ފުލުހުން ފެނުމުން މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ޒުވާނަކު އިއްޔެ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 1،806 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.