ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމުގެ ބަދަލުގައި ހަރުދަނާކުރަންވީ ނިޒާމު: ހަމީދު

ކުރީގެ ސީޕީ ހަމީދު: ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ނިޒާމު ހަރުދަނާކުރުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ޕޮލިސް

ކުޑަކުދިން ކުށް ކުރުން ހުއްޓުވުމަށް ޓަކައި، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ނިޒާމު ހަރުދަނާ ކުރުން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކުޑަކުދިން ރައްކާތެރިކުރުމާއި އަދުލުގެ ގާނޫނު ތައާރަފްކުރީ ދާދި ފަހުން ކަމަށާއި އެ ގާނޫނުތައް ތައާރަފް ކުރީ ވެސް ވަރަށް ގިނަ ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ. އެހެންވެ، މިފަދަ މައްސަލައެއް ކުރިމަތި ވުމުން އިދާރާތަކުން މިފަދަ ގޮތަކަށް ރިއެކްޓް ކުރުން މިއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ އުމުރުފުރާއަކަށް މިފަދަ މައްސަލަތަކާ ގުޅިގެން ކަންކުރާނެ އުސޫލެއް ކަނޑައަޅަން ޖެހޭކަމަށެވެ. އަދި ކުދިންގެ އާއިލީ މާހައުލާއި ސްކޫލު މާހައުލު ފަދަ ކަންކަން ދައުލަތުގެ ތެރެއިން އަބަދު ވެސް އެސެސް ކުރެވޭ ނިޒާމެއްގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިފަދަ ނިޒާމެއްގެ އެބްސެންސް ރާއްޖޭގައި މި ފެންނަނީ. އެކަންކަން އެކްސްޕްލޮއިޓް ކުރެވި، ކުށްކުރުމުގެ މާހައުލު ތެރެއަށް އެކުދިން ތައާރަފް ކުރެވި، އޭގެ އެޑްވާންޓޭޖް އެކި ފަރާތްތަކުން ނަގާ އެކަންކަން އެގޮތަށް ކުރުމަށް ޖާގަ ލިބިގެން ދަނީ. އަސްލު އަންޑަލައިން މެއިން އިޝޫއަކީ ދައުލަތުގެ ތެރޭގައި އެކަންކަން ފުރިހަމަ ނުވެ އޮންނާތީ،" ހަމީދު ވިދާޅުވިއެވެ.

މިފަދަ ނިޒާމެއް ގާއިމްވެފައި އޮންނަ ނަމަ، މިއަދު މި ފެންނަ މިންވަރަށް ކުޑަކުދިންގެ މައްސަލަތައް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ފެންމަތިވެ، އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ.

މި މައްސަލައިގެ އަޑު ގަދަވެފައި ވަނިކޮށް، މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް