މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ޕްރެޝަރެއް އަތުވެދާނެކަމަށާއި, ލަފާ ދިނީ ބަހާލައިގެން މުސާރަތައް ބޮޑުކުރަން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ބޮޑުކޮށްފައިނުވާ ސިވިލް ސާވަންޓުންގެ މުސާރަތައް މި މަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އަންނަ އަހަރު ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް މުނައްވަރު ފާހަގަކުރެއްވީ، މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުން ކަމަށެވެ.
އެކަމުގައި ސަރުކާރަށް ލަފާ ދީފައި ވަނީ، ބަހާލައިގެން މުސާރަތައް ބޮޑުކުރުމަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ސިވިލް ސާވަންޓުން: ގަވަރުނަރު ވިދާޅުވީ، މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ޕްރެޝަރު އަތުވެދާނެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މުސާރަތައް އިތުރުވެގެން ދާއިރު، އަޅުގަނޑުމެންގެ އެންމެ މުހިންމު ލަފައަކަށް ދީފައި އިންނާނީ ބަހާލައިގެން ކުރިއަށް ގެންދިޔުމަށް. މާނައަކީ، ހުރިހާ މުސާރަތަކެއް އެއްފަހަރާ ބޮޑުކުރެވިގެންދާ ކަމުގައިވާނަމަ އޭގެ ޕްރެޝަރު ހަމަ އައުން އެކަށީގެންވޭއެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
އެ ކޮމިޓީގައި މުނައްވަރު ވިދާޅުވީ، އެއްފަހަރާ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފިނަމަ، މިހާރަށް ވުރެ ބޮޑަށް ފައިނޭންސިން މާކެޓުގައި ޕްރެޝަރު ބޮޑުވެދާނެ ކަމަށެވެ.
މިހާރު އެމްއެމްއޭއަށް ޑޮލަރު ލިބެނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިންނާއި ޓެކުހާއި އެ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީއިން ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އެކަމަކު، މިދިޔަ އަހަރު އަހަރުތަކުގައި ބޭރުގެ ލޯނު ހޯދުމަށް ދަތިތައް ހުރިކަން ފާހަގަކުރައްވައި، ގަވަރުނަރު ވަނީ، އެ ކަންކަމާ ހެދި ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ ކަންކަން ހަމައަކަށް ނޭޅުވޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭރު ފައިސާގެ ކަންކަން ރަނގަޅު ކުރެވޭނީ ރިޒާވް އިތުރުކުރެވިގެންނެވެ. ނަމަވެސް، އެއީ އަންނަ އަހަރު ކުރިމަތިވާނެ ރިސްކެއްގެ ގޮތުގައި މުނައްވަރު ސިފަކުރެއްވިއެވެ.
މުނައްވަރު އެފަދައިން ވިދާޅުވިއިރު، އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
އެ ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، އިތުރު ވަގުތުގެ ފައިސާ މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުމަށް ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމަކީ ވެސް އެ ބަދަލު ގެނައި ސަބަބެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.