ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލާ އެކު ވެސް މިދިޔަ އެމްޑީޕީ ސަރުކާރުން ކަންތައް ކުރި ގޮތުން ގައުމުގެ ދަރަނި ބޮޑުވި ކަމަށް ބުނެ މެންބަރުން މިއަދު ނުރުހުން ފާޅުކޮށްފިއެވެ.
ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ހިމެނޭ ބިލެކެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މިއަދުގެ ޖަލްސާގައި އެ ބިލާ ގުޅިގެން ވާހަކަދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ، މިދިޔަ ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި ނާގާފައިވާ ކަމަށެވެ. އަދި، އެ އަދަދު މިދިޔަ ފަސް އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށް ތުހުމަތުކުރެއްވިއެވެ.
"މިފަދަ ގާނޫނެއް ގެނައުމުގެ ފަހި ފުރުސަތު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވެސް އޮތް. މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިޚުލާސްތެރިކަމެއް އެ ބޭފުޅުންގެ ނެތަތީ،" މަމްދޫހު ވިދާޅުވިއެވެ.
ބިލާ ގުޅޭގޮތުން މަމްދޫހު ވިދާޅުވީ، ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުން ކަމަށެވެ.
އެ ބިލަށް ބަހުސްކުރިއިރު ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވެސް ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެ ގޮތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމް ވިދާޅުވީ، ދައުލަތުގެ ދަރަނި 60 ބިލިއަނުން 120 ބިލިއަނަށް އެމްޑީޕީ ސަރުކާރުން އަރައިގެން ދިޔުމުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އޭގެ އިތުރަށް އަށް ބިލިއަން ރުފިޔާ ޗާޕުކޮށް އެތައް ލޯނެއް ދުނިޔޭގެ އެކި ބޭންކުތަކުން ނަގާފައިވާކަން ފާހަގަކުރެއްވިއެވެ.
"މިދިޔަ ދައުރުގައި އެ ފައިސާތައް ވަން ތަނެއް އޮންނަންޖެހޭނެ. ރަނގަޅު ތަހުގީގެއް ކުރެވި އެ ކަންކަން ވަރަށް ރަނގަޅަށް ތަހުގީގުކުރަން އެބަޖެހޭ. ފަސް އަހަރު ނިމުނުއިރު ކުންފުނިތައް ރަނގަޅަށް އޮޑިޓެއް ނުކުރެވޭ. ވަރަށް ސީރިއަސް މައްސަލަތަކެއް މިއީ،" މުންތަސިމް ވިދާޅުވިއެވެ.

މެމްބަރު އަޒާން: އޭނާ ވެސް ވިދާޅުވީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ބިލަށް ބަހުސްކުރައްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ, މި ބިލުގައި މި ވަގުތު ގައުމަށް ބޭނުންވާ ވަރަށް މުހިންމު ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން, ދައުލަތުގެ ދަރަނި މި އޮތީ އަތްނުފޯރާ ފަށަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދަރަނި ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި އެކަމަކު ދަރަނި ނަގާފައި ދެން އަމަލުކުރާ ގޮތުގެ ސަބަބުން ގެއްލުންވާ ކަމަށެވެ.
"ކޮރަޕްޓް މަސައްކަތްތަކެއް ކޮށްފައިވަނީ. ބަޔަކު މުސްހަނދިވެގެން ދިޔައީ. އިދިކޮޅު ފަރާތްތަކުން ވެސް މި ކަމަށް ތާއީދުކޮށް ވީހާ ވެސް އަވަހަށް މި ބިލު ފާސްކުރަންވީ،" އަޒާން ވިދާޅުވިއެވެ.
އެކަމަކު، ސަރުކާރު މެންބަރުންގެ ތުހުމަތުތައް ދޮގުކުރައްވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ ސަރުކާރު ދިފާއުކުރައްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް -- ފޮޓޯ/ މަޖިލިސް
އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ކަންކަން ކުރެވޭ ވަރަށް ފައިސާ ދައުލަތަށް ވަންނަ ކަމަށެވެ. ދައްކަން ހުރި ބޮޑެތި ލޯނުތަކަށް ލޯނު ރިފައިނޭންސް ކުރުމުގެ ފެހި ސިގްނަލް ގައުމުތަކުން ހުރީ ދީފަކަން މީކާއިލް ފާހަގަކުރެއްވިއެވެ.
