ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓުގައި ވާދަކުރަން މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީގެ ޓިކެޓުގައި ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް މެއިލް ހުށަހެޅުމުގެ ފުރުސަތު އެމްޑީއޭއިން ދީފައި ވަނީ، އަންނަ މަހުގެ 15ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
އެ ކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު ޕާޓީގެ މައި އޮފީހުންނާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ޕާޓީގެ އޮފީސްތަކުން ލިބޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
އެމްޑީއޭއިން އެ ފުރުސަތު ހުޅުވާލިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިވަގުތަށް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބު ބާއްވަން ރާވާފައި އޮތް ތާރީޚެއް ކަމަށް މިހާރު އޮތީ އަންނަ އަހަރުގެ މާޗް 28 ކަމަށެވެ.
އެ އިންތިޚާބަށް ކުރިމަތިލުމަށް އަންނަ ޖަނަވަރީ 17ގައި ހުޅުވާލާނެ ކަމަށް އޭރު ޒާހިދު ވިދާޅުވިއެވެ.