މި ސަރުކާރަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓެއް: ޞާލިޙު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު: ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓުތަކެއް ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އަޙުމަދު ޣާލިބުގެ ކެމްޕޭން ޖަލްސާގައި ޞާލިޙު ގޮވާލެއްވީ ނަމަނަމަ މި ސަރުކާރަށް ވޯޓު ނުދިނުމަށެވެ.

"މި ސަރުކާރުގެ ކެންޑިޑޭޓަކަށް ދެއްވާ ވޯޓަކީ ރާއްޖޭގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ކުދި ރަށްތަކުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ރަށްފުށުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް.. ރައްކާތެރިކަމާ އެކީ ވަޒީފާ އަދާކުރުމާ އިދިކޮޅަށް ދޭ ވޯޓެއް،" ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީ ގެންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ނުލިބި، އެ ތަރައްގީ ގެނެސް ނުދެއްވޭނެ ކަމަށް ވިދާޅުވުމާ ގުޅިގެން ޞާލިޙު އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެޖޯރިޓީ ނުދީފިނަމަ، ތަރައްގީ ގެނެސްނުދެވޭނެ ކަމަށް ސަރުކާރުން ބުނާނެ ކަމަށެވެ. އަދި އެއަށް ފަހު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުނުކޮށް، އެ ވިދާޅުވާ ތަރައްގީ ގެނެސްނުދެވޭނެ ކަމަށް އެއަށްފަހު މި ސަރުކާރުން ބުނާނެ ކަމަށް ވެސް ޞާލިޙު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމާ ގުޅިގެން ޞާލިޙު ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ އިންތިޚާބުތަކާ ދިމާކޮށެއް ނޫން ކަމަށެވެ. ސަރުކާރު އޮންނަން ޖެހޭނީ އަބަދު ވެސް ހިނގަހިނގާކަން ފާހަގަ ކުރައްވައި ޞާލިޙު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، ފަށާފައިވާ މަޝްރޫއުތައް މެދުނުކެނޑި ކުރިޔަށްދިއުން ގާނޫނެއްގެ ތެރެއިން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

ކުރީ ސަރުކާރުގައި ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާފައި އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަމުންދާއިރު، ސަރުކާރުން ބުނަނީ މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ މިންވަރަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، ދައުލަތް އޮތީ ދަރުވާލާފައި ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ސަރުކާރުގެ އެކިއެކި މަގާމުތަކަށް ގިނަ އަދަދުތަކުން މީހުން އައްޔަންކުރަމުންދަނީ ގައުމުގެ އިޤުތިޞާދީ ހާލަތު އެހާ ގޯސްކޮށް އޮތަތީތޯ، އެމްޑީޕީން ސުވާލު އުފައްދައެވެ.

އިދިކޮޅު އެމްޑީޕީން ސަރުކާރަށާއި ރައީސް ޑރ. މުޢިއްޒަށް ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވައި އެ މަނިކުފާނު ވިދާޅުވެފައި އޮތީ، އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އަޅުވަން އުޅެއުޅެ އިދިކޮޅަށް އެކަން ވާގޮތެއް ނުވި ކަމަށެވެ.

comment ކޮމެންޓް