ގަތަރުގެ ކުރީގެ އަމީރު އަދި އެ ގައުމުގެ ޒަމާނީ ތަރައްގީގެ ބާނީ ކަމަށްވާ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ އުމުރުފުޅުން 74 އަހަރުގައި އިއްޔެ އަވަހާރަވުމަކީ، މެދުއިރުމަތީގެ ތާރީޚުގައި ނިމުނު ވަރަށް މުހިންމު ސަފުހާއެކެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެ މަނިކުފާނު ކުރެއްވި 18 އަހަރުގެ ވެރިކަމުގައި، ގަތަރުގެ އިގުތިސާދީ މަންޒަރު ވަނީ މުޅިން ބަދަލުކޮށްލައްވައިފައެވެ. ގުދުރަތީ ގޭހުގެ މުއްސަނދިކަން ހުރި ނަމަވެސް، އެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފެށުނީ ޝައިޚް ހަމަދުގެ ދުރުވިސްނިވަޑައިގަންނަވާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގަތަރަކީ ހަމައެކަނި ތެލާއި ގޭސް ވިއްކާ ގައުމެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ނުފޫޒުގަދަ އިންވެސްޓަރަކަށް އަދި ތައުލީމާއި ކުޅިވަރުގެ މަރުކަޒަކަށް ވަނީ ވެފައެވެ.
ޝައިޚް ހަމަދުގެ އިގުތިސާދީ އިސްލާހުތަކުގެ ފެށުން ގުޅިފައިވަނީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މާ ކުރީގެ ތާރީޚަކާއެވެ. އެގޮތުން 1989 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު، ގަތަރުގެ އިގުތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތައް އެކުލަވައިލުމުގެ ޒިންމާ އޮންނަ 'ސުޕްރީމް ކައުންސިލް ފޯ ޕްލޭނިން' ގެ ޗެއާމަންކަމާ އެ މަނިކުފާނު ހަވާލުވެވަޑައިގަތެވެ. މި މަގާމުގައި ހުންނަވައިގެން، ގައުމުގެ ތަރައްގީގެ ޕްލޭންތައް އެކުލަވައިލެއްވުމުގެ މަސައްކަތް އިސްކޮށް ބެލެހެއްޓެވިއެވެ.

އޭރު ގަތަރުގެ އިގުތިސާދު އޮތީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ބަރޯސާވެފައެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ގަތަރުގެ އިގުތިސާދަކީ ވަރަށް ކުޑަ އިގުތިސާދެކެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކާ ހަވާލާދީ ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދުވަސްވަރު ގަތަރުގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރީ ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭހުގެ ރިޒާވް ކަމަށްވާ 'ނޯތު ފީލްޑް' އޮތީ ތަރައްގީކުރުމުގެ އެންމެ ކުރީކޮޅުގެ މަރުހަލާގައެވެ.
ގަތަރުގެ އިގުތިސާދީ ބޮޑު ބަދަލުގެ އަސްލަކީ ނޯތު ފީލްޑް ފުޅާ ދާއިރާއެއްގައި ތަރައްގީކުރަން ފެށުމެވެ. އެގޮތުން 1990 ގެ އަހަރުތަކުގެ ފަހުކޮޅު، ގޭސް ދިޔާކޮށްގެން ބޭރުކުރުމުގެ (އެލްއެންޖީ) މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ޝައިޚް ހަމަދު ނިންމެވި ނިންމެވުމަކީ އޭރުގެ ހާލަތަށް ބަލާއިރު ބޮޑު ރިސްކެކެވެ. ނަމަވެސް އެއީ ތާރީޚީ ކާމިޔާބީއެއް ހޯދައިދިން ނިންމެވުމެކެވެ. ގަތަރު ޕެޓްރޯލިއަމްގެ ދަށުން ''ގަތަރުގޭސް'' އަދި ''ރަސްގޭސް'' އުފައްދަވައި، އެކްސަންމޯބިލް އަދި ޓޯޓަލްއެނާޖީސް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ހޯއްދެވިއެވެ. އަދި 1996 ވަނަ އަހަރު ފުރަތަމަ އެލްއެންޖީ ޝިޕްމަންޓް ބޭރުކުރި ފަހުން، 15 އަހަރު ނުވަނީސް ގަތަރު ވަނީ ދުނިޔޭގެ އެންމެ ގިނައިން އެލްއެންޖީ އެކްސްޕޯޓުކުރާ ގައުމަށް ވެފައެވެ.
