ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: މިނިސްޓަރު

ހޯމް މިނިސްޓަރު އަލީ އިހުސާން: -- ފޮޓޯ/ މަޖިލިސް

ކުޑަކުދިންނަށް އަނިޔާކުރުން ފަދަ ކަންކަން މުޖުތަމައުގައި ހިންގާ މީހުންނަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅައި އެކަން ޔަގީން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

މިސްކިތެއް ތެރޭ ތަރާވީސް ނަމާދު ވަގުތުގައި ކުޑަ ކުއްޖަކަށް ބަޔަކު ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ލިޔުއްވަފައިވާ ޕޯސްޓެއްގައި ވަނީ، މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ފުލުހުން ވަނީ ދެނެގަންފައެވެ. އެއީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިންނެވެ.

މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ބުލީގެ މައްސަލަތަކަކީ ރާއްޖޭގައި އިންތިހާއަށް އާންމު މައްސަލަ ތަކެކެވެ. ސްކޫލުތަކުގެ މަތީ ގްރޭޑުތަކުގައި މި ކަން އާންމުއިރު، މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ސްކޫލު މާހައުލުގައި ފެންމަތިވެފައި އެބަހުއްޓެވެ.

comment ކޮމެންޓް