ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މަރަން ހުކުމް ކޮށްފިއެވެ.
ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅަށް މިދިޔަ އަހަރު މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑި ޖަހައި އަނިޔާވެރި ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަ އެކަމަނާގެ މައްޗަށް ސާބިތުވުމުންނެވެ.
ޝަރީއަތަށް ހާޒިރުވާން ކޯޓުން އެތައް އަމުރެއް ނެރުމުން ވެސް ޙަސީނާ ހާޒިރުވެ ވަޑައިގެންފައި ނުވާތީ ޝަރީއަތް ކުރިއަށް ގެންދިޔައީ އެކަމަނާގެ ޣައިރު ހާޒިރުގައެވެ.
މިދިޔަ އަހަރު ހިންގި އެ ގަތުލުއާންމުގެ ސަބަބުން ހަސީނާގެ 15 އަހަރުގެ "ޚުދުމުޚުތާރު" ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. ވެރިކަން ވެއްޓުމުން ހަސީނާ ވަނީ ފިއްލަވައިގެން އަވަށްޓެރި އިންޑިއާ އަށް ވަޑައިގަންނަވާފައެވެ. އޭގެފަހުން އާންމު ތަންތަނުން އެކަމަނާ ފެނިފައެއް ނުވެއެވެ.
ހަސީނާއަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވާ ކަމަށް އެކަމަނާގެ ދަރިކަލުން ސަޖީބް ވަޒީދުވެސް ވަނީ ވިދާޅުވެފައެވެ.
އދ ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެ އަހަރު ކުރި މުޒާހަރާތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާއިރު، ގިނައީ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުން މަރުވި މީހުންނެވެ.
ނަމަވެސް އެ ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މި ހަފްތާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވަނީ ވިދާޅުވެފައެވެ.
އަދި ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ އޭނާގެ ޝަރީއަތަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލްކުރާ ނުރަސްމީ ކޯޓަކުން ކުޅުނު ޑްރާމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބަންގްލަދޭޝްގައި މިހާރު އޮތް ވަގުތީ ސަރުކާރުގެ ތަރުޖަމާނު ވަނީ އެކަން ދޮގުކުރައްވައި އެއީ އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތަށް ލިޔެ ކިޔުންތަކާއެކު ކުރިއަށްދިޔަ ޝަރީއަތެއް ކަމަށް ވިދާޅުވެފައެވެ.
ޙަސީނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިތުރު ދެ މީހަކާ އެކުގައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލް އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޗައުދަރީ އަބްދުﷲ އަލް މާމުނެވެ.