ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރަން އުސޫލު ނެރެފި

އެންމެނަށް ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކުރުން --- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު މިރޭ އިފުތިތާހުކޮށް, ގޯއްޗާއި ފުލެޓު ދިނުމުގެ އުސޫލު އާންމުކޮށްފިއެވެ.

މި ސިޔާސަތު އިފުތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ސިޔާސަތުގެ ތެރެއިން މާލީ ގޮތުން ފުދުންތެރި މީހުންނަށް ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށާއި މެދު ފަންތީގެ އާއިލާތަކަށް ހެޔޮ އަގުގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށް ޕްރޮޖެކްޓުތައް ހިންގާނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފުތިތާހުކުރުން --- ސަން ފޮޓޯ/ މޫސާ ނަދީމް

އޭގެއިތުރަށް، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ލިބިފައި ނެތް މީހުންނަށް "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތާއި، ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭ ގޮތް ހަމަޖެހޭނެއެވެ.

މި ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ.

އެ ސްކީމުގެ ތެރެއިން މާލެ ރަށްވެހިންނަށް ގޯއްޗާއި ފުލެޓް ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ.

މާލޭ ރަށްވެހިންގެ ކެޓެގަރީގައި ހިމެނެނީ، ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރަށް ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ގޯއްޗާއި ފުލެޓު ދިނުމުގައި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައި ވަނީ، ވީހާވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު އިފުތިތާހުކުރަން ބޭއްވި ހަފުލާގައި މިނިސްޓަރު މުއްތަލިބު: އެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް ދޫކުރާ އުސޫލު ވަނީ އާންމުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، ޕޮއިންޓު ދޭއިރު ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، މާލޭގެ ރަށްވެއްސަކަށްވީ މުއްދަތު ނުވަތަ މާލޭގައި ދިރިއުޅުނު މުއްދަތާއި އެ އެއާއިލާއެއްގެ ގޯތި ގެދޮރުގެ މިލްކުވެރިކަމާއި ގޭބީސީގެ ޖުމްލަ އާމްދަނީއާއި އެ އެއާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މައިންބަފައިން ތިބިތޯއާއި، ދަރީންގެ އަދަދު ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި ދަރީން ނުލިބޭތޯ ބެލުން ހިމެނެއެވެ.

https://sun.mv/213760

ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލައި، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް