ސަރުކާރަށް ދެ އަހަރު: "އިގްތިޞާދު ދަނީ ރަނގަޅު މިސްރާބަކަށް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ"

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ސަރުކާރަށް އެންމެ ބޮޑަށް ތައުރީފްކުރައްވާ އެއް ވަޒީރު މުހައްމަދު ސައީދު: ވިދާޅުވީ، މި ސަރުކާރުގެ މަސައްކަތުން އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މީގެ ދެ އަހަރުކުރިން ވެރިކަމާ ހަވާލުވުމަށްފަހު، އެމަނިކުފާނުގެ މާލިމީކަމުގައި ރާއްޖޭގެ އިގްތިޞާދު ރަނގަޅު ދިމާލަކަށް ދަތުރުކުރަމުން އަންނަ ކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ވަޒީރުން ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.

މީގެ ދެ އަހަރުކުރިން ނޮވެމްބަރު 17، 2023ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

ބައެއް ވަޒީރުން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓުތަކެއްގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުނުއިރު ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ދިވެހިރާއްޖެ، އަސާސްތަކެއްގައި ހިފަހައްޓަމުން އަންނަ ޑިމޮކްރަސީއަކާ ދިމާލަށް މިސްރާބު ޖެހުން ކަމަށެވެ.

"ސިޔާސީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އެގޮތުގައި ހިފެހެއްޓުމާއި، ގައުމީ ތަރައްގީގެ ދުވެލި އަވަސްކުރުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުން؛ މިއީ ވަރުގަދަ ދިމިގުރާތީ ދައުލަތެއް ބިނާވެގެންވާ މައި ތިން ތަނބު، މި ތިން ތަނބު ވަރުގަދަކުރުމަށް މަނިކުފާނު ވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިފައި،" ރައީސަށް ތައުރީފްކުރައްވައި، ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުގައި ރައީސްގެ މާލިމީކަމުގެ ދަށުން ވަރުގަދަ ރާއްޖެއެއް ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖެ އޮތް ގޮތް ނޭނގޭ ނުރައްކަލުގެ ތެރެއިން ސަލާމަތްކުރުމަށް ރައީސް ނިންމެވީ އުނދަގޫ ނިންމެވުންތަކެއް ކަމަށް ވިދާޅުވެފައެވެ.

"އަޑި ނޭންގޭ މާކަނޑުގެ ބިޔަރާޅުތަކުގެ ތެރެގައި ބެހިގެން ގެނބިގެން ދަނިކޮށް ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން ސަލާމަތުގެ އައްސޭރިއަަށް ހޭރިއާކުރެއްވުމުގައި ރައީސް މުއިއްޒު ނިންމެވި މުހިއްމު ނިންމެވުންތަކަކީ އުނދަގޫފުޅު އެހެނަސް ޔަޤީންކަމާއެކު މި 'ދިވެހީންގެރާއްޖެ' ސަލާމަތުގެ އައްސޭރިއަށް ބަނދަރުކުރާނެ ނިންމެވުންތަކެއް ކަމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން މިއަދު ޔަޤީންކުރައްވާ،" ޝިޔާމް ލިޔުއްވިއެވެ.

މީގެ އިތުރުން މި ނިމުނީ "ވަރަށް ކާމިޔާބު" ދެ އަހަރުގެ ގޮތުގައި ސިފަކުރައްވައި، ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ ރައީސްގެ މާލިމީކަމުގެ ދަށުން އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މިއަދު މި ސަރުކާރަށް ދެ އަހަރު ފުރޭތީ، ވެރިކަން ހިންގާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވެސް ވަނީ ޖަލްސާ ފައްޓަވަމުން އެ ކަން ފާހަގަކުރައްވައިފައެވެ. އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ "ދިވެހީންގެ ރާއްޖެ"އަކަށް އަލިވިލުނުތާ ދެ އަހަރު ފުރޭ އުފާވެރި ދުވަސް ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ޕީއެންސީން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަޕޯޓަރުން މާލެ ގެނެސް ބޮޑު އެއްވުމެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް