ޕީއެންއެފް ޖަލްސާއަށް ހުރަސްއަޅަނީ ސަރުކާރު ބިރުން: އެމްޑީޕީ

އެމްޑީޕީގެ ރައީސާއި ޗެއާޕާސަން: -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން އޮތް ޖަލްސާއަށް ހުރަސް އަޅަނީ ސަރުކާރު އަޑީގައި އޮވެ، ޕާޓީ ދެކެ ބިރުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުރަސްއަޅުއްވަމުންދާ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެގޮތަށް އަަމަލުކުރަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިނަށް އެދެވޭ ތަރުހީބެއް ނުލިބޭތީ އާއި ކޮރަޕްޝަނާއި އެހެނިހެން ނޭދެވޭ އަމަލުތަކުގެ ތުުހުމަތުތައް ކުރިމަތިވަމުންދާތީ ކަމަށެވެ.

"އާ ސިޔާސީ ޕާޓީތަކާއި ހަރަކާތްތައް އުފެއްދުމުގެ ހައްގާއި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ނިޒާމުގެ އަސާސްތަކެއް ކަމަށް، މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފު ކުރުމުގައި އިސްކޮށް އުޅުނު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ގަބޫލުކުރަން،" ޝާހިދުގެ ޓްވީޓްގައިވެއެވެ. .

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތަށް ސަރުކާރުން ދަނީ އިލެކްޝަންސް ކޮމިޝަނާއި އަމިއްލަ ސްކޫލްތަކާއި ފުލުހުން މެދުވެރިކޮށް ހުރަސް އަޅަމުން ކަމަށެވެ.

އެއީ އެ ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ވާދަވެރި ޕާޓީތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖެހިލުންވެވަޑައިގަންނަވަން ޖެހޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރަކީ ނާގާބިލު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގޮތަކަށް ސަރުކާރުން ޕާޓީތަކަށް ހުރަސް އަޅާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

އެއާއެކު ފައްޔާޒު ސަރުކާރަށް ގޮވައިލެއްވީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ.

މިއަދު ހެނދުނުއްސުރެ ޕީއެންއެފްގެ އިސްވެރިން އަންނަނީ، ޣިޔާސުއްދީން ސްކޫލުގައި މި ޖަލްސާ ބޭއްވުނަ ނުދިނުމަށް ޓަކައި ސަރުކާރުން ހުރަސް އަޅަމުން އަންނަކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން ޣިޔާސުއްދީން ސްކޫލު ހޯލަށް ކަރަންޓު ނުދޭން ވެސް އަންގައިފައިވާކަމަށް ބުނެ ތުހުމަތުކުރިއެވެ.

އެއާއެކު މިރޭ 9:15 ގައި ޖަލްސާ ބާއްވަންވެގެން އާންމު މެމްބަރުންނާއި، އިސްވެެރިން ދިޔައިރު އެސްއޯ ފުލުހުން އައީ އެ ތަނުގައި ހަރަކާތްތެރިވަމުންނެވެ. އަދި ސްކޫލު ގޭޓު ވަނީ ބަންދު ވެސް ކޮށްފައެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ އެ ސަރަހައްދުގައި އަޑު އުފުލައި ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ޣިޔާސުއްދީން ސްކޫލުގައި އެެއްވުން ބާއްވަން ހުއްދަ ދެވިފައިނުވާ ކަމަށެވެ.

އެހެންވެ އެއްވުން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނަށް އެ ރިކުއެސްޓު ލިބުނީ މިރޭ 6:42 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް