އަލަތު ކައިވެނިކުރާ މީހުންނަށް 250 ފްލެޓު ޚާއްސަކޮށްފި

ކައިވެނި ކުރަން ބަޔަކު ފެމެލީ ކޯޓް ދޮށުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އަލަތު ކައިވެނިކުރާ މީހުންނަށާއި ޒުވާން އާއިލާތަކަށް 250 ފްލެޓު ޚާއްސަކޮށް، 18 އަހަރުންދަށުގެ ދަރިން ބަލާ އެކަނިވެރި މައިންނަށް 100 ފްލެޓު ޚާއްސަކޮށްފިއެވެ.

ސަރުކާރުން ރޭ ވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި "އެންމެނަށް ބޯހިޔާވަހިކަން،" މި ސިޔާސަތު އިފްތިތާހުކޮށް، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން 7،500 ފްލެޓާއި 15 ހާސް ގޯތި ޚާއްސަކުރަން ނިންމައި އެކަމާ ގުޅޭ އުސޫލު އާންމުކޮށްފައެވެ.

އެގޮތުން ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން އަލަތު ކައިވެނިކުރާ މީހުންނަށާއި ޒުވާން އާއިލާތަކަށް 250 ފްލެޓު، 18 އަހަރުންދަށުގެ ދަރިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 100 ފްލެޓު، ފަގީރުންނަށް 50 ފްލެޓު، އަދި ވެށިފަހި މަޝްރޫއާއި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެކަމުގެ ލިޔުން ހަވާލުކުރިނަމަވެސް، ނުލިބޭ މީހުންނަށް 300 ފްލެޓު ޚާއްސަކޮށްފައިވެއެވެ.

އޭގެ އިތުރުން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ހިމެނޭހެން ޖުމްލަ 26 އިދާރާއަކާއި މުއައްސަސާއެއްގެ މުވައްޒަފުންނަށްވެސް 300 ފްލެޓު ޚާއްސަކޮށްފައިވެއެވެ. އެ ފްލެޓުތަކުން ޖާގަ ކަށަވަރުވާނީ ފްލެޓަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ޕޮއިންޓު އެންމެ މަތިން ލިބޭ ފަރާތްތަކަށެވެ.

"އެންމެނަށް ބޯހިޔާވަހިކަން،" މި ސިޔާސަތު ރޭ އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ސިޔާސަތުގެ ތެރެއިން މާލީ ގޮތުން ފުދުންތެރި މީހުންނަށް ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށާއި މެދު ފަންތީގެ އާއިލާތަކަށް ހެޔޮ އަގުގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށް ޕްރޮޖެކްޓުތައް ހިންގާނެއެވެ.

އޭގެއިތުރަށް، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ލިބިފައި ނެތް މީހުންނަށް "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތާއި، ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭ ގޮތް ހަމަޖެހޭނެއެވެ.

މި ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ.

އެ ސްކީމުގެ ތެރެއިން މާލެ ރަށްވެހިންނަށް ގޯއްޗާއި ފުލެޓް ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ.

މާލޭ ރަށްވެހިންގެ ކެޓެގަރީގައި ހިމެނެނީ، ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރަށް ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ގޯއްޗާއި ފުލެޓު ދިނުމުގައި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައި ވަނީ، ވީހާވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން، ޕޮއިންޓު ދޭއިރު ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، މާލޭގެ ރަށްވެއްސަކަށްވީ މުއްދަތު ނުވަތަ މާލޭގައި ދިރިއުޅުނު މުއްދަތާއި އެ އެއާއިލާއެއްގެ ގޯތި ގެދޮރުގެ މިލްކުވެރިކަމާއި ގޭބީސީގެ ޖުމްލަ އާމްދަނީއާއި އެ އެއާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މައިންބަފައިން ތިބިތޯއާއި، ދަރީންގެ އަދަދު ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި ދަރީން ނުލިބޭތޯ ބެލުން ހިމެނެއެވެ.

comment ކޮމެންޓް