"އެއްވެސް ކަންބޮޑުވުމެއް ނެތް ގައުމުގެ އިގުތިސާދީ ހާލަތާ ގުޅިގެން. ސާޅީސް އަހަރާ ނުބައްދަލު ދަރަނި ރައީސް [އިބްރާހިމް މުހައްމަދު] ޞާލިހުގެ ފަސް އަހަރު ނަގާފައިވާކަމަށް އެ ބުނަނީ ރައްޔިތުންނަށް އޮޅުވާލަން. އެހެން އެއްވެސް ސަރުކާރަކުން ދަރަނި ނުދައްކާ ވަރަށް މިދިޔަ ސަރުކާރުން ދަރަނި ދެއްކި،" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ، އެންމެ ފުރަތަމަ މި ސަރުކާރުން ކުރަންވީ ކަމަކީ ސަރުކާރާ ހަވާލުވުމަށް ފަހު މަގާމުތަކަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބީ ކިތައް މުވައްޒަފުންކަން ހާމަކުރަންވީ ކަމަށެވެ. އަދި، އެ މުވައްޒަފުންނަށް ހިނގާ ޚަރަދު ހާމަކޮށް ސިޔާސީ މުވައްޒަފުން މަދުކުރަންވީ ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެއާ އެކު ސަރުކާރުގެ މެންބަރުން ވަނީ އެމްޑީޕީން އެ ބިލާ ދެކޮޅު ހަދަމުންދާ ކަމަށް ބުނެފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު -- ފޮޓޯ/ މަޖިލިސް
އެހެންވެ، ނިޒާމީ މައްސަލައެއް ނަންގަވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ބިލަށް އެމްޑީޕީން ތާއީދުކުރާ ކަމަށެވެ. އަދި، ސަރުކާރު މެންބަރުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"މި ބިލަށް އަޅުގަނޑުމެން ތާއީދުކުރަމޭ. ތާއީދުނުކުރާކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން ވެގެން ތާއީދުނުކުރާކަމަށް އެ ބުނަނީ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ބޭނުންވަނީ މި ބިލު ވީހާ ވެސް އަވަހަށް ފާސްވާން. ވީހާވެސް އަވަހަށް ދަރަނިން ސަލާމަތްވާން،" މައުރޫފް ވިދާޅުވިއެވެ.
ބަހުސްގެ ވަގުތުގައި މައުރޫފް ވިދާޅުވީ، މި ބިލު ފާސްކުރާއިރު ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށެވެ. އެއީ ކުރީ ސަރުކާރުން ޑްރާފްޓްކުރި ބިލެއްކަން ފާހަގަކުރައްވާ ކޮމިޓީ މަރުހަލާގައި ވަރަށް ބޮޑަށް ދިރާސާކޮށް މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ/ މަޖިލިސް
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ބިލު ހުށަހަޅަން ޖެހުނީ މިދިޔަ އެމްޑީޕީ ސަރުކާރުން އަމަލުކުރި ގޮތަށް ދެން އަންނަ ސަރުކާރުތަކުން ވެސް އަމަލުކޮށްފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.
މަޖިލީހަށް ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ހިމެނެނީ:
- ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތައް
- ދަރަނި މެނޭޖުކުރުމާ ބެހޭ އުސޫލުތައް
- ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް
- ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލުތައް
ބިލު ހުށަހަޅުއްވާ މެންބަރު މަމްދޫހު ވިދާޅުވި ގޮތުގައި މި ބިލުގެ އެއް ބޭނުމަކީ ގައުމުގެ އިގުތިސާދީ ފުދުންތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުން ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ނަގާ ދަރަނިން ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފައެވެ.