ނ. ކުޑަފަރީ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ދަތުރުވެރީންނަށް ޚާއްޞަކޮށް އެ ރަށުގެ ބަނދަރުމަތީގައި މިއަދު މިސްކިތެއް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދެވެ.
މި މިސްކިތަކީ އަޙުމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅުގެ ހަނދާނުގައި އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައި، އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ ކުޑަފަރީގައި އަޅުއްވައިދެއްވައިފައިވާ މިސްކިތެކެވެ. މިސްކިތުގެ ނަން ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ ބައްޕާފުޅަށެވެ. އެއީ، "މަސްޖިދު މުޙަންމަދު ޤާސިމް" އެވެ.
ނ. ކުޑަފަރީގައި ސިޔާމް އެޅުއްވި މިސްކިތް އެމަނިކުފާނު މިއަދު ބައްލަވައިލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މިއީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކުރެވިފައިވާ މިސްކިތެކެވެ. މާލޭ ހުކުރު މިސްކިތް އަސްލަކަށް ބަލައި އޭގެ ނަކަލެއް ކަމަށް ބެލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތުގެ އެތެރޭގެ ލަކުޑީގެ ވަޑާންގަނޑުގައި މުޅީން ވެސް ބޭނުން ކޮށްފައި ވަނީ ހައިވަކަރެވެ. އެއީ ގިނަ ދުވަހަށް މިސްކިތް ދެމެހެއްޓުމުގެ ބޭނުމުގައެވެ.
މިސްކިތުގެ ދެ ފަރާތުންނާއި މިސްކިތުގެ ކުރިމަތީން މިސްކިތަށް އެރޭ ގޮތަށް ތިން ދޮރު ލައިފައި ވެއެވެ. މާލޭ ހުކުރު މިސްކިތުގައި ހުރި ހިރިގަލުގެ ކުރެހުންތައް ފެންނާނޭހެން މުޅި މިސްކިތް ރާނާފައި ވަނީ ހިރިގަލުގެ ކަނޑާނެގުންތައް ފެންނާނޭހެންނެވެ. ނަމަވެސް މި މިސްކިތުގައި ބޭނުންކޮށްފައި ވަނީ ހިރިގަލެއް ނޫނެވެ. މިސްކިތުގެ ދޮރުތަކުގައި ވެސް ހުރީ ހައިވަކަރު ލަކުޑި ކަނޑާ ނަގައިގެން ފަންނުވެރި ހުނަރުވެރި ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ. މި ކުރެހުންތަކާއި ކަނޑާނެގުންތައް ހުރީ ހުކުރު މިސްކިތުގެ ދޮރުތަކުގައި ވެސް ހުރި ކުރެހުންތަކާ ދާދި އެއްގޮތަށެވެ.
ނ. ކުޑަފަރީގައި ސިޔާމް އެޅުއްވި މިސްކިތް: އެ މިސްކިތް ހުޅުވައިދެއްވީ މިއަދު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މާލޭ ހުކުރު މިސްކިތުގެ ލަކުޑިތަކުންނާއި ހިރިގަލުން ފެންނާން ހުރި ކަނޑާ ނެގުންތައް ވެސް މި މިސްކިތުން ފެންނާން އެބަހުއްޓެވެ. މިސްކިތާއެކު ވަރަށް ބޮޑު މުންނާރެއް ވެސް ބިނާކޮށްފައި ވެއެވެ. މުންނާރުގެ ފަރުމާ ވެސް ވައްތަރުކޮށްފައި ވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރާއެވެ. މުންނާރުގެ ތެރޭގައި ވުޟޫކުރެވޭނޭ ގޮތަށް އިސްކުރުތައް ހަރުކޮށްފައި ވެއެވެ.
ކުރިމަގުގައި މި މިސްކިތް ވެގެންދާނީ ދިވެހީންގެ މަސައްކަތްތެރިކަމުގެ ނަމޫނާއެއް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވިފައިވާ މަސައްކަތަކަށެވެ.
ކުޑަފަރީގައި މިހާރުވެސް އަޙުމަދު ސިޔާމް މުޙައްމަދު އަޅުއްވައިދެއްވައިފައިވާ ވަރަށް ފުރިހަމަ މިސްކިތެއް ހުރެއެވެ. އެ މިސްކިތް ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ މަންމާފުޅަށެވެ. މިސްކިތުގެ ނަމަކީ "މަސްޖިދު ޝަމީމާ ޢަބުދުއްﷲ" އެވެ. އެ މިސްކިތަކީ 700 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.