އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ)އަށް ޚާއްސަކޮށް އެވޯޑު ހަފުލާއެއް ފުރަތަމަ ފަހަރަށް ބާއްވައި، 21 ވިޔަފާރިއަކަށް ރޭ އެވޯޑުތައް ދީފިއެވެ.
އެމްއެސްއެމްއީ އެވޯޑް ދެނީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. އެއީ، ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެއް ކަމަށް ބީސީސީން ބުނެފައިވެއެވެ.
މި އެވޯޑު ދީފައި ވަނީ، ދެ ގިންތިއަކަށް ބަހާލައިގެނެވެ. އެއީ، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއާއި އާންމުން ވޯޓަށް ބަލާ ގިންތިއަކުންނެވެ.
މި އެވޯޑަށް ކުރިމަތިލުމަށް 22 ދާއިރާއަކުން ހުޅުވާލިއިރު، 21 ވިޔަފާރިއަކަށް ވަނީ އެވޯޑު ލިބިފައެވެ.
އެގޮތުން، މި އަހަރު ދިން އެންމެ ޝަރަފުވެރި ތިން އެވޯޑު ހާސިލުކުރީ:
- މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔާ: ނޮޑީސް ކޮފީ
- ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔާ: ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް
- މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔާ: އޮއިވާލި އާޓް ޝޮޕް

ފިލްމު ޕްރޮޑަކްޝަންގެ ދާއިރާއިން އެވޯޑު ލިބުނު "ދަ ކްރިސްޓަލް ކޮމްޕެނީ"ގެ އެވޯޑާ ޑައިރެކްޓަރު ފާތިމަތު ނަހުލާ ހަވާލުވަނީ --- ފޮޓޯ/ ޕީއެސްއެމް
މި ހަފުލާގައި ރޭ ވަނީ، ފަނޑިޔާރުންގެ މާކްސް ލިބުނު އަށް ވިޔަފާރިއަކާއި އާންމުންގެ ވޯޓުން ހޮވި އެންމެ މަގުބޫލު އެގާރަ ވިޔަފާރިއަކަށް ވެސް އެވޯޑު ދީފައެވެ.
ފަނޑިޔާރުންގެ މާކްސްއިން އެވޯޑު ލިބުނު ވިޔަފާރިތައް:
- ސްޓާޓް އަޕް އޮފް ދަ އިޔާ: ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑް
- ގްރީން އެމްއެސްއެމްއީ އޮފް ދަ އިޔާ: ފަހި ގޮވާން
- ޓެކް އެމްއެސްއެމްއީ އޮފް ދަ އިޔާ: ޕިނެޓް ވޯކްސް ޕްރައިވެޓް ލިމިޓެޑް
- އައުޓް ސްޓޭންޑިން ސޯޝަލް ކޮންޓްރިވިއުޝަން އޮފް ދަ އިޔާ: ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް
- ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދަ އިޔާ: އެންކްރިއާ ޕްރައިވެޓް ލިމިޓެޑް
- ނެކްސްޓް-ޖެން އެމްއެސްއެމްއީ އޮފް ދަ އިޔާ: ޖަވާބު ޕްރައިވެޓް ލިމިޓެޑް
- ޔޫތް-ލެޑް އެމްއެސްއެމްއީ އޮފް ދަ އިޔާ: ފޯ ދަ ސޮއުލް ބައި ހިމޫ
- ވުމަން-ލެޑް އެމްއެސްއެމްއީ އޮފް ދަ އިޔާ: މާޔާ ނާސިހް
އާންމުންގެ ވޯޓުން މަގުބޫލު އެވޯޑުތައް ލިބުނު ވިޔަފާރިތަކުގެ ތެރޭގައި ހިމެެނެނީ، އެގާރަ ދާއިރާއަކުން އެވޯޑު ލިބުނު ތަފާތު ވިޔަފާރިތަކެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށްވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.