ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް މަޝްވަރާކޮށްފި

އިންޑިއާ ރާއްޖެ ކާގޯ ފެރީ ހދ. ކުޅުދުއްފުށީ ބޭރުގައި -- ފޮޓޯ/ ޕީއެސްއެމް

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން އިއްޔެ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާނާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ދެމެދު މާލޭގައި ބޭއްވި ރަސްމީ ބައްދަލުވުމެއްގައެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި، ހިޖުރަކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ނޫ އިގުތިސާދު (ބްލޫ އިކޮނޮމީ) އަދި ކަނޑުދަތުރުފަތުރުގެ ގުޅުން ހިމެނެއެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން ވަޒީފާ އަދާކުރާ ގައުމަކަށް ވުމާއެކު، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ. ބަންގްލަދޭޝް ސަރުކާރުން މިހާރު ވެސް ދަނީ އެ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިސް ފަންތީގެ ދަތުރުތައް ކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ވިދާޅުވި ގޮތުގައި، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ "ބަންގްލަދޭޝް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތުގެ އަމާޒަކީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާކުރާނެ ފަދަ ގުޅުންތައް ބައިނަލްއަގުވާމީ މައިދާނުގައި ބިނާކުރުމެވެ.

ދެ ގައުމުގެ ދެމެދުގައި ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރެވިއްޖެނަމަ، މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ފަސޭހަވެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފައެވެ.

އޮބްޒަވޭޓަރީ އޮފް އިކޮނޮމިކް ކޮމްޕްލެކްސިޓީ (އޯއީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ބަންގްލަދޭޝްއިން ރާއްޖެއަށް 6.98 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭހުގެ ބާވަތްތަކާއި، އަންނައުނެވެ. ހަމައެއާއެކު، ރާއްޖެއިން ބަންގްލަދޭޝްއަށް 3.08 މިލިއަން ޑޮލަރުގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކޮށްފައިވަނީ ޖަނަވާރުންނަށް ދޭ ކާނާގެ ބާވަތްތަކާއި ދަގަނޑުގެ ބާވަތްތަކެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް މީގެ ކުރިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، 2021 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީޓީއޭ) ގައި ސޮއިކުރުމަށާއި، ސީދާ ކޮމާޝަލް ޝިޕިން ލައިނެއް ގާއިމުކުރުމަށް ދެ ގައުމުގެ އިސްވެރިންގެ ފެންވަރުގައި ވަނީ އެއްބަސްވެފައެވެ. އޭރު އެއްބަސްވެފައިވަނީ މާލެއާއި ބަންގްލަދޭޝްގެ ތިން ބަނދަރަކާ ދެމެދު ސީދާ ދަތުރުތައް ފެށުމަށެވެ. ނަމަވެސް، މިހާތަނަށް އައިއިރު މިކަން އަމަލީ ގޮތުން ތަންފީޒުކުރެވިފައެއް ނުވެއެވެ.

އިއްޔެގެ ބައްދަލުވުމުގައި މި މައުޟޫއަށް އަލުން މަޝްވަރާކޮށްފައިވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރަސްމީ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެއަށް މުދާ ގެނެސް، ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވައިދޭ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތް ރާއްޖެއިން މިހާރު ވެސް އަންނަނީ ދެމުންނެވެ.

{

  • {
  • "summary": "# ރާއްޖެއާއި ބަންގްލަދޭޝްގެ ސީދާ ޝިޕިން ގުޅުމުގެ މަޝްވަރާތައް\n\nދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް ދެ ގައުމުގެ ޚާރިޖީ ވަޒީރުން މާލޭގައި ވަނީ ރަސްމީކޮށް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ފަސޭހަ މަގުތަކެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި، ފަތުރުވެރިކަމާއި ތަޢުލީމުގެ އިތުރުން ނޫ އިގުތިސާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ވާހަކަދެކެވިފައެވެ. އަދި ބަންގްލަދޭޝްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގުޅުންތަކެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކޮށް، ކުރިން ވެވިފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ވަނީ އަލިއަޅުވާލާފައެވެ.\n\n- ދެ ގައުމުގެ ދެމެދުގައި ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް މަޝްވަރާކުރުން.\n- ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުން.\n- ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުން.\n- 2021 ވަނަ އަހަރުގެ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން އަލުން ވާހަކަދެކެވުން.\n\n## މައިގަނޑު ނުކުތާތައް\n- ސީދާ ކަނޑުދަތުރުފަތުރުގެ ގުޅުމަކީ ދެ ގައުމުގެ ވިޔަފާރި ފުޅާކުރުމަށް އޮތް މުހިންމު ފުރުސަތެއް.\n- ބަންގްލަދޭޝްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ފައިދާކުރާނެ ގުޅުންތައް ބިނާކުރުމަށް އިސްކަންދިނުން.\n- މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މުއާމަލާތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމުގެ އުންމީދު.",
comment ކޮމެންޓް