށްޓަކައި ރައްޔިތުން ރުއްސަންވެގެން އިގްތިސާދަށް ނުތަކާފަދަ ބޮޑެތި ސަބްސިޑީތައް ރައްޔިތުންނަށް ދިނުންވެސް ހިމެނެއެވެ. ރައްޔިތުން ރުއްސުމަށްޓަކައި ޓެކްސް ނަގާ މިންވަރު ކުޑަކުރުމަކީވެސް ސްރީލަންކާ ބަނގުރޫޓްވުމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި ހިމެެނޭކަންކަމެވެ.

ތޫފާންގައި ސްރީލަންކާއަށް ލިބުނު ގެއްލުން
މި ހުރިހާ ސަބަބުތަކާއެކު 2022 އަހަރުގެ ކުރީކޮޅު ދަރަނި ނުދެއްކޭ މިންވަރަށް ސްރީލަންކާގެ އިގްތިސާދު އަޑިއަޅާލިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔައެވެ. ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ބާވަތްތައް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ދައުލަތުގެ ބަޖެޓްގައި ނެތުމުން އެތަކެތި އިންޕޯޓް ނުކުރެވޭ މިންވަރަށް މާލީ ހާލަތު ދަށަށްގޮސް މުޅި އިގްތިސާދު އިނދަޖެހި މާލިއްޔަތު އިފްލާސް ވިއެވެ.
ނަތީޖާއަކަށްވީ ސްރީލަންކާގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތުމެވެ. ރައްޔިތުން ނުކުމެ ބޮޑުވަޒީރުގެ ގަނޑުވަރާއި ރިޔާސީ ގަނޑުވަރާއި ހިސާރު ކުރުމެވެ. މިއާއެކު ފުރަތަމަ އިސްތިއުފާ ދެއްވީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައެވެ. އެއަށްފަހު އޭނާގެ ކޮއްކޮ ރައީސް ގޮތަބަޔަ ރާޖަޕަކްސައެވެ. ގޮތަބަޔަ ގައުމުން ފިއްލަވައި ގައުމުން ބޭރަށް ވަޑައިގަތެވެ. އެއަށްފަހު ބޭރުގައި ހުންނަވައިގެން މަގާމުން އިސްތިއުފާ ދެއްވީއެވެ.
ދެން ސްރީލަންކާގައި އުފެދުނީ މުޅިން އައު ވަގުތީ ސަރުކާރެވެ. ކުރީގެ ތަޖުރިބާކާރު ބޮޑުވަޒީރެއް ކަމަށްވާ ރަނިލް ވިކްރަމަ ސިންހަގެ ލީޑާޝިޕްގެ ދަށުންނެވެ. އެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ސްރީލަންކާގެ އިގްތިސާދު ބަނގުރޫޓް ވުމުން ސަލާމަތް ކުރުމެވެ. ބަނގުރޫޓްވުމުން އަރައިގަތުމަށް ދެއަހަރު ނެގިއެވެ.
ކޮވިޑަށްފަހު ސްރީލަންކާގެ ފަތުރުވެރިކަން އަލުން މަސައްކަތް ކުރަން ފެށުމާއި އިންޑިއާގެ ސީދާ އެހީއާއި ޗައިނާގެ ބައެއް އެހީތަކާ އަދި ދަރަނިތައް ދެއްކުން ފަސްކޮށްދިނުންފަދަ ކަންކަމާއި އައިއެމްއެފްއިން ބޮޑުލޯނެއް ލިބުމާ އަދި ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތައް އެޅުމާއެކު ސްރީލަންކާ އިގްތިސާދު ބަނގުރޫޓްވުމުން ސަލާމަތްވީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ނަމަވެސް އޭރު ގައުމުގެ ތައުލީމީ އަދި ފަންނީ ރައުސްމާލުގެ ބޮޑުބައެއް ވަނީ ގައުމުން ބޭރަށް ގޮސްފައެވެ. މަތީ ފެންވަރުގެ ޑޮކްޓަރުންނާއި މަތީ ފެންވަރުގެ އިންޖިނޭރުންނާއި އެކި ދާއިރާތަކުގެ މަތީލެވެލްގެ ފަންނީ މީހުން ހިމެނޭގޮތަށް ތަޖުރިބާކާރު އެތައް ހާސް ސިކުނޑިތަކެއް ގައުމަށް ވަނީ ގެއްލިގެން ގޮސްފައެވެ.
