މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން، ފުލުހަށާއި, އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގަމުން ދިޔައީ ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ. ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް އިއްޔެ ވަނީ ދަރުބާރުގޭގައި ފަށައިފައެވެ. މީގެ އިތުުރުން މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، މި ހާދިސާއާ ގުޅުންހުރި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ ހާދިސާ ތަހުގީގުކުރުމަށް އެމްޑީޕީގެ ފަރާތުން ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
އަދި މިއަދުގެ ވަގުތެއްގައި އެ ރިކުއެސްޓެއް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމަށް އެދި އަޅުގަނޑުމެން ފުލުހުންނަށް އެބަ ރިކުއެސްޓެއް ކުރަން ޖިނާއީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގުކޮށްދިނުމަށް. ހާދިސާ ހިނގާފައި ވަނީ ކިހިނެއްތޯ ހޯދުމާ އެކީގަ އޭގަ ސިފައިން ބައިވެރިކުރުމާ ސިފައިންގެ އެހީތެރިކަން ހޯދުން ވެސް ހިމެނޭނެ [ރިކުއެސްޓްކުރާނަން]،" މަހުފޫޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އަލިފާން ކޮންޓްރޯލް ކުރުމުގައި އިހުމާލުގެ އަމަލުތައް ފެންނާތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް މަހުފޫޒު ވަނީ ވިދާޅުވެފައެވެ.
އަލިފާނުގެ ހާދިސާގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން ދިޔުމާމެދު ބޮޑު ކަންބޮޑުވުމެއް އޮތެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލްގެ ލޭންޑް ޑިޕާޓްމަންޓުގެ 90 އިންސައްތަ ލިޔެކިޔުން ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުގެއްލޭކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަހުފޫޒު ފާހަގަކުރެއްވީ އަރިޝީފުގެ ގާނޫނުގެ ދަށުން، އެ ލިޔެކިޔުންތަކަކީ ދިވެހި އަރުޝީފުގައި ރައްކާކުރަންޖެހޭ ލިޔެކިޔުންތަކެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ފާހަގަ ކުރެއްވީ މިނިސްޓްރީން މިހާރު ފައްޓަވާފައި ހުރި މަޝްރޫއުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވާކަން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
"...އެ ލިޔުންތަކަކީ އެއީ މި މާއްދާ ބަޔާންކުރާ ގޮތުން އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް. އެހެންވީމަ އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް އަރުޝީފު ނުކޮށް ހުރީތޯ ނޫނީ، އަރުޝީފު ކުރެވިފައި ހުއްޓާ އޭގެ ނަކަލުތައް ނެތިގެން ދިޔައީތޯ މިކަންކަން ބަލައި ތަހުގީގު ކުރުމަށް އަޅުގަނޑުމެން އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން އެދޭނަން،" މަހުފޫޒު ވިދާޅުވިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގައި ދިޔަ ގޮތުން ޝައްކުކުރެވޭ ބައިވަރު ކަންތައްތަކެއް އަދި ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެގޮތުން އަލިފާން ނިއްވުމުގައި އެ ހޭދަވި ވަގުތުތަކުގައި ވަރަށް ބޮޑު ލަސްކަމެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"އަލިފާނުގެ މި ހާދިސާ ކޮންޓްރޯލް ކުރަން މިހާ ގިނަ ވަގުތު ނެގީ ކީއްވެތޯ؟ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިއްތިފާގުން ނަމަވެސް މި ހާދިސާ ހިނގި ލޮކޭޝަނަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު މެއިން ސެންޓަރާ ވަރަށް ގާތުގައި، އެންމެ 100 އެއްހާ މީޓަރު ހުންނާނީ،" ސަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު، ތަހުގީގަށް ބޭރުގެ ޓީމެއް ގެންނަން އުޅޭއިރު، ހާދިސާ ހިނގައިދިޔަތަން ސާފުކޮށްފައި އޮތުމުން ދެން ބޭނުންވާނީ ކޮން ތަހުގީގު ޓީމެއްތޯ ސަލީމް ވަނީ ސުވާލުއުފައްދަވާފައެވެ. އަދި އެ ހާދިސާގައި ވަރަށް ބޮޑަށް އިހުމާލުވެފަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީ ހޯދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިހާތަނަށް ވެސް އެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ. އަދި ކަމާ ގުޅުންހުރި އިދާރާއަކުން ވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހާމައެއްނުކުރެއެވެ.