ރަސްމާލެއިން 15،000 ގޯތި ދީ، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް

10 ނޮވެމްބަރު 2025: ހުޅުމާލެ ތިންވަނަ ފިޔަވަހި އަލުން ހިއްކަން ފެށުމާއެކު ރައީސް މުއިއްޒު އެ ސަރަހައްދު ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލައި، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ޓަކައި މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ. އެގޮތުން މާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ތެރެއިން 4،000 ހައުސިން ޔުނިޓު އަޅަން ވެސް ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވިދާޅުވީ މާ ގިނަ ދުވަހެއް ނުވެ، ޖުމްލަ 7،000 އެއްހައި ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

11 ނޮވެމްބަރު 2025: ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އަންނަ މަހު ރަސްމާލެ ހިއްކަން އިތުރު ޑްރެޖަރުތައް ގެނެސް އެ މަސައްކަތް މިހާރަށްވުރެ ތިން ގުނަ އަވަސް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ މި ތަންތަން މި ހިއްކަނީ، މި ސަރަހައްދުން މި ހިއްކަނީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ގެނައުމަށް ޓަކައި. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައި މިވާ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ޓަކައި،" ރައީސް ވިދާޅުވިއެވެ.

ހިއްކާ ބިންތަކުން ގޯތި ބޭނުންވާ މީހުންނަށް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް، އިތުރު ތަފްސީލުތަކާ އެކު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ، އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވައިލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިއުލާނުކުރާނަން ތަފްސީލްތަކާ އެކީގައި މި ގޯތިތަކަށް ކުރިމަތިލާން، ގޯތިތައް ބޭނުންވާ ފަރާތްތައް އެއަށް ކުރިމަތިލުމަށް،"

ރައީސް ވިދާޅުވީ ރަސްމާލޭގައި މިހާރު ހިއްކާ ބިމުން ފުރަތަމަ ބުރުގައި އަންނަ އަހަރު، 15،000 ގޯތި ދޭން ހުޅުވައިލާނެ ކަމަށެވެ. އެ ގޯތިތައް ދޭނީ މާލޭ ރަށްވެެހިންނަށާއި، މާލޭގައި އުޅޭތާ ދުވަސްވީ މީހުންނަށާއި، ދަފްތަރުގައި ތިބި މީހުންނަށް ކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ހަނިގޯޅިތަކާއި، ދަތި ތަންތަނުން ލިބިފައިހުރި ބިން އެއްކޮށް ދޫކޮށްލުމުން އެހެން ބިމެއް ލިބޭހެން ލާޖައްސާ އުސޫލުން ވެސް ބިން ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

11 ނޮވެމްބަރު 2025: ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގިރާވަރުފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތް މީހުންނަށް އިސްކަންދީގެން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ވެސް މަޝްރޫއެއް އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދީ އަދި ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަމަށެވެ. އެގޮތުން އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް