އައްޑޫ ސިޓީގައި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ކޭބަލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ކަމަށާއި، މަޝްރޫއު ކުރިއަށްގެންދާއިރު އިތުރު މައްސަލަތައް ދިމާވުމުން އެކަށީގެންވާ ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
މިމަހުގެ ދެ ފަހަރަކު މިހާތަނަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާއިރު، ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ އެކެއްގައި ކަރަންޓު ކެނޑުނީ އައްޑޫ މަގު ހަދާ އެފްކޮން ކުންފުނީގެ މަސައްކަތުގެ ތެރެއިން އެޗްވީ ކޭބަލެއް ހަލާކުވުމުން ކަމަށެވެ. އެއީ ތަކުރާރުކޮށް ދިމާވާ މައްސަލައެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
"އިއްޔެ މިދިމާވި މައްސަލައަކީ ވެސް އޭގެ ފަހުން ނެޓްވޯކަށް ދިމާވާން ފެށި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާއިރު، އިއްޔެ ވެސް ނެޓްވޯކަށް އެ ދިމާވި މައްސަލަ މި ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމުން މިހާރު ވަނީ ވަގުތީ ގޮތުން ހައްލުކޮށްފައިކަން ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.
"ނަމަވެސް، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ސަބަބުން ނެޓްވޯކަށް ދިމާވާ މައްސަލަ އިތުރަށް ދިމާވެދާނެ ކަމަށް މި ކޯޕަރޭޝަނަށް ގަބޫލުކުރެވެއެވެ."
އެހެންވެ، އެކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އައްޑޫގައި މިހާރު ހަރުކޮށްފައި ހުރި ޖެންސެޓްތަކުގެ ތެރެއިން 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެ އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗަކަށް ނުވާތީއާއި ސްޕެއާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފެނަކައިން ބުންޏެވެ. ނަމަވެސް އެ ސްޕެއާ ހޯދައި އިންޖީނު މަރާމާތު ކުރުމުގެ އިތުރުން އެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އޭގެ ތެރެއިން، 1.6 މެގަވޮޓްގެ އައު ޖެންސެޓެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް ފެނަކައިން ބުންޏެވެ. އަދި އައްޑޫގެ ކަރަންޓުގެ ހާލަތު ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށް ޑީސެލް ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯ އައްޑޫ ސިޓީގެ ނަމުގައި، ޗައިނާގެ ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ޒަމާނީ ޕަވާހައުސްއެސް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ފަށައިފައިވާކަން ފެނަކައިން ފާހަގަކުރިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގު ހެދުމަށް އެފްކޮންސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހަދަން ވަނީ ނިންމައިފައެވެ. އެ މަގުތައް ހެދުން ލަސްވުމާއި، މަގު ހަދާފައިވަނިކޮށް ކަރަންޓާއި ނަރުދަމާގެ މަސައްކަތް ކުރަން ޖެހުމުން އަނެއްކާ މަގު ހަލާކުކުރަން ޖެހުމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ.
އެހެންވެ، އައްޑޫގައި މަގު ހެދުމާއި ކަރަންޓާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ޖެހެނީ ޖުމްލަ ހައްލެއް ލިބޭ ގޮތަށް ކަމަށް މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އައްޑޫގައި ''ނިވި ދިއްލޭ ބޮތްކެއް ހެން'' ކަރަންޓު ކެނޑޭ ކަމަށް ބުނެ، މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގެންފައިވެއެވެ.