އެސްޓީއޯ ސްމާޓު ފިހާރަ 24 ގަޑިއިރަށް ބަދަލުކޮށްފި

އެސްޓީއޯ ސްމާޓު ފިހާރަ: އެ ތަނުން މިހާރު 24 ގަޑިއިރު ޚިދުމަތް ދޭނެ -- ފޮޓޯ/ އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވާފައިވާ ސްމާޓް ފިހާރައިން 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖުލައި 27ގައި ހުޅުވި އެ ފިހާރައިން މީގެ ކުރިން ޚިދުމަތް ދިނީ ރޭގަނޑު 10 ގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެ ފިހާރާއިން 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެހެން ފިހާރަތަކާ ޚިލާފަށް އެސްޓީއޯ ސްމާޓް ފިހާރައިގައި ކޭޝީއަރަކު ނުހުރެއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރަކު ނެތި ވިޔަފާރިކުރަން ހުޅުވި ފިހާރައެކެވެ. މި ފިހާރައިން ޚިދުމަތް ހޯދޭނީ އެ ކަމަށް ކަނޑައެޅިފައިވާ ޙާއްޞަ މޯބައިލް އެޕްލިކޭޝަން 'އެސްޓީއޯ ސްމާޓް ސްޓޯ' މެދުވެރިކޮށެވެ.

އެންޑްރޮއިޑް އަދި އެޕަލް ފްލޭ ސްޓޯރުން މި އެޕު ޑައުންލޯޑް ކުރެވޭނެއެވެ. ޑައުންލޯޑްކުރުމަށް ފަހު، އެޕަށް ލޮގިންވެ، ބޭންކު ކާޑް ރަޖިސްޓާކުރުމުން މި ފިހާރާއިން ވިޔަފާރި ކުރެވޭނެއެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަންގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކުރުމުންނެވެ.

އެއަށް ފަހު ފިހާރައަށްވަދެ ބޭނުންވާ އެއްޗެއް ނެގުމަށް ފަހު ނުކުމެގެންދާންވީއެވެ. ފިހާރައިން ނަގާ ތަކެއްޗަށްވާ ފައިސާ އެ ކަސްޓަމަރެއްގެ ބެންކު އެކައުންޓުން ކެނޑޭނެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް ނެތް ނަމަވެސް މި ފިހާރައަކީ ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ފިހާރައެކެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރެއެވެ. އެ ފިހާރައިގެ ހަރުތަކާއި، ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ އެ ކެމެރާތަކުންނެވެ.

comment ކޮމެންޓް