އިންޑިއާގެ ޑިމޮކްރަސީ ރޫޅެމުންދާއިރު އިންޑިއާގެ މުސްލިމުންނަށް އޮތީ ހިތި ދުވަސްތަކެއް!

މޯދީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އޭޕީ

މިދިޔަ އޭޕްރީލް މަހުގެ 19 ވަނަދުވަހު ފެށި އިންޑިއާގެ ޕާލަމެންޓްރީ އިންތިޚާބު ނުވަތަ އާންމު އިންތިޚާގެ ވޯޓުލުން ހޮނިހިރު ދުވަހުވަނީ ނިމިފައެވެ. ދެން އޮތީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމެވެ.

ނަތީޖާ އަދި އިއުލާނު ނުކުރިނަމަވެސް މިއިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރާނީ މިހާރުވެސް އިންޑިއާގައި ވެރިކަންކުރާ ހިންދޫ ގައުމީ ހަރުކަށި ފިކުރުގެ ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކަމާ އަދި އިތުރު ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާވެސް ކުރައްވާނީ އިންޑިއާގެ މިހާރުވެސް ބޮޑުވަޒީރު ނަރަންދުރަ މޯދީކަން އެއީ މުޅިން ކަށަވަރުވެފައިވާކަމެކެވެ. އެއްވެސް އޮޅުމެއްނެތް ކަމެކެވެ.

މިއީ މިނޫންގޮތަކަށް މިކަން ނުވާނެކަން މާކުރިންވެސް އެނގޭ ކަމެކެވެ. މިއާއެކު ޔަގީންވާ އަނެއްކަމަކީ އިންޑިއާގެ ބައިމަދު ޖަމާއަތްތަކުގެ މީހުންނަށް ޚާއްސަކޮށް މުސްލިމުންނަށް ކުރިޔަށް އޮތީ ވަރަށް ހިތްދަތި އަދި ވަރަށް ބަނަ ދުވަސްތަކެއްކަމެވެ. އަނިޔާވެރިކަމާއި ބޭއިންސާފުން ފުރިގެންވާ ދުވަސްތަކެއްކަމެވެ. އިންޑިއާގެ ޑިމޮކްރަސީއަށްވެސް އޮތީ ވަރަށް ބަނަ ދުވަސްތަކެކެވެ. އިންޑިއާގެ ޑިމޮކްރަސީ އޮތީ ހަގީގަތުގައި ވަޅުލާ ހިސާބުގައެވެ.

އިންޑިއާގެ އާންމު އިންތިޚާބަކީ ދުނިޔޭގައި ބޭއްވި އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 969 މިލިޔަނަށް އަރައެވެ. އިންތިޚާބުގައި 2600 އަށްވުރެ ގިނަ ސިޔާސީ ޕާޓީތަކުން އެތައް ހާސް ކެންޑިޑޭޓުން ޕާލަމެންޓްގެ 543 ގޮނޑިއަށް ވާދަކޮށްފައިވެއެވެ. އިންޑިއާގައި ބޭއްވި އާންމު އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމަށް 15 މިލިޔަނަށް ވުރެގިނަމީހުން ހަރަކާތްތެރި ވެފައިވެއެވެ. މަސައްކަތު މީހުންނާއި މުވައްޒަފުންނާއި ވެރިން އަދި ސްޕަވައިޒަރުންގެ ގޮތުގައެވެ.

އިންޑިއާގެ މީޑީއާ ބުނާގޮތުން ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ މިއިންތިޚާބުގެ ކޭންޕޭންގައި 200 އަށް ވުރެގިނަ ކޭންޕޭން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން މޯދީވަނީ ތަގުރީރު ކުރައްވާފައިވެއެވެ. އަދި 80 އަށްވުރެގިނަ ބަސްދީގަތުން އޭނާވަނީ މީޑީއާ ތަކަށް ދެއްވާފައެވެ.

މޯދީގެ ވެރިކަމުގައި އިންޑިއާގެ ޑިމޮކްރަސީ ފުނޑުފުނޑުކޮށް ޑިމޮކްރަސީ މަރާލައި ވަޅުކަމުންދާކަމުގެ ހަގީގަތް ނޭނގޭ ފަރާތްތަކުން މިކަންކަން ދެކޭނީ "ޑިމޮކްރެޓިކް ވެއްޓެއްގެ" ގޮތުގައެވެ. މިއީ ޑިމޮކްރަސީގެ ކިހާބޮޑު އަދި ކިހާ ފުރިހަމަ ހަގީގަތްތަކެއްކަން ހަމައެކަނި ބޭރުން މަންޒަރު ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް ހަގީގަތަކީ އެއެއްނޫނެވެ.

ދެހާސް ސާދަ ވަނައަހަރު އިންޑިއާގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެއަހަރުގެ މޭމަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމާ މޯދީ ހަވާލުވެވަޑައިގަތުމާއެކު އިންޑިއާގެ ޒަމާންވީ ޑިމޮކްރަސީ ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ސިސްޓަމެޓިކްކޮށް ނިގުޅައިގަންނަންވަނީ ފަށާފައެވެ.

މޯދީއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއް: މޯދީގެ ސަރުކާރުގައި ދަނީ މުސްލިމުންނަށް ގިނަ އަނިޔާތަކެއް ދެމުން -- ފޮޓޯ/ ރޮއިޓާސް

މޯދީގެ ވެރިކަމުގައި އިންޑިއާގެ މީޑިއާ ވަނީ މިނިވަން މީޑިއާ އަކުން "ގޯޑީ މީޑިއާ" އަކަށް ބަދަލުވެފައެވެ. މިއީ މޯދީގެ ނަމާއި މޯދީގެ ސަރުކާރުން ދޮންފުތުކޮށްގެން އުޅޭ ޑޯގް މީޑީއާ ތައް ގުޅުވައިގެން ހަދާފައިވާ މަލާމާތުގެ ނަމެކެވެ. މިނަންހަދައި އިންޑިއާގެ މީޑީއާއަށް "ގޯޑީ މީޑިއާ" ގެ ނަމުން ނަންދިނީ އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ރަވިޝް ކުމާރެވެ. ރަވިޝް ދެކޭގޮތުގައި މޯދީގެ ސަރުކާރަށް ސަނާކިޔާ މީޑީއާތަކަކީ ދޮންފުތުކޮށްގެން އުޅޭ ޑޯގް މީޑީއާ ތަކެކެވެ.

އެމީޑިއާތަކުގެ މަސައްކަތަކީ މޯދީގެ ސަރުކާރުގެ ކުންފުނިތަކުންނާއި މޯދީއަށް ބައިއަތު ހިފައިގެންއުޅޭ ހިންދޫ މަހުޖަނުން އިޝްތިހާރުތަކުގެ ގޮތުގައި ދޭ ފައިސާ ހޯދައިގެން މުއްސަނދިވުމެވެ. އަދި އެފައިސާގެ ބާރުގައި މޯދީގެ ސަރުކާރަށް ސަނާކިޔުމެވެ. އަދި މޯދީއަކީ ހިންދޫންގެ ކަލާންގެއެއް ފެންވަރުގެ މީހަކަށް ހަދައިގެން އޭނާގެ ޝަޚްސިއްޔަތު ޕްރޮމޯޓު ކުރުމެވެ.

މިނޫން މީޑިއާތައް ނުވަތަ ހައްދެއްނެތި މޯދީއާއި އޭނާގެ ސަރުކާރު ޕްރޮމޯޓު ނުކުރާ މިޑީއާތައް ވަނީ މޯދީގެ ޓީމާއި އޭނާގެ ފެޑްރަލް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާ އަދި އެޖެންސީތަކުގެ ޝިކާރައަކަށް ހަދާފައެވެ. އެމީޑިއާތަކަށް އިޝްތިހާރެއް އަދި އެހީއެއް ނުލިބުމުގެ އިތުރުން އެމީޑީއާތައްވަނީ މޯދީގެ ސަރުކާރާއި އޭނާގެ ޕާޓީގެ ޖެއްސުންކުރުންތަކާއި ނުރުހުމާއި ނަފްރަތުގެ ޝިކާރައަކަށްވެސް ހަދާފައެވެ. މިހަގީގަތާ ގުޅިގެން "ރިޕޯޓާސް ވިތައުޓް ބޯޑާސް" ޖަމާއަތުންވަނީ މޯދީގެ ވެރިކަމުގައި އިންޑިއާގެ މީޑިއާ ވަނީ މަރުވެފައި ކަމަށާ ދެން އޮތީ ކަފުންކޮށް ވަޅުލުމުގެ މަރުހަލާކަން އިއުލާނުކޮށްފައެވެ.