މާލީ ތަޖުރިބާކާރުންގެ ނަޒަރުގައި 2024 ވަނަ އަހަރުގެ ފަހުކޮޅަށް ދިޔައިރު އިފްލާސްވުމުން ސްރީލަންކާ އަރައިގަތް ނަމަވެސް އެ ގައުމުގެ އިގްތިސާދު އަދިވެސް އޮތީ ނާޒުކު ހާލަތެއްގައެވެ. ސްރީލަންކާގެ ރަސްމީ މާލީ ރިޕޯޓްތައް ބުނާގޮތުން މި އަހަރު އެ ގައުމުގެ ގައުމީ އާމްދަނީ އަކީ ގާތްގަނޑަކަށް 98 ބިލިޔަން އެމެރިކާ ޑޮލަރެވެ. އިގްތިސާދު ކުރިއަރާފައިވަނީ ގާތްގަނޑަކަށް 4.8 އިންސައްތައިގައެވެ.
އިގްތިސާދުގެ ކުރިއެރުމަށް ބަލާއިރު މިއީ ރަނގަޅު މިންވަރެއް ނަމަވެސް މި ރޭޓްގައި ހިފެހެއްޓުމަކީ ފަސޭހަކަމެއްނޫނެވެ. މި އަހަރު މިރޭޓްގައި އިގްތިސާދު ހިފެހެއްޓިފައިވަނީ ބައެއް ދަރިނިތައް ދެއްކުން ފަސްކޮށްފައިވާތީއާއި ޚަރަދު ކުޑަކުރުމުގެ ކަންތައް އަދިވެސް ކުރިޔަށްގެންދާތީއެވެ.
މި އަންނަ އަހަރަކީ ފަސްކޮށްފައިވާ ގިނަ ދަރަނިތަކެއް ދައްކަންޖެހޭ އަހަރެކެވެ. ރައްޔިތުންނަށް ބައެއް ސަބްސިޑީތައް އަލުން ދޭން މަސައްކަތްކުރާ އަހަރެއްވެސް މެއެވެ. ބޭރު ފައިސާ އެންމެބޮޑަށް ލިބޭ ފަތުރުވެރިކަމުގެ ދާއިރާ މަޑުމަޑުން ކުރިއަރަމުން އައިނަމަވެސް އެ ދާއިރާއަށް ބޭރުގެ އިންވެސްޓްމަންޓްތައް ލިބޭވަރު ވަރަށް މަދެވެ.
މިދިޔަ އަހަރަށް ބަލާއިރު ސްރީލަންކާއަށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް ދެ މިލިޔަން ފަތުރުވެރިންނެވެ. ކޮވިޑްގެ ކުރީގައި 2018 ވަނައަހަރަށް ބަލާއިރު ސްރީލަންކާއަށް ގާތްގަނޑަކަށް 2.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއިން އެނގޭ ހަގިގަތަކީ ބަނގުރޫޓްވުމުން ސަލާމަތްވިތާ ދެ އަހަރުވާން ގާތްވިއިރުވެސް ކޮވިޑްގެ ކުރީގެ ހާލަތަށް ސްރީލަންކާގެ ފަތުރުވެރިކަން އަދިވެސް ނުދާކަމެވެ.
މި އަހަރު ސްރީލަންކާގެ އިގްތިސާދު 4.8 އިންސައްތާގައި ކުރިއެރިއެވެ. މިއީ ކާމިޔާބީއެކެވެ. އަދި ގައުމުގެ ޖީޑީޕީ ކުރިއަރާ މިންވަރު ފަސް އިންސައްތައަށް މައްޗަށް ޖެހިލިއެވެ. މިއާއެކުވެސް ސްރީލަންކާގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު އަދިވެސް ވަރަށް ދަށެވެ. ސަބްސިޑީތައް މަދުވުމުގެ ސަބަބުންނާއި ވަޒީފާގެ ފުރުސަތު ކުޑަވުމުގެ ސަބަބުން އިޖްތިމާއި ހާލަތު އޮތީ ވަރަށް ދަށުގައެވެ.

ތޫފާންގައި ސްރީލަންކާގައި ފެންބޮޑުވެފައި
ބާޒާރުގައި ތަކެތީގެ އަގުތައް ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި ވީނަމަވެސް އިގްތިސާދު އަދިވެސް އޮތީ ނާޒުކު ހާލަތެއްގައެވެ. ސްރީލަންކާގެ އާބާދީ ކަމަށްވާ 23 މިލިޔަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ މީހުން ދިރިއުޅެމުން ގެންދަނީ ފަގީރުކަމުގައެވެ. އޭގެތެރޭގައި ގިނައީ ރަށްފުށު ސަރަހައްދުތަކުގެ މީހުންނެވެ. ޚާއްސަކޮށް ދުވަހު މުސާރައަށް މަސައްކަތްކޮށްދޭ މީހުންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ހާލަތުވެސް ރަނގަޅެއްނޫނެވެ. އެއީ ފަތުރުވެރިން އަންނަ މިންވަރު މަދުކަމުންނެވެ. އަދި ބޭރުގެ މަދު އިންވެސްޓްމަންޓެއް ނޫނީ ނާންނާތީއެވެ.
އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ސްރީލަންކާގެ މިހާރުގެ ސަރުކާރުން އެންމެބޮޑު އިސްކަމެއްދޭ އެއްކަމަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އިތުރުކުރުމަށް ގިނަ އުކުޅުތަކެއް ސްރީލަންކާގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން ބޭނުންކުރަމުން ގެންދެއެވެ. ބޭރު ގައުމުތަކުގައި އިސްތިހާރުތައް ކުރަމުން ގެންދެއެވެ.
ސިޓީ ހޮޓާތަކާއި ރިސޯޓުތަކާއި އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ވަނީކޮށްފައެވެ. ފަތުރުވެރިިކަމުގެ ދާއިރާއަށް ލޯކަލް އިންވެސްޓްމެންޓްތައް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ވަޒީފާތަކެއް އުފެދުނެވެ. ނަމަވެސް މި އަހަރު ވެސް ލަފާކުރިވަރަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ. އަދި ފަތުރުވެރިކަމުން ލިބުނު އާމްދަނީވެސް ލަފާކުރިވަރަށް ވުރެ މާ މަދެވެ.
މި ހާލަތު މިހެން އޮއްވައި ސްރީލަންކާއަށް މިވަނީ ގުދުރަތީ ބޮޑުކާރިސާ އެއް ކުރިމަތިވެފައެވެ. މިދިޔަ ހަފްތާގައި ސްރީލަންކާގެ ޖައްވުގައި އުފެދުނު ބާރުގަދަ ތޫފާން "ދިތުވާ" މީގެ ދެ ދުވަސްކުރިން އެ ގައުމަށްވަނީ އަރާފައެވެ. ނަތީޖާއެއްގެ ގޮތުން ސްރީލަންކާއަށް ވަނީ މިއިން ޒަމާނަކު ނުލިބޭހާ ބޮޑެތި މާއްދީ ގެއްލުންތައް ލިބިފައެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންތިހާއަށް ވާރޭވެހި، އާދަޔާ ޚިލާފަށް ބޮޑަށް ފެންބޮޑުވެ, ބިންގަނޑު ކަނޑައިގެން ދިޔުމާއި މަގުތަކާއި ބްރިޖްތައް ހަލާކުވުމާއި ދަނޑުތައް ހަލާވުމުގެ ގިނަ ހާދިސާތަކެއް ސްރީލަންކާއަށް ވަނީ ކުރިމަތިވެފައެވެ. ތޫފާންގެ ސަބަބުން ސްރީލަންކާގެ 80000 މީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ލައްކައެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ރޭލުވޭގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރޭލުވޭ މަރާމާތުކޮށްގެން ނޫނީ އަލުން ކުރީގެ ހާލަތަށް ނުދާވަރަށް ރޭލު ދަގަނޑުތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ. ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންނެވެ. ވިޔަފާރިތަކަށާއި ހޮޓާ ރެސްޓޯރެންޓްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިގްތިސާދުގެ މައިނާރުކަމަށްވާ ކާރުޚާނާތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ކަރަންޓް އުފައްދާ ސްޓޭޝަންތަކަށާއި ކަރަންޓް ސަޕްލައި ކޭބަލްތަކާއި ނެޓްވާކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ސްރީލަންކާގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ވެސް ކަނޑައިގެން ގޮސްފައެވެ. ބައެއް ތަންތަން މަރާމާރު ކުރެވޭ ހާލަތުގައި ހުރިނަމަވެސް ކަރަންޓް ކޭބަލްތަކާއި ނެޓްވާކު އަލުން އަޅަންޖެހޭ ހާލަތަށްވެސް ގިިނަ ސަރަހައްދުތަކެއް ވަނީ ގޮސްފައެވެ. ފެނުގެ ނެޓްވޯކާއި ނަރުދަމާގެ ހާލަތުވެސް އޮތީ މިފަދަ ގޮތަކަށެވެ.
ތޫފާންގެ ސަބަބުން ސްރީލަންކާގެ ސައިފަތް ދަނޑުތަކާއި މޭވާއާއި ތަރުކާރީ ދަނޑުތަކުގެވެސް ބޮޑުބައެއް ވެސް ވަނީ ހަލާކުވެފައެވެ. ދަނޑުތައް ހަލާކުވުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ސާމާނުތަކާއި އިމާރާތްތަކާއި ވަސީލަތްތައް ވެސް ވަނީ ހަލާކުވެފައެވެ. މިއާއެކު ރަށްފުށުގައި ދިރިއުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް މިވަނީ މި ވަގުތަށް އެއްކޮށް ބަންދުވެފައެވެ. މީގެކުރިން ވެސް ދަތި ޙާލުގައި ދިރިއުޅެމުންދިޔަ މީހުންގެ ޙާލަތު އިތުރަށް ގޯސްވީއެވެ.
ތޫފާންގެ ސަބަބުން ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ކޮލަންބޯފަދަ ބޮޑެތި އާބަން ސެންޓަރުތައްވެސް ހިމެނެއެވެ. ރަށްފުށުގެ ސަރަހައްދުތަކެކޭ އެއްގޮތަށް އާބަން ސަރަހައްދުތަކުގައިވާ މީހުންގެ ގެދޮރަށާއި ސަރުކާރުގެ އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރަށްފުށާއި އާބަން ސަރަހައްދުތައް ހިމެނޭގޮތަށް ހެލްތް ސެންޓަރުތަކާއި އެކި ފެންވަރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ގިނަ ސްކޫލްތަކެއް ވަނީ ބޮޑެތި މަރާތުތަކެއް ކުރަންޖެހޭ ވަރަށް ހަލާކުވެފައެވެ. ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބުނު އެއް ސަރަހައް ދަނީ ނުވަރައެލީޔާ (ނޫރަލިޔާ) އެވެ. މިއީ ފަތުރުވެރިން ވަރަށް ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިކަމުގެ ބޮޑު ރަށެކެވެ. މަޝްހޫރު ރަށެެކެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ނޫރަލިޔާއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެރަށުގެ ގިނަ ސަރަޙައްދުތައް ވަނީ ފެނުއަޑީގައެވެ. ގިނަ މަގުތައް ވަނީ ފެނުގެ ސަބަބުންނާއި ކިސަޑު ފޭބުމުގެ ސަބަބުން ބަންދުވެފައެވެ. ތޫފާނުގެ ސަބަބުން ފަތުރުވެރިން ތިބޭ ހޮޓާތަކާއި ރިސޯޓުތަކާއި އާސާރީ ބިނާތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ފަތުރުވެރިކަން ކުރިއަރުވައި ޤައުމު ކޮޅަށް ޖެހުމަށް ސްރީލަންކާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ދިތުވާ ތޫފާންއަކީ އެ ގައުމަށް ލިބުނު އާދަޔާ ޚިލާފު ގެއްލުމެކެވެ. ތޫފާންގެ ކުރިންނާ އަދި ތޫފާނަށްފަހުވެސް ސްރީލަންކާއަށް ދަތުރު ނުކުރުމަށް އެކި ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްތައް ކުރަމުން ގެންދިޔުމުގެ ސަބަބުން ފަތުރުވެރިންގެ ބުކިންގްތައް ދަނީ ކެންސަލްވަމުންނެވެ.
މިއާއެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށް ސްރީލަންކާގެ މީޑިއާ ބުނެއެވެ. ދިތުވާ ތޫފާންގެ ސަބަބުން ސްރީލަންކާއަށް 700 ވަރަކަށް މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް އެ ގައުމުގެ ބައެއް ފަރާތްތަކުން އަންދާޒާ ކޮށްފައިވީނަމަވެސް ލިބުނު ގެއްލުމުގެ އަންދަޒާ ހިސާބެއް ސްރީލަންކާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ފެންބޮޑުވުމުގެ ކަންތައް ހައްލުވުމުން ނޫނީ ލިބުނު ގެއްލުން އަންދާޒާ ކުރަން ދަތިވާނެކަމަށް ވަނީ ބެލެވިފައެވެ. ސުންނާފައިވެފައިވާ 80,000 ގެއާއި އެ ނޫން ގިނަ އިމާރާތްތަކާއި ހަލާކުވެފައިވާ ދަނޑުބިންތަކާއި ފަތުރުވެރިކަމުގެ އިމާރާތްތަކާއި ކާރުޚާނާތަކާއި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުމިން އަންދާޒާ ކުރުމަކީ ކުއްލިއަކަށް ކުރެވޭނެކަމެއް ނޫނެވެ.
މި ގެއްލުންތަކުން އަރައިގަތުމަށް ސްރީލަންކާ ސަރުކާރުގެ ބަޖެޓުން އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުކުރަން ޖެހޭނެއެވެ. މިއީ ބަނގުރޫޓް ވުމަށްފަހު ސްރީލަންކާއަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. ތޫފާނުގެ ސަބަބުން ކުރިމަތިވި ކާރިސީ މިހާލަތުން އަރައިގަތުމަށް ބޭރުގެ އެހީތައް ލިބޭނެކަމަށް ބެލެވުނުނަމަވެސް ދުނިޔޭގެ ހާލަތު މިހާރު އޮތްގޮތުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކާ ގާތަށްވެސް ބޭރުގެ އެހީތައް އެގައުމަށް ލިބުން ދުރެވެ.
ޚާއްސަކޮށް މަރާމާތަށް ބޭނުންވާ އެހީތަކެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި ކަމަށްވާ ބޭހާއި ރަޖާ އަދި ފޭލިގެތައް އެކަށީގެންވާ ވަރަކަށް ބޭރުން ލިބިދާނެއެވެ. ނަމަވެސް ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުން ފޫބެއްދުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. ހާލުގައި ޖެހިފައިވާ ލައްކައެއްހާ މީހުންނަށް އެތައް މަހެއްވަންދެން އެ މީހުންގެ ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ސަރުކާރުން ބަލަހައްޓަން ޖެހުމަކީ ކުޑަކަމެއްނޫނެވެ.