އަނާރާގެ ދެކަނބަލުން ވެސް ގޮނޑި ކާމިޔާބުކޮށްފި

އޭޕްރިލް 15، 2019: އަނާރާ ނައީމް: އަނާރާއާއި ފިރިމީހާ ވެސް ވަނީ އިންތިޚާބު ކާމިޔާބުކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމްގެ ދެކަނބަލުން ވެސް މި ފަހަރުގެ މަޖިލީސް އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އަނާރާ މި ފަހަރު އަމިއްލަގޮތުން ވާދަކުރެއްވީ ހުރާ ދާއިރާއަށެެވެ. އޭނާ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރަން ނިންމީ ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވުމުންނެވެ. އޭނާ ކުރިން މެންބަރުކަން ކުރެއްވި މަކުނުދޫ ދާއިރާއަށް މި ފަހަރު ވާދަކުރެއްވީ އޭނާގެ ފިރިކަލުން އާދަމް ޝަފީގެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަނާރާ މިހާތަނަށް ވަނީ 583 ވޯޓު ކާމިޔާބުކުރައްވައިފައެވެ.

އޭނާއާ ދެން ވާދަކުރާ ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި އަބްދުﷲ ވާރިސަށް މިހާތަނަށް ލިބިފައިވަނީ 402 ވޯޓެވެ. އެމްޑީޕީން ވާދަކުރި ޝާތިރު އަބްދުއްރަހްމާނަށް މިހާތަނަށް 283 ވޯޓު ލިބިފައިވާއިރު އެ ދާއިރާއަށް ޕީއެންއެފްގެ ތާއީދާ އެކު ވާދަކުރި އައިމިނަތު ރުލާ އާތިފްއަށް މިހާތަނަށް ލިބިފައިވަނީ 124 ވޯޓެވެ.

އެހެންވެ، ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނާރާ ވަނީ ހުރާ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފައެވެ.

އަނާރާގެ ފިރިކަލުން އާދަމް ޝަފީގު ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭނާ ވަނީ މިހާތަނަށް 1،000 ވޯޓު ކާމިޔާބުކުރައްވައިފައެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ލިބިފައިވަނީ 402 ވޯޓެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރި މިހާރުގެ ވެސް މެންބަރު މުހައްމަދު ރާއީއަށް މިހާތަނަށް ލިބިވަޑައިގަތީ 292 ވޯޓެވެ.

އެހެންވެ، ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ގޮނޑި ކަށަވަރުކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަނާރާގެ އިތުރުން، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)އާއި މުލަކު ދާއިރާއަށް ވާދަކުރެއްވި އޭނާގެ ދަރިފުޅު އިބްރާހީމް ނައުފަލް ވެސް ވަނީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރައްވައިފައެވެ.

ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ.

ޕީއެންސީގެ އިތުރުން ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީއާއި އެމްޑީއޭ ވެސް ހިމެނޭހެން އެ ކޯލިޝަނުން ވަނީ 70 އަށްވުރެ ގިނަ ގޮނޑި ކަށަވަރުކޮށްފައެވެ.

comment ކޮމެންޓް