ސައިކަލެއް ކޮންޓްރޯލް ނުވެ އަނެއްކާވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް

ފުވައްމުލައް ސިޓީ-- ސަން ފޮޓޯ

ސައިކަލެއް ކޮންޓްރޯލް ނުވެ އަނެއްކާވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދިގުވާޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓާ އެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 23:45 ހާއިރު ލިބުނު ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވީ 27 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އިއްޔެ ރޭގައި ވެސް ފުވައްމަލުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގީ ސައިކަލެއް ކޮންޓްރޯލް ނުވެ، ޒިބްރާ ކުރޮސް ޕޯސްޓް ދަނޑިއެއް ގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އަނިޔާވި 32 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މި ވަނީ އާންމުވެފައެވެ. ނުރައްކާތެރި އެކްސިޑެންޓްތައް އާންމު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބާރު ދުވެލީގައި ދުއްވުމެވެ.

comment ކޮމެންޓް