ގަތަރު އެނާޖީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2010 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް އައިއިރު ގަތަރުގެ އެލްއެންޖީ އުފެއްދުމުގެ ގާބިލުކަން ވަނީ އަހަރަކު 77 މިލިއަން ޓަނަށް އިތުރުވެފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި 14 އެލްއެންޖީ ޓްރެއިން ބިނާކުރިއިރު، އޭގެ ތެރޭގައި އަހަރަކު 7.8 މިލިއަން ޓަނު އުފައްދާ ހަ މެގަ ޓްރެއިން ހިމެނެއެވެ. އަދި 54 އެލްއެންޖީ ބޯޓުގެ ފްލީޓެއް ގާއިމުކުރިއެވެ. މި ބޮޑު ކުރިއެރުމާއެކު، އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކުގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ މައިގަނޑު ބައިވެރިއަކަށް ގަތަރުވިއެވެ.
ގަތަރުގެ އަމީރީ ދީވާނުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޝައިޚް ހަމަދުގެ ވެރިކަމުގައި ހައިޑްރޯކާބަން ސިނާއަތުގެ އަގު ވަނީ 11 ބިލިއަން ރިޔާލުން (ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު) 403 ބިލިއަން ރިޔާލަށް (ގާތްގަނޑަކަށް 110.4 ބިލިއަން ޑޮލަރު) އިތުރުވެފައެވެ.

ގޭހުގެ ސިނާއަތުން ލިބުނު ބޮޑު އާމްދަނީއާއެކު، ގަތަރުގެ އިގުތިސާދުވީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އައި އެއް އިގުތިސާދަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، 2006 ވަނަ އަހަރު ގަތަރުގެ އިގުތިސާދީ ކުރިއެރުން 18 އިންސައްތައިގައި ހުރިއިރު، 2011 ވަނަ އަހަރު އެ އަދަދު ވަނީ 26.2 އިންސައްތައަށް އުފުލިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2013 ވަނަ އަހަރު ޝައިޚް ހަމަދު ވެރިކަމުން ފައިބައިވަޑައިގަތް އިރު، ގައުމުގެ ޖީޑީޕީ ވަނީ 199 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 1995 ވަނަ އަހަރާ އަޅައި ބަލާއިރު ވިހި ގުނަ ބޮޑު އަދަދެކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ ކުރިއަށް ގަތަރު އެރިއެވެ. ޕާޗޭސިން ޕަވާ ޕެރިޓީއަށް ބަލާއިރު ބޮލަކަށް ޖެހޭ އާމްދަނީ 90،000 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ.
އިގުތިސާދީ ބަދަލުތައް، ހަމައެކަނި އާމްދަނީ އިތުރުކުރުމަކުން ނިމުނީއެއް ނޫނެވެ. ލިބެމުންދިޔަ މުއްސަނދިކަން މެނޭޖުކުރުމަށްޓަކައި 2001 ވަނަ އަހަރު 'ސުޕްރީމް ކައުންސިލް ފޯ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް' އުފެއްދެވިއެވެ. އޭގެ ހަތަރު އަހަރު ފަހުން، 2005 ވަނަ އަހަރު، ތެލާއި ގޭހުން ލިބޭ އާމްދަނީގެ ތެރެއިން އިތުރުވާ ފައިސާ އިންވެސްޓްކުރުމަށްޓަކައި ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއުއައިއޭ) އުފެއްދެވިއެވެ.
ޝައިޚް ހަމަދުގެ އަމާޒަކަށް ވީ، ގުދުރަތީ ވަސީލަތްތައް ހުސްވާ ދުވަހަކުން ވެސް ގައުމަށް އާމްދަނީ ލިބޭނެ ދެމެހެއްޓެނިވި މަގުތަކެއް ކޮށުމެވެ. ކިއުއައިއޭ ވަރަށް އަވަހަށް ދުނިޔޭގެ އެންމެ ބޮޑު އެއް ސޮވެރިން ވެލްތު ފަންޑަށް ބަދަލުވިއެވެ. ސޮވެރިން ވެލްތު ފަންޑް އިންސްޓިޓިއުޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު އެ ފަންޑުގެ އެސެޓްތަކުގެ އަގު 500 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 600 ބިލިއަން ޑޮލަރަށް އަރާފައެވެ.
