ދަތުރު ތެރޭގައި ކުރިމަތިވާނެ އެކި ހާލަތްތަކަށް އިންޝުއަރެންސް ފޯރުކޮށްދިނުމަށް ބިއޯންޑް އެއާލައިނުން، ސޭލިންކޯ އިންޝުއަރެންސްއާއެކު ޕާޓްނާޝިޕެެއް ހަދައިފިއެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމުގައިވާ ބިއޯންޑް އެއާލައިނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ 'ބިއޯންޑް އެޝުއަރެންސް' ނަމުގައި ދަތުރުތަކަށް އައު އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފުކުރިކަން އިއުލާނުކޮށްފައެވެ.
އެގޮތުން ބިއޯންޑް އެޝުއަރެންސްއަކީ ގަންނަ ކޮންމެ ޓިކެޓަކާއެކު ފޯރުކޮށްދޭ ޕްރިމިއަމް، ފުރިހަމަ ޓްރެވަލް ޕްރޮޓެކްޝަން ޕްރޮގްރާމެއް ކަމަށް ބިއޯންޑްއިން ބުންޏެވެ. އަދި ޓިކެޓް ބުކްކުރާ ހިސާބުން މި ޚިދުމަތް ލިބޭނެ ކަމަށް ވެސް ބިއޯންޑުން ބުންޏެވެ.
ބިއޯންޑްގެ ސީއީއޯ އަދި ޗެއާމަން ޓެރޯ ޓަސްކީލާ ވިދާޅުވީ، އައު މާކެޓްތަކަށާއި މަންޒިލްތަކަށް ބިއޯންޑްގެ ޚިދުމަތް ފުޅާވަމުންދާއިރު، ދަތުރުވެރިންނަށް އަރާމު އަދި އިތުބާރާއެކު އެހީތެރިކަން ލިބޭ ދަތުރެއް ދިނުމަކީ މި ޕްރޮގްރާމްގެ މަގްސަދެއް ކަމަށެވެ.
ބިއޯންޑް އެޝުއަރެންސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 24 ގަޑިއިރުގެ ކަވަރޭޖް ފޯރުކޮށްދޭއިރު ކުއްލި ހާލަތްތަކުގައި ދޭންޖެހޭ މުހިންމު ޚިދުމަތްތައް އެ އެއާލައިނުން ލިބޭނެ ކަމަށް ބިއޯންޑްއިން ބުންޏެވެ.
މި އިންޝުއަރެންސް ކަވަރޭޖްގެ ތެރޭގައި ހިމެނެނީ:
- ސިއްހީ އެހީތެރިކަން: ކުއްލި ސިއްހީ ހާލަތްތަކަށް ދާނެ ޚަރަދުތަކާއި، ދަތުރުފަތުރާއި، ދަތުގެ ފަރުވާ
- ޓްރިޕް ޕްރޮޓެކްޝަން: ފްލައިޓް ކެންސަލްވުމާއި، ލަސްވުމާއި، ކަނެކްޝަން ގެއްލިގެން ދިއުން
- ލަގެޖް ޕްރޮޓެކްޝަން: ގެއްލިފައިވާ، ހަލާކުވެފައިވާ، ނުވަތަ ލިބުން ލަސްވެފައިވާ ދާގީނާތައް
- ޕާސަނަލް އެކްސިޑެންޓް ޕްރޮޓެކްޝަން
- ސިވިލް ލަޔަބިލިޓީ ބެނެފިޓްސް
މި ޕާޓްނަޝިޕާ ގުޅޭ ގޮތުން ސޭލިންކޯ ހޯލްޑިންގްސް ޕީއެލްސީގެ އެގްޒެކެޓިވް ޑިރެކްޓަރު ޕެޓްރިކް އަލްވިސް ވިދާޅުވީ، ބިއޯންޑާ އެކު ޕާޓްނަޝިޕް ހެދުމަށް އެ ކުންފުނިން ނިންމީ ޕްރިމިއަމް ދަތުރުތަކުގެ ތަޖުރިބާ ފުރިހަމަ ކުރުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ކަވަރޭޖް ސޫޓެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ސޭލިންކޯ ހޯލްޑިންސް ޕީއެލްސީއަކީ މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ސްރީ ލަންކާގެ ކުންފުންޏެކެވެ. އަދި އެއީ 1939ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. މި ކުންފުނީގެ ސަބްސިޑިއަރީއެއް ކަމުގައިވާ ސޭލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މިހާރުވެސް އޮޕަރޭޝަންތައް ހިންގައެވެ.
ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިނަކީ ރާއްޖޭގެ ފުރަތަމަ މަތީ ފަންތީގެ ލެއިޝާ އެއާލައިނެވެ. މި އެއާލައިންގެ ފްލައިޓްތަކުގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ އެ ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް ލަގްޒަރީ ތަޖުރިބާއެއް ލިބިގެން ދާނޭ ގޮތަށް އިޓަލީގެ ކުންފުންޏަކުންނެވެ.