އާމިރުގެ ފަރާތުން ކެރިއަރަށް ލިބޭ އެއްބާރުލުމަށް ކުރީގެ އަންހެނުން ރީނާ ޝުކުރު އަދާކޮށްފި

އާމިރު ކުރީގެ އަނބިމީހާ ރީނާ ދައްތާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ލިބިފައިވާ ކުރެހުމުގެ ހުނަރު ކުރިއެރުވުމަށް، އާމިރު ޚާންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށް އެކްޓަރުގެ ކުރީގެ އަންހެނުން ރީނާ ދައްތާ ބުނެފިއެވެ.

ދާދިފަހުން ރީނާގެ ކުރެހުމުގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި އެގްޒިބިޝަނަށް އާމިރު ދިއުމުން ލިބުނީ ހައިރާންކަމެއް ކަމަށާއި އާމިރު އަންނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ރީނާ ވަނީ ބުނެފައެވެ. އާމިރަށް ޝުކުރު އަދާކުރަމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރީނާ ބުނީ، އޭނާގެ އާޓް ކެރިއަރު ކުރިއެރުވުމަށް އާމިރު އަބަދުވެސް ހިތްވަރުދޭ ކަމަށެވެ.

މިހާތަނަށް އާމިރުގެ ފަރާތުން އެކަމުގައި ލިބެމުން އައި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އަމިއްލަ އެގްޒިބިޝަނެއް ބޭއްވުނީ ވެސް އާމިރުގެ ހިތްވަރުގެ ސަބަބުން ކަމަށް ރީނާ ބުނެފައިވެއެވެ.

ރީނާ ވަނީ އާޓް އެގްޒިބިޝަނުގައި އާމިރުއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ރީނާ އާއި އާމިރުގެ ކައިވެނި ކުރީ އެކްޓަރުގެ ފިލްމީ ކެރިއަރު ފެށުމުގެ އަހަރުތަކެއް ކުރިން 1986 ވަނަ އަހަރެވެ.

މި ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އޭގެތެރެއިން ޖުނައިދު ޚާން އަކީ މިހާރު ބޮލީވުޑަށް ތައާރަފުވެފައިވާ ޒުވާނެކެވެ. ރީނާ އާއި އާމިރުގެ ކައިވެނި ރޫޅާލީ އެ ކައިވެންޏަށް 16 އަހަރުވީ ފަހުންނެވެ.

އާމިރު ދެވަނަ އަނބިމީހާ އަދި ފިލްމު ޑައިރެކްޓަރު ކިރަން ރާއޯއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އާމިރު ޚާން ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓެއްގައި ވެސް ވަނީ ރީނާއަށް ވަރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. ދެ މީހުންގެ ކައިވެނި ރޫޅުނީ އުމުރުން ވަރަށް ޅައިރު އަވަސް އަރުވާލައިގެން ޒަވާޖީ ހަޔާތެއް ފެށުމުގެ ސަބަބުން ކަމަށާއި އޭރު ކައިވެންޏާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލެވުނުނަމައޭ މިހާރު ހިތަށް އަރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ރީނާ ވަރިކުރުމަށްފަހު އާމިރު ދެން ކައިވެނި ކުރީ އެކީގައި މަސައްކަތްކުރި، މިހާރުގެ ފިލްމު ޑައިރެކްޓަރު ކިރަން ރާއޯއާއެވެ. މި ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ދެ މީހުންގެ ކައިވެނި ވެސް ރޫޅުނީ އެކީގައި އުޅޭތާ 16 އަހަރުވީ ފަހުންނެވެ.

އާމިރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ގޯރީ ސްޕްރެޓް ނަމަކަށް ކިޔާ، އާމިރަށް ވުރެ 14 އަހަރު ހަގު އަންހެނަކާއެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރުވެފައިވާއިރު ގޯރީ ރަހްމަތްތެރިއެއްގެ ގޮތުގައި ދަންނަތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ކުރީގެ ދެ އަނބިންނާ ވަކިވި ނަމަވެސް އާމިރު އާއި އާމިރުގެ އާއިލާއިން ދެ އަނބިންނާ ވެސް އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއީ މިހާރުވެސް އާމިރުގެ އާއިލާގެ ބައެއް ކަމަށާއި އެ ގުޅުން ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

comment ކޮމެންޓް