ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވި 3 ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ބާތިލުކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭ...ފޮޓޯ/ އެމްއެމްއޭ

މަނީ ޗޭންޖިން ވިޔަފާރިކުރުމާ ބެހޭ ގަވާއިދާ ތަކުރާރުކޮށް ޚިލާފުވަމުންދިޔަ ތިން ކުންފުންޏެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެ ތަންތަނުގެ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކޮށްފައި ވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

އެގޮތުން އެލްވީއާރު އިންވެސްޓްމަންޓްސް އާއި މޭޑް މަނީ އެކްސްޗޭންޖު ކޮންމެ ކުންފުންޏެއް 250،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖު ޖޫރިމަނާކޮށްފައި ވަނީ 500،000 ރުފިޔާއިން ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ. އަދި ޖޫރިމަނާ ކުރުމުގެ އިތުރުން އެ ތިން ކުންފުނީގެ ލައިސަންސް ވެސް ވަނީ އެއްކޮށް ބާތިލްކޮށްފައެވެ.

"މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްއަށް އިދާރީ ފިޔަވަޅު މިއަދު ވަނީ އަޅާފައި. މިގޮތުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 250,000 ރުފިޔާއިން އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500,000 ރުފިޔާއިން މިއަދު ވަނީ ޖޫރިމަނާކޮށްފައި،" އެމްްއެމްއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ،

މި ފިޔަވަޅުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަ މަގަށް އެޅުވުމަށާއި، ގަވާއިދާ ޚިލާފަށް ހިންގާ މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅުތަކެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ބްލެކް މާކެޓްގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ފައިސާ މާރުކުރާ ފަރާތްތަކުގެ މުއާމަލާތްތައް މޮނީޓާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ކަމާ ބެހޭ އިދާރާތައް ގުޅިގެން ޚާއްސަ ޓާސްކްފޯހެއް އުފައްދައި، ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފެށި ފަހުން ވެސް ގަވާއިދާ ޚިލާފުވި ދެ މަނީ އެކްސްޗޭންޖެއްގެ ލައިސަންސް މީގެކުރިން ވަނީ ހިފަހައްޓާފައެވެ.

އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން ވަނީ ދީފައެވެ.

comment ކޮމެންޓް