ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަކަށް

ޓައިވާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 9 މީހުން ވަނީ މަރުވެފައި. ފޮޓޯ/ބީބީސީ

މިފަހުން ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް ނުވަ މީހުން މަރުވެ، 900 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އެ ހާދިސާއާ ގުޅިގެން 50 މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. އެ ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރުން ނެރުން ނަމަވެސް ފަހުން އެ އިންޒާރު ބާތިލުކޮށްފައެވެ.

ރިކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގައި އިއްޔެ އައި އެ ބިންހެލުން އައިސްފައި ވަނީ ޓައިވާނުގެ އިރުމަތީގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެއް ކަމުގައިވާ ހުއާލިއަނަށެވެ.

ބިންހެލުމާ ގުޅިގެން 26 އިމާރާތެއް ވެއްޓިފައިވާއިރު, އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އިމާރާތްތައް ވެއްޓިފައި ވަނީ ހުއާލިއަނުންނެވެ. ތައިވާން ސަރުކާރުން ބުނީ, ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ 20 މީހަކު ހޯދައި, ސަލާމަތް ކުރުމަށް, ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރީގެ ބޮޑެތި ސަރަހައްދުތަކަށް ތިން މީޓަރުގެ އުސްމިނަށް ސުނާމީ ރާޅުތައް އަރައިފައިވާ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ޖަޕާނުގެ އިތުރުން ޗައިނާއަށްވެސް ވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ނެރުމާ އެކު, ފިލިޕީންސުން ވެސް ވަނީ ރައްކާތެރި ފިޔަވަޅުތައް އަޅާފައެވެ. މި ގޮތުން, އެ ގައުމުގެ ރަށްތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވެއެވެ.

މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެންމެ ފަހުން އެ ފަދަ ބާރުގަދަ ބިންހެލުމެއް ޓައިވާނަށް އައިސްފައި ވަނީ 1999 ވަނަ އަހަރު ރިކްޓާ މިންގަޑުން 7.6 ގެ ބާރުމިނުގައެވެ. އެ ބިންހެލުމާ ގުޅިގެން 2400 މީހުން މަރުވިއެވެ.

comment ކޮމެންޓް