ދިވެހީން ބޭނުމީ އަމިއްލައަށް ގޮތް ނިންމަންކަން ދުނިޔެއަށް ދައްކައިދީފި: ރައީސް

ދިވެހީން ބޭނުމީ އަމިއްލައަށް ގޮތް ނިންމަންކަން މުޅި ދުނިޔެއަށް ދައްކައިދީފި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ބޭއްވި އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފަލުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން އިންތިޚާބުގެ ނަތީޖާއާއެކު ސާފުވެފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަކަށް ދާން، ދިވެހި ރައްޔިތުން ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުން ބޭކާރު ވިޔަ ނުދިނުމަށްޓަކައި މި އިންތިޚާބުގައި ވެސް ބުރަ މަސައްކަތްކޮށް އެ ކާމިޔާބީ ދަމަހައްޓާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ސާބިތުކޮށްދިނީ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދިޔުމަށާއި މިނިވަންކަން ޔަގީން ވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގައި ހޯދުމަށް ބޭނުންވާކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އުފާ ފާޅުކުރެއްވުމަށް އާޓިފިޝަލް ބީޗުގައި: އުފާ ފާޅުކުރީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު-- ސަން ފޮޓޯ: މޫސާ ނަދީމް

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރު ދުނިޔޭގެ އެކި ފަރާތްތަކަށް ވެސް، ދިވެހި ރައްޔިތުންނަށް ބޭނުން ވަނީ ކޮން ކަމެއްކަން މިހާރު ސާފުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހި ގައުމެއް ދިވެހި ގައުމަކީ ފަޚުރުވެރި ގައުމެއް އަޅުގަނޑުމެންނަކީ މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ،" ރައީސް ވިދާޅުވިއެވެ.

ދިވެހިން ބޭނުންވަނީ ރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމަން ކަމާއި ދިވެހިންނަށް މުހިންމީ ދިވެހިންގެ ކަންކަމަށް ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންގެ އެތެރޭގައި ތިބި އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ވަރަށް ސާފުވެވަޑައިގަންނަވާނެ. އެހެންވީމަ އަޅުގަނޑު އެދެނީ މިހާރު ޚިޔާލު ތަފާތު ދޫކޮށްލައްވަން، އިންތިޚާބު ނިމުނީމަ،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން އެ މަނިކުފާނު ވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރަކީ ވަކި ގައުމަކުން އަންގާ ގޮތަށް އަމަލުކުރި ސަރުކާރެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް މި ސަރުކާރުން ވަކި ގައުމެއްގެ ފަޅިއަށް ނާރައި، ގެންގުޅޭނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ ޕީޕީއެމް، ޕީއެންސީ އިދިކޮޅުގައި އޮތްއިރު ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މައިގަނޑު ވައުދުފުޅެއްގެ ގޮތުގައި ހައްދަވައިފައެވެ.

ޔާމީންއާ އެއްގޮތަށް ރައީސަކީ ވެސް 'ޕްރޯ ޗައިނާ' ބޭފުޅެއް ކަމަށް އިދިކޮޅާއި ބޭރުގެ ބައެއް ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް