ކުޑަކުދިން ކުށްކުރުން ހުއްޓުވުމަށް އޮތް ހައްލަކީ ރިހެބިލިޓޭޝަން: ޝަމީމް

ޕީޖީ ޝަމީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިން ކުށްކުރުން ހައްލުކުރުމަށް އޮތް ގޮތަކީ ރިހެބިލިޓޭޝަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ޝަމީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ އެ ކުދިންނަށް ފަރުވާދީ، ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. އަދި އެ ކަން ކުރެވޭނެ ފަންނީ ގާބިލް މީހުން ރާއްޖޭގައި އެބަ ތިބި ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމެއް ހިންގިއްޖެ ނަމަ، އެކަން ކާމިޔާބު އިންވެސްޓްމެންޓަކަށް ވާނެ ކަމަށެވެ.

ގާނޫނީ ނިޒާމު އޮތް ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. މި ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެ ކުއްޖަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ. އެ ހާލަތުގައި ފިޔަވަޅު އެޅޭނެ ނިޒާމާއި އެކަމާބެހޭ ގަވާއިދުތައް ވެސް ހެދިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޕީޖީ ވިދާޅުވަނީ ކުށްކުރާ ކުޑަކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށެވެ. އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެ ހުރިހާ ކުށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މި ވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ." ޝަމީމްގެ ޕޯސްޓްގައި ވެއެވެ.

އިތުރަށް ވިދާޅުވެފައި އޮތީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް ދެނީ އަދަބެއް ނޫން ކަމަށާއި އެ ކުދިންނަށް ދެނީ ފަރުވާ ކަމަށެވެ. އަދި ކުޑަކުދިން ކުށްކުރާ މައްސަލަ ހައްލުކުރުމަށް، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކުރުމަކީ ވެސް މިކަމުގެ ހަލެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވީ ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލައިފި ނަމަ، ކުށްވެރީންގެ ޖީލެއް އުފެދި، އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އއ. ރަސްދޫގައި ރޭ ކުޑަކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އެ ރަށަށް ޚާއްޞަ ޓީމެއް ވެސް ވަނީ ފޮނުވައިފައެވެ.

comment ކޮމެންޓް