މި ފަންޑު މެދުވެރިކޮށް ގަތަރުން ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަނެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ބާކްލޭސް ބޭންކާއި، ޖަރުމަނުގެ ވޯލްކްސްވެގަން ކުންފުނި ހިމެނެއެވެ. އަދި 2010 ވަނަ އަހަރު ލަންޑަނުގެ މަޝްހޫރު ހެރޮޑްސް ޑިޕާޓްމަންޓް ސްޓޯރު ގާތްގަނޑަކަށް 1.5 ބިލިއަން ޕައުންޑަށް (2.35 ބިލިއަން ޑޮލަރު) ގަތަރުން ވަނީ ގަނެފައެވެ. އޭރު ކިއުއައިއޭގެ އިސްވެރިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ އިންވެސްޓްމަންޓްތަކުގެ ބޭނުމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ވިޔަފާރިތައް ގަތަރުގެ ޕޯޓްފޯލިއޯގައި ހިމެނުމެވެ. މީގެ އިތުރުން ލަންޑަނުގެ ޝާޑް އިމާރާތާއި، ކެނެރީ ވޯފް ފަދަ ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫއުތަކުގައި ވެސް ގަތަރުން ވަނީ އިންވެސްޓްކޮށްފައެވެ. ފަހަކަށް އައިސް އޭޝިއާގެ މާކެޓުތަކަށް ވެސް ކިއުއައިއޭ އިން ވަނީ ވަދެފައެވެ. އެގޮތުން ޗައިނާގެ އެސެޓް މެނޭޖްމަންޓް ކުންފުނިތަކާއި ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުނިތަކުގައި އިންވެސްޓްކުރުން ހިމެނެއެވެ.
ހަކަތައިގެ ދާއިރާއިން ލިބުނު ކުރިއެރުމާ އެއްވަރަށް، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ވެސް ޝައިޚް ހަމަދު ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ، 1995 ވަނަ އަހަރުގެ އޮގަސްޓު މަހު 'ގަތަރު ފައުންޑޭޝަން ފޯ އެޑިއުކޭޝަން، ސައިންސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް' އުފެއްދެވުމެވެ. އެ މަނިކުފާނުގެ އަނބިކަނބަލުން ޝައިޚާ މޫޒާ ބިންތު ނާސިރުގެ އިސްނެންގެވުމާއެކު ހިންގަވަން ފެށި މި ފައުންޑޭޝަނަކީ ތައުލީމާއި، ސައިންޓިފިކް ދިރާސާތަކާއި، އީޖާދުތަކަށް އިންވެސްޓްކުރުމުގެ މައިގަނޑު މަރުކަޒެވެ. މި ފައުންޑޭޝަންގެ ދަށުން ގަތަރުގައި 'އެޑިއުކޭޝަން ސިޓީ' ގާއިމުކޮށް، ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަސިޓީތަކުގެ ކެމްޕަސްތައް އެ ގައުމަށް ގެނައެވެ.

އެގޮތުން ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާއިން ކިޔަވައިދިނުމަށް ޖޯޖްޓައުން ޔުނިވަސިޓީ، އިންޖިނިއަރިން ދާއިރާއިން ޓެކްސަސް އޭއެންޑްއެމް، އަދި މެޑިސިންގެ ދާއިރާއިން ވީލް ކޯނެލް މެޑިކަލް ކޮލެޖް ފަދަ ތަންތަން ހިމެނެއެވެ. ޓެކްސަސް އޭއެންޑްއެމްގެ ކެމްޕަސް ހިންގުމަށްޓަކައި 150 މިލިއަން ޑޮލަރުގެ އަގުބޮޑު އިމާރާތެއް ވެސް ގަތަރު ފައުންޑޭޝަނުން ބިނާކޮށްދިނެވެ. ތައުލީމީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ގަތަރު ފައުންޑޭޝަނުން މި ޔުނިވަސިޓީތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓާތީ، އެ ތަންތަނަށް އާމްދަނީ ހޯދުމުގެ ބުރައެއް ނޯވެއެވެ. މިއީ ތެލާއި ގޭހަށް ފަހު އަންނަ ޒަމާނަކަށް، އިލްމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކުރުމަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ހަމައެއާއެކު، ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ހަމަދު މެޑިކަލް ކޯޕަރޭޝަން ތަރައްގީކޮށް، އާ ހޮސްޕިޓަލްތަކާއި ޚާއްސަ މަރުކަޒުތައް ބިނާކުރެއްވިއެވެ.
ޝައިޚް ހަމަދުގެ ވެރިކަމުގައި ގޭހުން ލިބުނު އާމްދަނީ ބޭނުންކުރެއްވީ ހަމައެކަނި ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަކަށް ނޫނެވެ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އެ ފައިސާ އިންވެސްޓްކުރެއްވިއެވެ. ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި، ހަމަދު ޕޯޓާއި، ލުސައިލް ސިޓީގެ އިތުރުން ޒަމާނީ މަގުތަކުގެ ވިއުގައެއް ގާއިމުކުރެއްވިއެވެ.
ޚާއްސަކޮށް ލުސައިލް ސިޓީއަކީ ހުސް ބިމެއްގައި މުޅިން އަލަށް ބިނާކުރި ޒަމާނީ ސިޓީއެކެވެ. މިއީ ފަހުން ދޯހާ މެޓްރޯގެ ބިންގާ ކަމުގައި ވެސްވިއެވެ. މި އުމްރާނީ ތަރައްގީއަކީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފު ހޯދި ފުރަތަމަ އަރަބި އަދި މެދުއިރުމަތީގެ ގައުމަށް ގަތަރު ވުމުގެ މައިގަނޑު ސަބަބެވެ. ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުމާ ގުޅިގެން، އުމްރާނީ ތަރައްގީއަށް 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަކުރުމުގެ ޕްލޭންތަކެއް ސަރުކާރުން ފާސްކުރިއެވެ. މީގެ ތެރޭގައި ޒަމާނީ ފެންވަރުގެ އަށް ސްޓޭޑިއަމް ބިނާކުރުމާއި، ރޭލު ދަގަނޑުތަކުގެ ނިޒާމު ފުޅާކުރުމާއި، އާ އެއާޕޯޓެއް އަދި ބަނދަރެއް ތަރައްގީކުރުން ހިމެނެއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ގަތަރުގެ ކޮންސްޓްރަކްޝަން ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ލިބުނެވެ.
ގަތަރުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި 2008 ވަނަ އަހަރު 'ގަތަރު ނޭޝަނަލް ވިޝަން 2030' ގެ ނަމުގައި ސްޓްރެޓީޖިކް ޕްލޭނެއް އިފުތިތާހުކުރެއްވިއެވެ. މި ޕްލޭން ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ އިގުތިސާދީ، އިޖުތިމާއީ، އިންސާނީ އަދި ތިމާވެށީގެ ތަރައްގީއެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ އަންނަން އޮތް ޖީލުތަކަށް ފާގަތިކަން ކަށަވަރުކޮށްދިނުމާއެކު، އިލްމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކުރުމެވެ. މިއަދު ވެސް ގަތަރުގެ އިގުތިސާދީ ސިޔާސަތުތައް ބައްޓަންކުރަމުން ދަނީ މި ތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ތަރައްގީގެ ބިންގަލަކަށް ބަދަލުކުރުމަށް ޝައިޚް ހަމަދު ފެއްޓެވި މަސައްކަތްޕުޅަކީ އެ މަނިކުފާނުގެ އެންމެ ބޮޑު ތަރިކައެވެ.

ސުޕްރީމް ކައުންސިލް ފޯ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓާއި ކިއުއައިއޭ ފަދަ މުއައްސަސާތައް އުފެއްދެވުމާއި، ތައުލީމާއި އުމްރާނީ ތަރައްގީއަށް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުން، ހަމައެކަނި ތެލަށް ބަރޯސާވެފައި އޮތް ގައުމެއްގެ ބަދަލުގައި ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކުގެ ނުފޫޒުގަދަ ގައުމަކަށް ގަތަރު ވަނީ ބަދަލުވެފައެވެ. މި ހަރުދަނާ ބިންގަލުގެ މަތީގައި، ޝައިޚް ހަމަދުގެ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ގެންދަވަނީ ގަތަރުގެ އިގުތިސާދީ ސިޔާސަތުތައް ކުރިއަށް އޮތް މަރުހަލާއަށް މިސްރާބުކުރައްވަމުންނެވެ. މިހާރު ވެސް ކުރިއަށްދާ ގިނަ މަޝްރޫއުތަކަކީ ޝައިޚް ހަމަދު އެކުލަވައިލެއްވި ތަސައްވުރުގެ ނަތީޖާއެވެ.