މިދިޔަ މަހު ކާޑުގެ 71،612 ބަސްތާ ފިހާރަތަކަށް ސަޕްލައިކުރި

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހރުރި ފިހާރަތަކަށް މިދިޔަ މަހު ކާޑުގެ އެކި ބާވަތްތަކުގެ 71،612 ބަސްތާ ސަޕްލައިކޮށްދީފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ޖުމްލަ ސަޕްލައި ކޮށްފައިވާ ހަނޑުލަށް ބަލާއިރު، 32،710 ބަސްތާ ވަނީ ސަޕްލައި ކޮށްފައެވެ. އަދި 24،390 ބަސްތާ ފުށް ސަޕްލައި ކޮށްފައިވާއިރު، 14،512 ބަސްތާ ހަކުރު ވަނީ ސަޕްލައި ކޮށްފައެވެ.

އެގޮތުން މިދިޔަ މަހު އެސްޓީއޯ އިން ހަނޑޫ ހަކުރާއި، ފުށް ވަނީ މާލޭގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހަރަތަކަށާއި، ރީޖަނަލް އެޖެންޓުންނަށް ވެސް ވަނީ ފޮނުވައިފައެވެ.

އެގޮތުން މާލެ ސިޓީއަށް 1،264 ޑެލިވަރީ އެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • ހަނޑޫ - 17،394 ބަސްތާ
  • ހަކުރު - 7،597 ބަސްތާ
  • ފުށް - 10،971 ބަސްތާ

މީގެ އިތުރުން ރީޖަނަލް ފިހާރަތަކަށް ބަލާއިރު ފަސް ޑެލިވަރީއެއް ކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި:

ހަނޑޫ - 1،494 ބަސްތާ
ހަކުރު - 1،330 ބަސްތާ
ފުށް - 4400 ބަސްތާ

މީގެ އިތުރުން ރީޖަނަލް އެޖެންޓުންނަށް ވެސް އެސްޓީއޯ އިން 459 ޑެލިވަރީއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަނޑުލުގެ 3،813 ބަސްތާ އާއި، ހަކުރުގެ 5،585 ބަސްތާގެ އިތުރުން، 8،932 ބަސްތާ ފުށް ވަނީ ސަޕްލައި ކޮށްފައެވެ.

ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެންމެ ބޮޑު ސަބްސިޑީއެއް ދެނީ ކާޑުގެ ބާވަތްތަކަށެވެ. ނަމަވެސް މި ކަމަށް ބޮޑު ޚަރަދެއް ހިނގާއިރު، މިއީ ދައުލަތުގެ މާލިއްޔާއަށް ވެސް ބުރަ އުފުލަން ޖެހޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް