މަޖިލިސް ދައުރު ނުފެށޭތީ، ހަ މެންބަރުންނަށް ބޭނުން ޕާޓީއަކަށް ސޮއިކުރެވޭނެ: ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ، މަޖިލީހުގެ އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކަށް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވިވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ ޝަރުތަކާއި، މެންބަރު ކަމަށް ހޮވުމަށްފަހު، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެންބަރުން ވަކިވާނެ ކަމުގެ ޝަރުތުތައް ބަޔާންކޮށްފައި އޮވެއެވެ. ހަބީބު ވިދާޅުވީ އެ މާއްދާގެ (ނ)ގައި ބުނާ ޝަރުތުންކުރެ ޝަރުތެއް އެ ހަ ބޭފުޅުންގެ ވެސް އުނިވެފައިނުވާ ކަމަށެވެ.

ދާދި ފަހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން، އިންތިޚާބުވެ ވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ،" ހަބީބް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް، ގާނޫނެއްގެ ގޮތުގައި ފާސްކުރުމުން އެ ކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://sun.mv/191170

އެހެންވެ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް 'އެންޓި ޑިފެކްޝަން ގާނޫނު'ގައި ހިމެނޭ މާއްދާތައް އިތުރުކުރަން މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ.

ޕީއެންސީގެ ތާއިދާއެކު އަމިއްލަ ގޮތުން ވާދަކޮށްގެން ގޮނޑި ކާމިޔާބުކޮށް، އެ ޕާޓީއާ އިއްޔެ ގުޅުނީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މި ހަ މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމުލަ މެންބަރުންގެ އަދަދަކީ 72 އެކެވެ.

https://sun.mv/191224

މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93އެކެވެ.

comment ކޮމެންޓް