މެލޭޝިއާއިން ރާއްޖެ އައިއިރު ބޮކްސާ ތެރޭ ފޮރުވައިގެން 500 ގްރާމަށް ވުރެ ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނައި ކަމަށް ތުހުމަތުވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް، ކްރިމިނަލް ކޯޓުން 30 ދުވަސް އިއްޔެ ޖަހައިފިއެވެ.
އެ މައްސަލައިގައި ބަންދު ކޮށްފައި ވަނީ ސ. ހިތަދޫ، ސަމަންދަރު، އަހުމަދު އަހުސަން (35އ) އެވެ.
އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
އޭނާ ބަންދުކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ މައްސަލާގައެވެ.
ފުލުހުން މީގެ ކުރިން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެއަށްފަހު އިއްޔެ ވަނީ އަންނަ މަހުގެ 22 ގެ ނިޔަލަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ފުލުހެއްގެ ބަޔާނާއި، ކަސްޓަމްސްގެ މީހުންނާއި، ތަކެތި ތަހުގީގުކުރުމަށް ހަވާލުކުރާ ފޯމުގެ އިތުރުން އޭނާ ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުން ރާއްޖެއައިއިރު ބޮކްސާ ތެރެއަށް ލައިގެން 500 ގްރާމަށްވުރެ ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނެސްފައިވާކަން އެނގޭ ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ނިންމީއެވެ.
އަމުރުގައި ބުނާގޮތުން ނަމަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އޭނާގެ އަތުން މީގެ ކުރިން ވެސް ފެނިފައިވެއެވެ. އެގޮތުން އޭނާ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ބަންދުކޮށްފައިވެއެވެ.
އެހެންކަމުން އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތެއް ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ބަންދުން ދޫކޮށްލުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއްކަމަށް ފެންނަ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ ސިޓީން ފުވައްމުލައް ސިޓީއަށް ދަތުރުކުރާ ފެރީއެއްގައި ހުރި މީހެއްގެ ބޮކްސާ ތެރެއިން 100 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ ނުވަ ވަނަ ދުވަހު ވަނީ މީހެއްގެ މައްޗަށް ހުކުމް ކޮށްފައެވެ.
ޝަރީއަތުގައި އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް އޭނާގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލީ ރިޕޯޓުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަވެފައެވެ.
އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާތީ، 25 އަހަރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ.