ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެއް ގޮތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ ހަތް ވަރަކަށް އަހަރުވެއްޖެ ކަމަށާއި އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
'ތަރުޖަމާނާ އެކު'ގެ ނަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑުކާސްޓުގައި ހައިދަރު ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭތީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ލިބޭ ކަމަށެވެ.
ބައެއް މައްސަލަތައް ދިމާވެގެން އަށް ހަފުތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި އެބަހުރި ކަމަށް ހައިދަރު ވިދާޅުވިއެވެ.

ދަރިވަރުންތަކެއް --- ފޮޓޯ: ގައުމީ ޔުނިޥަސިޓީ
މި ގޮތުން، ގިނަ ފަހަރަށް މައްސަލަތައް ދިމާވަނީ ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެފަދަ މައްސަލައެއް ދިމާވެގެން ބަލާއިރު، ބައެއް ފަހަރަށް އޮންނަނީ ވަކި ގައުމަކަށް ކަނޑައަޅާފައި އޮންނަ ސްޓައިޕެންޑުން އެހެން ގައުމެއްގައި ދިރިއުޅެން ޖެހުމުން ޚަރަދުތައް ހަމަނުޖެއްސިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކި ގައުމުތަކަށް ކަނޑައަޅާފައި ހުންނަނީ އެކި މިންވަރުގެ ސްޓައިޕެންޑެވެ. އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
ގާތްގަނޑަކަށް މިހާރު ހަތް ވަރަކަށް އަހަރު ވެއްޖެ ކަންނޭނގެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. ދިރިއުޅުމުގެ ޚަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން. އެހެންވީމާ މުރާާޖާކުރުމުގެ މަރުހަލާއެއް މި އަހަރު ތެރޭގައި ފަށައިގެން މި އުޅެނީ،ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހައިދަރު ވިދާޅުވީ، އެ ސްޓައިޕެންޑުތައް މުރާާކުރެވެމުން ގައުމެއްގައި އުޅުމަށް ބޭނުންވާ އަދަދަކަށް ފައިސާ ދެވޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ލޯނާއި ސްކޯލާޝިޕްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިނިސްޓްރީން ދަރިވަރުންނަށް ވެފައިވާ އިހުމާލެވެ. އެގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދަށް ފޮނުއްވި ސިޓީއަކާ އެކު ހުށަހެޅުއްވި ރިޕޯޓުގައިވާ ގޮތުން:
- ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް މަހުން މަހަށް ޖަމާވާން ޖެހޭ ފައިސާ ނުވަތަ ސްޓައިޕެންޑް ގަވައިދުން ނުލިބޭ، ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް އަސާސީ ބޭނުންތަކަށާއި ކުއްޔަށް ޚަރަދު ނުކުރެވޭ
- މިނިސްޓްރީން ދަރިވަރުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުލިބޭކަމާއި ވަޓްސްއަޕް މެދުވެރިކޮށް ދެނީ ނުސާފު ޖަވާބުތަކެއް
- ގަވާއިދުން ދަރިވަރުންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ދަރިވަރުންގެ ސްކޯލާޝިޕްތައް ކެންސަލްވާ ހިސާބަށް ގޮސް، ޔުނިވާސިޓީތަކުން ދަރިވަރުންނަށް ކިޔެވުމައިގެން ކުރިއަށް ނުދެވޭ ގޮތް ހަދާފައިވޭ
އޭގެ ފަހުން ހައިދަރު މިދިޔަ މަހުގެ ފަހުކޮޅު 'ސަން'އަށް ވިދާޅުވީ، ދަރިވަރުންނަށް މަހުން މަހަށް ގަވައިދުން ފައިސާ ނުދެވޭ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި، ދަރިވަރުންނަށް މަހުން މަހަށް ދޭ ފައިސާ ބޮޑުކުރަން ނިންމިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.