ހަވާ އެރުވުމާއެކު އުފާފާޅުކުރަން ޕީއެންސީން މިރޭ އާޓިފިޝަލް ބީޗަށް

ޕީއެންސީން ކެމްޕޭން ނިންމަން ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ކާމިޔާބުކުރުމާއެކު އުފާ ފާޅުކުރުމަށް މިރޭ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިރޭ ޕީއެންސީން އުފާ ފާޅުކުރުން ކުރިއަށް ގެންދަން ނިންމައިފައި އޮތީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. 8:30 ގައި ހަރަކާތް ފަށަން ނިންމައިފައިވާކަމަށް ޕީއެންސީން ބުންޏެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.

ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ.

އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.

ޕީއެންސީން އެ އަދަދަށް ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު، އެ ޕާޓީގެ ޓިކެޓާ ނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

comment ކޮމެންޓް