ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާލޭ ދާއިރާތަކުން އެމްޑީޕީއަށް މަޖިލިސް ދިނުމަކީ މާލެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމެއްގެ ގޮތުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒު މިރޭ ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެންޕޭން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ތަރައްގީއަށް ޓަކައި ކުރަން ހުރި ކަންތައް ކުރުމަށް ބޭނުންވަނީ ބޮޗޭ ފަދައިން މި ދާއިރާއަށް ވާދަކުރައްވާ 17 ކެންޑިޑޭޓުންގެ ތާއިދުކަމަށާއި އެ ކަމަށް މާލެ ސިޓީގެ ރައްޔިތުން އެ ކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީން ކުރައްވަނީ މާލެ ރައްޔިތުން އަޅުގަނޑަށް ކުރައްވާ އިތުބާރު، އެ އިތުބާރުގެ މައްޗަށް އަޅުގަނޑުމެންގެ ކެންޑީޑޭޓުން ވެސް ހޮއްވަވައިދެއްވާނެ ކަމަށް މަޖިލީހަށް،"
"އެއީ ފުރަތަމަ މޭޔަރަކަށް އަޅުގަނޑު ހޮއްވަވައިފަ. މޭޔަރެއްގެ ޒިންމާ އަދާކުރުމުގައި ދެން އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނީމަ ނުކުރެވުން ކަންތައް ކުރުމަށް ޓަކައި ސަރުކާރު އަޅުގަނޑާ މާލެ ރައްޔިތުން ހާވާލު ކުރެއްވީ" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ނިމުނު އެމްޑީޕީ ވެރިކަމުގައި ސުޕަމެޖޯރިޓީ އޮވެގެން މާލެ ތަރައްގީކުރުމަށް އެއްވެސް ކަމެއް އެ ސަރުކާރަށް ނުކުރެވުނު ކަމަށާއި ކުރެވުނު މަދު ކަންތައް ކުރެވުނީ އެ މަނިފާނުގެ މޭޔަރުކަމުގެ ދުވަސްވަރު ކަމަށެވެ.
"މަޖިލިސް އޮވެ، ސަރުކާރު އޮވެ، މި މާލެ ސިޓީ ތަރައްގީކުރުމަށް ލިބުނު ރަނުގެ ފުރުސަތު އެބޭފުޅުން ސުޕަމެޖޯރިޓި ބޭނުންކޮށްގެން ދޫކޮށްލެވީ. ދެން އިންތިޚާބު އައިސް ބޯމަތި ވީމާ މިތާ ކައިރިން ފަޅެއް ނަގާފައި އެތަނުން އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވުއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގައި ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް މަގުފަހި ކުރެވޭނީ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
މިދިޔަ ހަތަރު މަސް ތެރޭގައި މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމަށް ކުރުވަން އިތުރު ދައުރެއް ދީގެން މާލޭ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
އެއާއެކު، މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ފުންކޮށް ވިސްނުމަށްފަހު ވޯޓުލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.