ސައުދީ އަރަބިއާގެ މިސްރާބު އެފްރިކާއަށް

އެފްރިކާ ބާޒާރަށް އަމާޒުކޮށް އާ އެއާލައިނެއް އުފައްދަން ސައުދީ އަރަބިއާއިން ވަނީ ނިންމައިފައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އެފްރިކާގެ ބާޒާރަށް އަމާޒުކޮށްގެން ސައުދީ އަރަބިއްޔާއިން ރިޔާދުގައި އާ އެއާލައިނެއް އުފައްދަން ނިންމައިފިއެވެ.

އަލް އިގްތިސާދިއާ ނޫހުން ބުނި ގޮތުގައި މި އިސްނެގުމަށް ސައުދީ ރެގިއުލޭޓަރީ ބޮޑީސް އާއި އެފްރިކަން ސިވިލް އޭވިއޭޝަން ކޮމިޝަން (އޭއެފްސީއޭސީ) އިން ވެސް މިހާރު ވަނީ ފެހި ސިގްނަލް ލިބިފައެވެ.

އެ އެއާލައިން ގާއިމުކުރުމުގެ މަގުސަދަކީ ސައުދީއާއި އެފްރިކާއާއި ދެމެދު ފަތުރުވެރިކަމާއި އިންވެސްޓްމަންޓް ދާއިރާ ފުޅާކުރުމެވެ.

އެފްރިކާ ބާޒާރަށް އަމާޒުކޮށް މީގެ ކުރިން ގާއިމުކުރި އެއާލައިން ވަނީ މާލީ ދަތިތަކާހުރެ 2021 ވަނަ އަހަރު ހުއްޓައިލަން ޖެހިފައެވެ. އާ އެއާލައިން އުފެއްދީ ކުރިން ހިންގަމުންދިޔަ އެއާލައިން ވަރުގަދަކޮށް ފުޅާކުރުމުގެ ގޮތުންނެވެ. އެއާލައިން އަލުން އުފެއްދުމުން މުޅި އެފްރިކާ ބައްރުގައި އެއާލައިންގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

އާ އެއާލައިން ލޯންޗުކުރާ ވަގުތާއި، އިތުރު ތަފްސީލީ ޕްލޭންތައް އަދިވެސް ނިންމައިފައިނުވާއިރު، އެއާލައިނުން ގިނަ އެއާ ޓްރާންސްޕޯޓް ލިންކްތަކެއް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ.

މިއީ ސީދާ އަދި ސްޓޮޕް ފްލައިޓް މެދުވެރިކޮށް ސައުދީގެ ގިނަ ސިޓީތަކެއް އެފްރިކާގެ ބައެއް މަންޒިލްތަކާ ގުޅުވައި، އެ ސަރަހައްދުތަކުގެ މެދުގައި ދަތުރުފަތުރާއި އިގްތިސާދީ ބަދަލުތަކަށް ފަސޭހަވާނެ ކަމެއް ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެފްރިކާއަށް ހާއްސަކޮށް އުފައްދައި އެއާލައިންގެ ސަބަބުން ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ސައުދީން އެކަށައަޅައިފައިވާ އިގްތިސާދީ ސްޓްރެޖީ "ވިޝަން 2030" ކާމިޔާބު ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ގްލޯބަލް އޭވިއޭޝަން ހަބެއްގެ ގޮތުގައި ސައުދީ ވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

comment ކޮމެންޓް