މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ، މިހާރު ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝީދު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން، އަލީ އަންވަރު މުހައްމަދަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ.
އަންވަރު ދޫކޮށްލި މައްސަލަ މިދިޔަ ހަފުތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ. ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ މިއަދެވެ.
އޭނާ ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާއިޒު އޭރު ފާހަގަ ކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އަންވަރު ހައްޔަރު ކުރުމުގެ އަމުރަކާއި އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.
ގާޒީ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އަންވަރާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރީ އޭނާ ހައްޔަރު ކުރުމަށް ފަހުގައެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާ ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ބަންދުން ދޫކޮށްލި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް، އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ އަވައްޓެރި ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ އެތެރެވިޔަ ނުދީ ފޮނުވާލުމުން އޭނާ އަލުން ވަނީ ހައްޔަރުކޮށްފައެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދު --
އަންވަރު ދޫކޮށްލީ، އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން، އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި، ގާޒީ ފާއިޒެވެ.
ފާއިޒް މިހާރު ސަސްޕެންޑްކޮށްފައި ހުރިއިރު، އޭނާއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އަންވަރު ދޫކޮށްލުންވެސް ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު ޖޭއެސްސީން އެކަމާގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިކޯޑްތަކުން ދައްކާ ގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއްކަމުގައި ފުލުހުން ތުހުމަތު ކުރީ އަންވަރެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ އަލީ އަންވަރު މުހައްމަދު ކޯޓުން ދޫކޮށްލިއިރު، މި ފަހުން މަސްތުވާތަކެތީގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހެއްގެ މައްސަލަ ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފައިވެއެވެ.
އެއީ 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ. އޭގެ ފަހުން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ އިސްތިއުނާފު ފީ ނުދައްކައިގެންވެސް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވެއެވެ. އެކަމަކު އެ މައްސަލަ ފަހުންވަނީ ބަލައިގަންނަން ނިންމާފައެވެ.