ރާއްޖޭގައި ސިފައިންގެ ނަގާފައި އެންމެ ޒަމާންވީ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުން އެންމެ ނުރުހުންވާ އެއް ތަނަކީ ވެސް މަޖިލީހެވެ. އަނެއްކާ ވެސް ރައްޔިތުން މެންބަރުންތަކެއް އިންތިޚާބުކުރީ ހުވަފެންތަކެއް ދެކިގެންނެވެ. ބައެއް ކަންކަން ބަދަލުކުރަން ބޭނުންވެފައި ތިބި މިންވަރު އިންތިޚާބުން ވެސް ސާފުވިއެވެ.
ނިމުނު 19 ވަނަ މަޖިލީސް އޮތީ ހިތަކަށް އެމްޑީޕީއަށެވެ. އެގޮތް ކަމުނުގޮސްގެން، ވެރިކަމާ އެކު މިހާރު ޕީއެންސީއަށް އެ ދިނީ މާ ބޮޑު މެޖޯރިޓީއެކެވެ.
ވިހިވަނަ މަޖިލީސް:
- ޕީއެންސީގެ 75 މެންބަރުން
- އެމްޑީޕީގެ 12 މެންބަރުން
- އެމްޑީއޭގެ ދެ މެންބަރުން
- ޖޭޕީގެ އެންމެ މެންބަރެއް
- އެމްއެންޕީގެ އެންމެ މެންބަރެއް
- އަމިއްލަ ދެ މެންބަރުން
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_171686230051iard.jpg)
ވިހިވަނަ މަޖިލީހުގެ މެންބަރުން: އެ މެންބަރުން އައި ތަފާތުވާނެ ކަމަށް ވިދާޅުވަމުން -- ފޮޓޯ/ މަޖިލިސް
ސަރުކާރަށް ޖެއްސުންކުރާނެ ފުރުސަތެއް އިދިކޮޅަކަށް ނެތެވެ. ބޭނުންވެއްޖެ ނަމަ، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ވެސް ސަރުކާރަށް އެ އޮތީ ދީފައެވެ. ނަތީޖާ ނެރެން ހުރަސްއެޅޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އާ މަޖިލީހުގައި ފުރަތަމަ އޮތީ ކޮން ކަމެއް؟
އާ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމަށް ފަހުގައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް ވިހިވަނަ މަޖިލީހުން ކުރާނީ މިދިޔަ މަޖިލީހުން ރުހުންނުދީ ތިއްބެވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކަމަށެވެ.
އޭރު އޭނާއަކީ މި މަޖިލީހުގެ ރައީސްކަން ކުރައްވާނެ ބޭފުޅާކަން ޔަގީންނުވި ނަމަވެސް އެގޮތަށް އެކަން ހިނގާނެކަން އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.
އެހެންވެ، މި މަޖިލީހުގެ ކަންކަން ބައްޓަންކުރައްވާނެ ގޮތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކުރައްވަން ހުރި ކަންކަމަކީ މިދިޔަ މަޖިލީހުގައި "ސަރުކާރަށް ދަތިކުރުމުގެ" ގޮތުން ނުކޮށް ދޫކޮށްލާފައި ހުރި ކަންކަން ކުރުމެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ ވަޒީރުންނަށް ގާނޫނުއަސާސީގައި ބުނާ ރުހުން ދިނުމެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_171686237619UEOt.jpg)
އާ މަޖިލީހުގެ ރައީސަކަން ކުރައްވާނެ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ މަޖިލީސް
އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން ތިން ވަޒީރެއްގެ ނަން ރަތްވިއެވެ. ރުހުން ނުދީ އަނބުރާ ފޮނުވައިލީ:
- ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބަންޑާރަނައިބު އަހުމަދު އުޝާމް
މަޖިލީހުން ރުހުން ނުލިބުނު ނަމަވެސް އެ ބޭފުޅުން މަގާމުން ދުރެއް ނުވެއެވެ. އަލުން ހަމަ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރުމުގެ ބާރު ވެސް ގާނޫނުއަސާސީން ރައީސަށް ލިބެއެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަ އެ ތިން ބޭފުޅުންގެ ނަން ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުއްވިއެވެ.
އެކަމަކު، 19 ވަނަ މަޖިލީސް އުވުނުއިރު ވެސް ދެވަނަ ފަހަރަށް ފޮނުވި ތިން ވަޒީރުންނާ މެދު އަމަލުކުރާނެ ގޮތެއް ނިންމާފައެއް ނުވެއެވެ. އާ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތުން، އެ ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުގައި މާ ބޮޑު ރުހުމެއް ދޭނެކަން އޮތީ ޔަގީންވެފައެވެ.
ރައްޔިތުން ބޭނުމީ ތަފާތު ފެންނަން
މަޖިލީސް މެންބަރުންނާއި މުޅި މަޖިލީހަށް ވެސް ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުން ވަރަށް ބޮޑު އިތުބާރެއް ދެއެވެ. އެ މީހުން ތަމުސީލުކުރުމުގެ ފުރުސަތު، ބޮޑެތި އިނާޔަތްތަކާ އެކު އެންމެ ބޭފުޅަކަށް ދެނީ ގާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ބާރުވެރިކަން ގެއްލުވައިނުލާނެކަމުގެ ޔަގީންކަން ދޭތީއެވެ. ސުލޫކާއި އަޚުލާގު ހެޔޮވާނެ ކަމަށް އުންމީދުކޮށްގެންނެވެ.
"މިދިޔަ ފަސް އަހަރު ވެސް މެންބަރެއް ހުރި. އެކަމަކު، ދާއިރާގެ ރައްޔިތުންނާ އަނގައިން ނުބުނެ ދައުރު ހަމަކޮށްފައި އެގެން ގެއަށް ދިޔައީ. ދާއިރާގެ އެއްވެސް ކަމެއް ބަދަލެއް ނުވޭ، ބަދަލުވީ އެ މެންބަރުގެ ދިރިއުޅުން،" ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު ބުންޏެވެ.
ހަމައެކަނި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމެއް ވެސް ނޫނެވެ. މަޖިލީހަކީ ކޮންމެ މެންބަރަކު ވެސް އެ މީހެއްގެ ސިޔާސީ ބާރުވެރިކަމާއި އަމިއްލަ ޒާތީ ތައައްސަބަކަށްޓަކައި ވަންނަ ތަނަކަށް ހަދައިފި ކަމަށް ގިނަ އާންމުން ދެކެއެވެ. އެ މަޖިލީހުގެ ހަގީގީ ޒިންމާއާ ދުރުވެއްޖެ ކަމަށް ޒުވާނުން ގަބޫލުކުރެއެވެ.
"އަހަރެމެންގެ މެންބަރު އުޅުނީ ޒާތީ ކަންކަމުގައި. ނަސީބަކުން ތަޅާފޮޅައެއް ނުހަދާ. އެކަމަކު، މަޖިލީސް މެންބަރަކު އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދައެއް ނުކުރޭ. ދާއިރާއަށް އެއް ކަމެއް ވެސް ނުކޮށްދޭތީ ދޯ ނުހޮވުނީ މި ފަހަރު،" ރ. އަތޮޅަށް ނިސްބަތްވާ މެދުއުމުރުގެ މީހަކު ބުންޏެވެ.
ރައްޔިތުންނަށް މިދިޔަ މަޖިލީސް ކަމުނުދިޔަކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، ގޮނޑި ދިފާއުކުރަން ވާދަކުރެއްވި ގިނަ މެންބަރުންތަކަކަށް ރައްޔިތުން ނޫނެކޭ ބުނުމެވެ. ގޮނޑި ދިފާއުކުރެވުނީ އެންމެ 11 މެންބަރުންނަށެވެ. ބައެއް މެންބަރުން ޕްރައިމަރީން ވެސް ނާކާމިޔާބުވިއެވެ.
ގޮނޑި ދިފާއުކުރި މެންބަރުން:
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
- ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ގަޑުބަޑުގައި ޖެހިދާނެތަ؟
އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ކޮންމެ މަޖިލީހެއްގެ މެދުތެރެއިން ވެސް ސިޔާސީ ގަޑުބަޑެއް އުފެދުނެވެ. ގިނަ ފަހަރަށް މެޖޯރިޓީ ޕާޓީގެ އެތެރޭގައި އުފެދޭ ސިޔާސީ ބައިބައިވުމުގެ އަސަރުގައި ޖެހެނީއެވެ. މިދިޔަ މަޖިލީހުގައި ވެސް ބޮޑު ބައެއް ދިޔައީ އެ ސަކަރާތުގައެވެ.
އެންމެ ބޮޑަށް އެކަން ފެނުނީ 19 ވަނަ މަޖިލީހުންނެވެ. އެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ.
އެކަމަކު، ދައުރުގެ މެދާ ހިސާބުން އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، މަޖިލީސް މެންބަރުންގެ މެދުގައި ވެސް ދެބަސްވުން އުފެދުނީއެވެ. އެ ހިސާބުން މަޖިލީހުގެ ޖަލްސާތައް ވެސް އެ ސަކަރާތުގައި ޖެހުނީއެވެ.
ގިނަ މަސައްކަތްތައް ނުކުރެވި މަޖިލީހުގައި ނުފެންނަ ތަޅެއް އަޅުވައިގެން ވެސް ދުވަސްތަކެއް ދުއްވާލިއެވެ. ނިމުމަކާ ހިސާބަށް ދިޔައިރު އެ މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުން މަދުވަމުން މަދުވަމުން ގޮސް ވަރަށް ބޮޑަށް ކުޑަވިއެވެ.
އާ މަޖިލީހެއް ހޮވުމުން، މި މަޖިލީހަށް އެ ލޮޅުން އަރައިފާނެ ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރެއެވެ. މި ވަރުގެ މެޖޯރިޓީއެއް ފަސް އަހަރު ވަންދެން ދަމަހައްޓަން އުނދަގޫވާނެ ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވެއެވެ. އެކަމަކު، އާ މަޖިލީހުގެ ރައީސަކަން ކުރައްވަން ހުންނެވި އަބްދުއްރަހީމް އެކަން ގަބޫލެއް ނުކުރައްވައެވެ.
"އަޅުގަނޑުމެންނަށް މި ފަހަރު އޮތް އެންމެ ބޮޑު އެއް ފަސޭހަ އެއީ ޕާޓީގެ ރައީސާއި ގައުމުގެ ރައީސާ އެއް ބޭފުޅަކަށްވުން،" މީގެ ކުރިން މެޖޯރިޓީތައް ރޫޅިގެން ދިޔައިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އެހެން އެކަން ނުވުންކަން ފާހަގަކުރައްވައި އަބްދުއްރަޙީމް މީގެ ކުރިން 'ސަން'އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
"ޕީޕީއެމްގެ ވެރިކަން އޮތް އިރު ޕީޕީއެމްގެ ރައީސާއި ގައުމުގެ ރައީސާ އެއީ ދެ ބޭފުޅެއް. އެމްޑީޕީގެ ވެރިކަމުގައި ވެސް ގައުމުގެ ރައީސާއި އެމްޑީޕީގެ ރައީސާ އެއީ ދެ ބޭފުޅެއް،"
ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަބްދުއްރަހީމް ވިދާޅުވާ ވާހަކައިގައި ހަގީގަތެއް އެބައޮތެވެ. މިހާރު ޕީއެންސީއަކު ބައިބައިވާނެ ޖާގައެއް ވެސް އޮތް ކަމަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އެ ހުންނެވީ މާ ކުރީގައި ޕާޓީން ނުކުމެވަޑައިގެންނެވެ.
އާ މަޖިލީހުން ކުރީގައި ފެނުނު ހަލަބޮލިކަން ފެނުމުގެ ފުރުސަތު ކުޑައެވެ. ރައްޔިތުން ކުރާ އުންމީދު ވެސް ބޮޑެވެ. އާ މަޖިލީހުގެ ރައީސް ދެއްވަނީ ވެސް އެ ޔަގީން ކަމެވެ. މި މަޖިލީސް 'ތަފާތު' ވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ހުވާކުރުމާ އެކު ދެން މަޑުމަޑުން ހަގީގަތް ހާމަވާނެތާއެވެ.