ސައުވީސް އަހަރު ފަހުން ޕުޓިން އުތުރު ކޮރެއާއަށް

ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިން (ކ) އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން (ވ) -- ފޮޓޯ/އަލް ޖަޒީރާ

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން 24 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އުތުރު ކޮރެއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ޕުޓިންގެ އެ ދަތުރުފުޅަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިދިޔަ ސެޕްޓެމްބަރު މަހު ރަޝިއާއަށް ޒިޔާރަތް ކުރައްވައި، ކިމް ދެއްވި ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އުތުރު ކޮރެއާގެ އިތުރުން ވިއެޓްނާމަށްވެސް ޕުޓިން ދަތުރުފުޅު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕުޓިން އެންމެ ފަހުން އުތުރު ކޮރެއާއަށް ޒިޔާރަތްކުރެއްވީ 2000 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއީ ރަޝިއާގެ ވެރިކަމާ ޕުޓިން ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެ ދަތުރުފުޅުގައި ޕުޓިން ވަނީ އުތުރު ކޮރެއާގެ އޭރުގެ ވެރިޔާ އަދި ކިމް ޖޮންގް އުންގެ ބައްޕަ، ކިމް ޖޮންގް އިލްއާ ބައްދަލުކުރައްވައިފައެވެ.

ރަޝިއާއިން ވަނީ ޔޫކްރޭންގައި ރަޝިޔާއިން ހިންގާ އަސްކަރީ ހަނގުރާމައަށް އުތުރު ކޮރެއާއިން ދޭ ތާއީދު އަގު ވަޒަންކޮށް އެކަން ފާހަގަކޮށްފައެވެ.

ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާޓް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއަށް ޕުޓިން ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ އެއްބާރުލުން އިތުރުވެދާނެއެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ ކަންބޮޑުވުންވެސް ކާޓް ވަނީ ފާޅުކުރައްވައިފައެވެ.

އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު އަސްކަރީ، އިގްތިސާދީ އަދި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ވަރަށް ބޮޑަށް އިތުރުވެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ޕުޓިންއާ ބައްދަލުކުރެއްވުމަށް ރަޝިއާއަށް ކިމް ދަތުރުފުޅުތައް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.

އުތުރު ކޮރެއާއާއެކު ރަޝިއާއިން ހަތިޔާރުގެ ވިޔަފާރިއެއް ކުރާނަމަ އެއީ އދ.ގެ ސަލާމަތީ މަޖިލީހުގައި ފާސްކޮށްފައިވާ އެތައް ގަރާރަކާ ޚިލާފުވާނެ ކަމެކެވެ. ރަޝިއާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެކެވެ.

comment ކޮމެންޓް