ކުރިމަގުގައި ފިލްމު އިންޑަސްޓްރީއިން ނުފެންނާނެ ކަމުގެ އިޝާރާތެއް ކުރިން ދީފައިވާ އިންޓަވިއުތަކުގައި ބުނި ނަމަވެސް އެ ނިންމުން ބަދަލުކޮށް ފުލްޓައިމްކޮށް އެކްޓިންގްއަށް ނުކުންނަން ތައްޔާރުވާ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން މިކަން އިއުލާނުކޮށްފައި ވަނީ އިންޑިއާގެ ގޯއާގައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދިޔަ 56 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ކުރިއަށްދިޔަ މާސްޓަ ކްލާހެއްގައި ވާހަކަ ދައްކަމުންނެވެ.
އާމިރުގެ ފިލްމީ ކެރިއަރު ފެށުނުގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ބުނީ ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އާމިރުގެ މާމަގެ ސަބަބުން ކަމަށެވެ.
ކުޑައިރުވެސް މާމަ އަބަދުވެސް އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ކަމަށާއި އެހެން މީހުންނަށް އާމިރުގެ ޚިޔާލީ ވާހަކަތައް ކިޔައިދިނުމުގެ ޝައުގުވެރިކަން އުފެދުނީ އެހިސާބުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމު ކަަމަށްވާ "ލަގާން"ގެ މަންޒަރެއްގައި އެކްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
މިހާތަނަށް އާމިރު ވަނީ ފިލްމީ ކެރިއަރުގައި ވަރަށް ބޮޑެތި ރިސްކުތައް ނަގާފައި ކަމަށާއި އޭގެތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރުގެ ފިލްމު "ލަގާން" ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
ފިލްމީ ކެރިއަރާ ގުޅޭގޮތުން ކުރިއަށްދިޔަ ވާހަކައިން އެންމެ ބޮޑު ސަމާލުކަމެއް ހޯދީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތައް ނިންމުމަށްފަހު ފުލް-ޓައިމްކޮށް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އާމިރު ބުނުމުންނެވެ.
އާމިރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ފަށާފައިވާ ފިލްމު "ލާހޯރު 1947"ގެ އިތުރުން "ހެޕީ ޕަޓޭލް"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ. މީގެއިތުރުންވެސް އަމިއްލަ ފިލްމު ކުންފުނިން އުފައްދާ އިތުރު ފިލްމުތަކެއްގައި އާމިރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ފިލްމުތަކުގެ މަސައްކަތްތަކަށްފަހު ފިލްމު ޕްރޮޑަކްޝަނުން އެކްޓިންގްއަށް ދިއުމަށް ނިންމާފައިވާ ކަމަށާއި މިއީ އެކްޓު ކުރުމަށް ފަށަންވީ އެންމެ ރަނގަޅު ވަގުތު ކަމަށް އާމިރު ވަނީ ބުނެފައެވެ.
ޕްރޮޑިއުސަރަކަށް ވުމަށްވުރެ ބޮޑަށް ފިލްމު ޑައިރެކްޓަރަކަށް ވުމަކީ އާމިރު އެންމެ ބޭނުންވާ އަދި އެންމެ ބޮޑު އުފަލެއް އެކްޓަރަށް ލިބޭނެ މަސައްކަތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމެއް ޑައިރެކްޓް ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އެ ދުވަހުން އެކްޓިންގްއަށް އަލްވަދާޢު ކިޔާނެ ކަމަށް ވެސް "ޑަންގަލް"ގެ އެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ ވަގުތު ޖެހެންދެން ދެން މަސައްކަތް ކުރާނީ އެކްޓަރެއްގެ ގޮތުގައި ކަމަށް އާމިރު ވަނީ ބުނެފައެވެ.