ޕާކިސްތާނަށް އޭޕްރީލް މަހެއްގައި އެންމެ ގިނައިން ވާރޭވެހުނީ މި ފަހަރު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގައި ފެންބޮޑުވެފައި --- ފޮޓޯ/އަލް ޖަޒީރާ

ފަސްދޮޅަސް އަހަރަށްފަހު ޕާކިސްތާނަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު އޭޕްރީލް މަހަކީ މި އަހަރުގެ އޭޕްރީލް މަސް ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ކުރިން 1961 ވަނަ އަހަރަށް ފަހު މިދިޔަ އޭޕްރީލް މަހު ޕާކިސްތާނަށް ވަނީ އާންމުކޮށް އެހެން އަހަރުތަކުގެ އޭޕްރީލް މަހު ވާރޭ ވެހޭ މިންވަރަށް ވުރެ ދެގުނަ އިތުރަށް ވާރޭ ވެހިފައެވެ. އޭޕްރީލް މަހު ވާރޭ ވެހިފައިވަނީ 59.3 މިލިމީޓަރު ކަމަށާއި، މިއީ އާންމު އެވްރެޖް 22.5 މިލިމީޓަރު އަށް ވުރެ މާ ބޮޑަށް ވެސް އިތުރު އަދަދެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅަނގު ދެކުނު ޕްރޮވިންސް ބަލޫޗިސްތާނަށެވެ. އެ ސަރަހައްދަށް ވާރާވެހުނު މިންވަރު އެވްރެޖަށް ވުރެ 437 އިންސައްތަ އިތުރަށް ވާރޭ ވެހިފައިވެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 144 މީހުން މަރު ވެސްވިއެވެ.

އެންމެ ގިނައިން މަރުވެފައިވަނީ ހުޅަނގު އުތުރު ޚައިބަރު ޕަޚްތުންޚްވާއަށެވެ. އެ ސަރަހައްދުން މަރުވި މީހުންގެ ތެރޭގައި 38 ކުޑަކުދިން ހިމެނޭއިރު ޖުމްލަ 84 މީހުން މަރުވެފައިވެއެވެ. އަދި، 3،500 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވައިވެއެވެ.

އޭޕްރީލް މަހަކީ އޭޝިއާގެ ބޮޑު ބަޔަކަށް ހޫނުގަދަ މަހަކަށްވީ ނަމަވެސް ޕާކިސްތާނުގެ ފިނިހޫނުމިން އޭޕްރީލް މަހު ހުރީ 23.67 ޑިގްރީ ސެލްސިއަސްގައެވެ.

ކުރިން 2022 ވަނަ އަހަރު ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ކޯރުތައް ފުރި، ފެންބޮޑުވުމުގެ ސަބަބުން 1،739 މީހުން މަރުވެފައިވެއެވެ. އެ ހާދިސާގެ ސަބަބުން 30 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާއިރު، އެ ގެއްލުމުން ޕާކިސްތާނަށް އަދިވެސް އަރައިނުގަނެވެއެވެ. އެ އަހަރު ބަލޫޗިސްތާނަށް އެވްރެޖަށް ވުރެ 590 ޕަސެންޓް ވާރޭ ވެހިފައިވާއިރު، ކަރާޗީއަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ 726 އިންސައްތަ އިތުރަށް ވާރޭ ވެހިފައިވެއެވެ.

comment ކޮމެންޓް