މޯދީގެ 10 އަހަރުވީ ވެރިކަމުގައި އިންޑިއާގެ ބައިމަދު ޖަމާއަތްތަކުގެ މީހުންނަށް، ޚާއްސަކޮށް މުސްލިމުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. މުސްލިމުންގެ ވިޔަފާރިތައް ފުނޑާލުމާއި އިސްރާއީލުން ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލާގޮތަށް އިންޑިއާގެ މުސްލިމުންގެ ގެދޮރު ތެޅުމާއި ވަޒީފާތަކުން ވަކިކުރުމާއި މިސްކިތްތައް ތެޅުމާއި ބުލީކުރުމާއި މުސްލިމުންނަށް އަނިޔާކުރުމާއި މުސްލިމުންނަށް ޖިސްމާނީގޮތުން ހަމަލާދީ މެރުންފަދަ ހަރުކަށި އެތަށް ޖަރީމާތަކެއްގެ ޝިކާރައަކަށް މުސްލިމުންވަނީ ވެފައެވެ.

މި ހަރުކަށި ޖަރީމާތަކާއެކު ފާއިތުވި 10 އަހަރު ތެރޭގައި މޯދީވަނީ އޭނާގެ ހަރުކަށި ހިންދޫ ފިކުރު މުޅި އިންޑިއާގައި ފަތުރާފައެވެ. އަދި ކުރިން އިންޑިއާގައި ބާކީވެފައި ތިބި ހިންދޫ ގައުމީ ފިކުރުގެ ހަރުކަށި އަދި ހައްދު ފަހަނަޅާފައިވާ މީހުންތައްވަނީ މުޅި އިންޑިއާއަށް ބާރާއި ނުފޫޒު ފޯރުވާ ޑޮމިނެންސް ބާރަކަށް ވެގެން ގޮސްފައެވެ.

މޯދީ ދައުވާކުރާ ގޮތުގައި އޭނާއަކީ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރާ ލީޑަރެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު 10 އަހަރުތެރޭގައި މޯދީވަނީ އިންޑިއާގައި ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންނުވި ލީޑަރަށް ވެފައެވެ. އަދި ކޮރަޕްޝަނަށް ވަރަށް ބޮޑަށް ފުރުސަތު ދެއްވި ލީޑަރު ކަމަށްވެސް ވެފައެވެ.

މިދިޔަ މާޗްމަހު "އިލެކްޓޯރަށް ބޮންޑް ސްކީމް" ގެ ނަމުގައި މޯދީ ސިއްރުން ހިންގެވި އިލެކްޝަން ފައިނޭސް ޕްރޮގްރާމަކުން އޭނާގެ ކޮރަޕްޝަންވަނީ ވަރަށް ރަނގަނޅަށް ހާމަވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ އިންޑިއާގެ ތާރީޚުގައިވެސް އެގައުމުގެ ބޮޑުވަޒީރަކު އިންތިޚާބަށްޓަކައި މީހުން ބްލެކްމެއިލް ކުރުމަށް ޚާއްސަކޮށްގެން ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.

އިންޑިއާގެ ހިންދޫގެ ގިނަ ބަޔަކީ ތައުލީމުން މަހުރޫމު ވެފައިވާ އަދި ހޭލުންތެރިކަން ވަރަށް ކުޑަބައެކެވެ. އެމީހުންގެ މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުންގެ ވޯޓުތައް ދަމައިގަތުމަށްޓަކައި މޯދީ އާއި އޭނާގެ ޕާޓީންވަނީ މަކަރާއި އޮޅުވާލުމުގެ އެތަށް ހަރަކާތްތަކެއް އެމީހުންނަށް އަމާޒުކޮށްގެން ހިންގާފައެވެ.

މީގެތެރޭގައި ހިންދޫ ހަރުކަށި ފިކުރު އެމީހުންގެ ހިތްތަކުގައި އަށަގެންނެވުމާއި އިންޑިއާގެ މުސްލިމުންނަކީ ހިންދޫންނަށް އޮތް ނުރައްކަލެއްކަމުގެ ޕްރޮޕަގެންޑާ ފެތުރުމާއި އިންޑިއާގެ މިސްކިތްތައް ބިނާކޮށްފައިވަނި ހިންދޫންގެ ފައްޅިތައް ތަޅާލުމަށްފަހު އެތަންތަނުގެ މަތީގައި ކަމުގެ ދޮގުޚަބަރުތައް ފެތުރުން ހިމެނެއެވެ. މިފަދަ ނެރެޓިވްސްތައް ނެރެ ހަގީގަތް އޮޅުވާލައިގެން ހިންދޫންނާއި މުސްލިމުން ޖައްސައިގެން ހިންދޫންގެ ގައުމީ ރޫހު ކައްކާލުމުގެ އެތަށް ޕްރޮގްރާމެއް މޯދީގެ ހަރުކަށި ފިކުރުގެ ދަށުން އޭނާގެ ޕާޓީންވަނީ ހިންގާފައެވެ.

އިންޑިއާއަކީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު މުޅި ދުނިޔޭގައިވެސް އެންމެ ބޮޑުގައުމެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާގައި އޮތް ދުވަސްވަރަށް ވުރެވެސް މޯދީގެ ވެރިކަމުގައި އިންޑިއާގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބޮޑެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ބްރަޒިލް އަދި މެކްސިކޯ އާއި ކޮލަންބިއާއި ފިލިޕީންސް ފަދަ ގައުމުތައް ހިމެނޭއިރު އިންޑިއާ އަކީ މިގައުމުތަކަށް ވުރެވެސް މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބޮޑު ގައުމެކެވެ.

ނަތީޖާ އެއްގެ ގޮތުން އިންޑިއާގެ އާބާދީގައި ހިމެނޭ 1.4 ބިލިޔަން މީހުންގެ ތެރެއިން 800 މިލިޔަން މީހުންނަކީ އެމީހުންގެ ބަނޑު ފުރާނަ މުއްތިކުރުމަށްޓަކައި ސަރުކާރުން ދޭ ކާބޯތަކެތީގެ އެހީއަށް އެދި ސަލާން ޖަހާމީހުންނެވެ.

މޯދީގެ ކޭންޕޭންގައި މި 800 މިލިޔަން މީހުންނަށްވެސްވަނީ އޭނާގެ ޕާޓީއަށް ވޯޓު ނުދީފިނަމަ އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެކަމުގެ ބިރުދައްކާފައެވެ. މާނައަކީ މޯދީގެ ޕާޓީއަށް ވޯޓު ނުދީފިނަމަ ސަރުކާރުން އެމީހުންނަށް ދޭ ކާބޯތަކެތީގެ އެހީ ކަނޑާލާނެކަމުގެ ބިރެވެ. ކޭންޕޭންގެ ދުވަސްވަރު އިންޑިއާގެ މަހުޖަނުންނާއި އިންޑިއާގެ ކުންފުނިތަކުން ދިޔައީ މޯދީ ދެކެބިރުން އޭނާގެ ކޭންޕޭނަށް ފައިސާ އޮއްސަމުންނެވެ. އަނެއްކޮޅުން އިންޑިއާއަކީ ކާސްޓް ސިސްޓަމްވެސް ދުނިޔޭގައި އެންމެބޮޑު ގައުމެވެ.

އިންޑިއާގެ އާންމު އިންތިޚާބުގައި އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީ ހިމެނޭގޮތަށް 2600 އަށްވުރެ ގިނަ ސިޔާސީ ޕާޓީން ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު މިހުރިހާ ޕާޓީތައް އެއްކޮށް ކޭންޕޭނަށް ކުރި ޚަރަދަށްވުރެ މޯދީގެ ޕާޓީކަމަށްވާ ބީޖޭޕީން އެކަނި ކޭންޕޭނަށް ކުރި ޚަރަދުވެސް މާބޮޑެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީން ކޭންޕޭނަށް ފައިސާ ހޯދުމަށްޓަކައި އެޕާޓީގެ މެންބަރުން އަތުން ޑޮނޭޝަން ހޯދަން މަސައްކަތް ފެށުމުންވެސް މޯދީގެ ސަރުކާރުންވަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެކަން ހުއްޓުވާފައެވެ. މިކަން ހުއްޓުވީ މޯދީގެ ސަރުކާރުގެ ނުފޫޒުގައި އިންޑިއާގެ އިންކަމް ޓެކްސް އިދާރާއިންނެވެ.

އިންތިޚާބުގެ ކޭންޕޭން ދުވަސްވަރު މޯދީގެ ސަރުކާރުގެ ނުފޫޒުގައި އިންޑިއާގެ "އިންކަމް ޓެކްސް އިދާރާއިންވަނި ކޮންގްރެސް ޕާޓިގެ ބޭންކް އެކައުންޓްތަކުން 14 މިލިޔަން އެމެރިކާ ޑޮލަރު ސަރުކާރަށް ނަގައި އޭގެތެރެއިން ގިނަ އެކައުންޓްތަކެއް ބަންދުވެސް ކޮށްފައެވެ.

މިކަމާގުޅިގެން ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާންދީ ވަނީ މޯދީގެ ސަރުކާރުގެ ނުފޫޒުގައި އިންޑިއާގެ އެކިއެކި އިދާރާތަކުން އޭނާގެ ޕާޓީގެ ކެންޕޭނަށް ހުރަސްއަޅައި ކޭންޕޭނަށް ޚަރަދުކުރުމަށް ހުރި ފައިސާކޮޅު ސަރުކާރަށް ނެގިކަމަށް ވަރަށް އަސަރާއެކު ތުހުމަތު ކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް