'މަގޭ ސޯލާ' ޕްރޮގްރާމްގެ ދަށުން 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ދެނީ

މަގޭ ސޯލާ ޕުރޮގްރާމްގެ މެގަވޮޓް ގެ ނިޒާމުތައް ހަރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި--ފޮޓޯ: އެންވަޔަރަމެންޓް އެނާޖީ

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ، 750 ގޭބިސީއަކަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ އިއުލާނެއްގައިވާ ގޮތުން، އެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ތިން މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޠާރިގް އިބްރާހިމެވެ. އަދި ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ވަންގް ޓާއޯއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ތިން މެގަވޮޓްގެ ނިޒާމުތައް ގަތުމަށް ހެދި އެެއްބަސްވުމެއް ކަމަށެވެ.

މަގޭ ސޯލާ ޕުރޮގްރާމްގެ މެގަވޮޓް ގެ ނިޒާމުތައް ހަރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި--ފޮޓޯ: އެންވަޔަރަމެންޓް އެނާޖީ

އެ މނިސްޓްރީން ބުނީ، އެއްބަސްވުމުގެ ދަށުން ގަންނަ ތިން މެގަވޮޓް ތެރޭގައި ހިމެނެނީ ތިން ކިލޯވޮޓުގެ 375 ނިޒާމާއި ފަސް ކިލޯވޮޓުގެ 375 ނިޒާމު ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ޚަރަދުވާނެ މިންވަރާ ގުޅޭ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ, އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކޮށްފައިވާކަމަށެވެ. އެއީ ގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް ފަސް އިންސައްތަ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ވަޢުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް