ޕެންޝަނަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ޕާކިސްތާނުގެ ރިޓަޔާމެންޓް އުމުރު މަތިކުރަން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު، މުޙައްމަދު އޯރަންގްޒޭބް ވިދާޅުވެއްޖެއެވެ.
އެކަން ކުރަން ނިންމައިފައިވަނީ އަހަރީ ބަޖެޓް ކަނޑައެޅުމުގެ ކުރިންނާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އާ ބެއިލް އައުޓް ޕްރޮގްރަމަކާ މަޝްވަރާކުރުމުގެ ކުރިން ކަމަށް ވެސް މާލީ ވަޒީރު ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އައިއެމްއެފްގެ މިޝަނެއް ޕާކިސްތާނަށް ޒިޔާރަތްކުރާނެ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
"ޕެންޝަންގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހޭ. ޕެންޝަން ދެއްކުމަކީ ބޮޑު ޒިންމާއެއް،" މާލީ ވަޒީރު ވިދާޅުވިއެވެ. ޕާކިސްތާނުގައި މިހާރު ރިޓަޔާކުރުމުގެ އުމުރަކީ 60 އަހަރެވެ.
ޕެންޝަނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ލަފާދޭ ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވައިލައިފައެވެ. ޕެންޝަނަށް ކުރާ ހަރަދު އިތުރުވުމަކީ ސަރުކާރުގެ ބަޖެޓް ތައްޔާރުކުރާއިރު ދިމާވާނެ އިތުރު ގޮންޖެހުމެކެވެ.
ކުރިން 2023 އިން 2024 އަށް މި ހިނގާ މާލީ އަހަރަށް ޕެންޝަން ހަރަދަށް 2.88 ބިލިއަން ޑޮލަރު ޕާކިސްތާނުގެ ކަނޑައަޅައިފައިވެއެވެ. ނިމިދިޔަ މާލީ އަހަރު 2.19 ބިލިއަން ވަނީ ޕެންޝަނަށް ކަނޑައަޅައިފައެވެ.