މެޑިކަލް ސްކޫލު ކުދިންނަށް ދެރައެއް ނުލިބޭނެ، ކެމްޕަސް ހުޅުމާލޭގައި އަޅަނީ

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެ ހޮސްޕިޓަލުން އެންގި ނަމަވެސް އެކުދިންނަށް ދެރައެއް ނުލިބޭނެ ކަމަށާއި، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ކެމްޕަސް ހުޅުމާލޭގައި އަޅަން ނިންމާފައިވާކަމަށް ގައުމީ ޔުނިވާސިޓީން ބުނެފިއެވެ.

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާއެކު އެކަމުގެ ކަންބޮޑުވުން ދަރިވަރުން އަންނަނީ ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ، ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީގޮތުން ކަމަށެވެ.

އަދި، މިހާރު ސަރުމަވަންތަ ހޮސްޕިޓަލް ހުސްކުރަން އަންގާފައި ވަނީ، އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް
އިތުރު ޖާގަ ބޭނުންވާތީ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލު ކުރެވޭކަމަށް ޔުނިވާސިޓީން ވަނީ ބުނެފައެވެ.

ޔުނިވާސިޓީގެ ބަޔާނުގައި ވަނީ، މި ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދޭ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނޭގޮތަށް އެ އިންތިޒާމު އެ ޔުނިވާސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އަދި ދަރިވަރުންނަށް ހޮސްޕިޓަލުން ލިބިދޭންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕަިޓަލުން ފޯރޮކޮށްދޭނެ ކަމަަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ހަމަ އެއާއެކު ޤައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ގެންދަވަނީ މި ޔުނިވާސިޓީއާއެކު ޢަމަލީ ގޮތުން މަސައްކަތް ކުރައްވަމުން،" ބަޔާނުގައި ވެއެވެ.

ގައުމީ ޔުނިވާސިޓީން ކަންތައްތައް އިންތިޒާމްކުރުމުގައި އަބަދުވެސް އިސްކަންދެނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނޭގޮތަށް ކިޔެވުމުގެ ފެންވަރު ހިފަހެއްޓުމަށް ކަމަށް ބުންޏެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ހެވާ ލާބަ ކަށަވަރުކުރުމަކީ ޔުނިވާސިޓިގެ އެންމެ އިސް ވާޖިބުކަން ވެސް ޔުނިވާސިޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޙަޤީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ގައުމީ ޔުނިވާސިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް