ޖަޒުބާތުގައި ޖައްސައި ފައިސާ ހޯދުން، ހަމައެއް އޮންނަން ޖެހޭ!

އެހީގެ ފަންޑަކަށް ބަޔަކު ފައިސާ ދެނީ: ޑޮނޭޝަންއަށް ރާއްޖޭގައި ވަކި އުސޫލެއް ނޯވޭ-- ސަން ފޮޓޯ

އެ ފޮޓޯއިން އެ ފެންނަ ތިން ކުދިންނަކީ ހަނގުރާމައެއްގެ ސަބަބުން ވަރަށް ހާލުގައި ދިރިއުޅެމުން ދާ ބައެއްކަން ޔަގީނެވެ. ލައިގެން ހުރި އަންނައުނާއި ހަށިގަނޑުގެ އަނަރޫފަ ކަމުންނާއި މޫނުމަތިން ފެންނަން ހުރި ކުލަވަރުން އެ ކުދިންގެ ނިކަމެތި ހާލު ސިފަވެއެވެ. ހުސް ތަށިތަކެއް ހިފައިގެން ހުރިއިރު ކާއެއްޗެއް ދޭން އެދި އާދޭސް ކުރަނީއޭ ހީވާ ކަހަލައެވެ.

އެ އަސަރުގަދަ ފޮޓޯގައި ދިވެހިން ލިޔެފައި ވަނީ އެ ކުދިންނަށް އެހީތެރިވުމަށް ފައިސާގެ އެހީ ދިނުމަށެވެ. އާއިލާ ނުވަތަ އޮފީހުގެ އެންމެން ގުޅިގެން ވެސް އެހީވުމަށެވެ. އެއަށް ފަހު ފައިސާ ފޮނުވަންވީ އެކައުންޓް ނަމްބަރު ކެޕްޝަންގައި ލިޔެފައި ވެއެވެ. އެ ޕޯސްޓްގެ ކެޕްޝަން ނިންމާލަމުން ލިޔެފައިވަނީ ލިބޭ އެހީގެ ފައިސާގެ ތެރެއިން ވަކި ޕަސެންޓެއް އެ ޕްރޮޖެކްޓް ހިންގައި ބެލެހެއްޓުމަށް ނަގާ ވާހަކައެވެ.

މިގޮތަށް އެހީ ހޯދުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. ދެތިން މިނެޓަށް ސޯޝަލް މީޑިއާއަށް ވަދެލި ނަމަވެސް ކޮންމެ ވެސް އެހީއެއް ބޭނުން ވެގެން ކޮށްފައިވާ ޕޯސްޓެއް ނުފެނި ނުދާނެއެވެ. އެންމެ ގިނައިން ހުންނަނީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުން އެހީތެރި ކަމަށް އެދިފައެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ސަރުކާރުގެ ހަރަދުގައި އެންމެ ބޮޑަށް ބޭސް ފަރުވާގެ ހިދުމަތް ލިބޭ އެއް ގައުމެވެ. ނަމަވެސް ރާއްޖޭގައި ބޭރަށް ގޮސް ހުރުމާއި ކެއުންފަދަ ކަންކަމަށް ވެސް ފައިސާ ބޭނުންވާތީ މީހުން އެހީއަށް އެދެނީއެވެ.

ސިއްހީ ސަބަބުތަކަށް ޓަކައި އެހީއަށް އެދޭ ޕޯސްޓްތައް ނެގުމަށްފަހު ދެން އެންމެ ގިނައިން ފެންނަނީ ކޮންމެވެސް އިސްލާމީ ގައުމެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ވެވޭ ގޮތަށް ޖަހާފައި ހުންނަ ޕޯސްޓްތަކެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ފަލަސްތީނާއި ސީރިއާފަދަ ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭ އެހީއެވެ.

މީގެ އިތުރުން ވެސް އެހީގެ ގޮތުގައި ފައިސާ ހޯދާ އެހެން ގޮތްގޮތް ވެސް ހުރެއެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުގައި ފެންވަޅު ހަދިޔާ ކުރުމަށާއި މިސްކިތްތައް އިމާރާތް ކުރުމުގެ އިތުރުން ހަތިމް ބެހުމާއި ޜޯދަ ވީއްލުންތައް ދިނުމަށް ކަމަށް ބުނެ ވެސް އެހީ ހޯދައެވެ. އަދި އެ ފައިސާއިން އެކަންކަން ކޮށްފައި ފައިސާ ދިން މީހުންނަށް ފޮޓޯ ފޮނުވައިދެއެވެ. ނޫނީ ސޯޝަލް މީޑިއާގައި ފޮޓޯ ޕޯސްޓް ކުރެއެވެ.

ކުރަނީ ރަނގަޅު ކަމެއް، މައްސަލައަކީ ދެފުށް ނުފެންނާތީ

ދިވެހިންނަށް ވިޔަސް އަދި އެހެން ގައުމެއްގެ ބައެއް ނަމަވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެހީ ތެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށް ހުޅުވާލާފައި އޮތުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން އެކަކު އަނެކަކަށް އެހީތެރިވުމުގެ އާދަ ވަރަށް ބޮޑަށް އެބަ ފެތުރެއެވެ. އަދި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވެސް ކުޑަ މަސައްކަތަކަށް ނުވާއިރު އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޓަކައި ވަކި ޕަސެންޓެއް ނެގުމަކީ ވެސް މައްސަލައެއް ނޫނެވެ.

ނަމަވެސް މީގެ މައްސަލައަކީ ދެފުށް ފެންނަ ގޮތަކަށް މިކަން ނުކުރާތީއެވެ. އޭގެ ނަތީޖާއަކަށް ވަނީ އެހީގެ ފައިސާއަށް ހިޔާނާތްތެރި ވުމާއި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުންފަދަ ކަންކަން ކުރާ ކަމަށް ތުހުމަތު ކުރެވުމެވެ. ރާއްޖޭގައި އެހީގެ ފައިސާ ހޯދައިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ފުޅާދާއިރާއެއްގައި އެހީތެރިވާ ޖަމިއްޔާތަކުގެ ވެބްސައިޓަށް ވަދެ ބަލާލުމުން ވެސް އެހީގެ ފައިސާ ބޭނުން ކޮށްފައިވާ ގޮތުގެ އެއްވެސް ތަފުސީލެއް ލިބޭކަށް ނުހުރެއެވެ. އެހީގެ ގޮތުގައި ހޭދަ ކުރީ ކިހާ އަދަދެއް ކަމާއި އަދި އެ ޖަމިއްޔާތައް ހިންގުމަށް އޭގެ ތެރެއިން ނެގީ ކިހާ ފައިސާއެއް ކަމެއް ވެސް އެނގޭކަށް ނުހުރެއެވެ. އޮޑިޓް ރިޕޯޓްތައް ހާމައެއް ނުކުރެއެވެ. އަދި އޮޑިޓް ކުރާ ކަމެއް ވެސް ޔަގީނެއް ނޫނެވެ.

ކަމަކީ ކިތަންމެ މާތް މަގުސަދެއްގައި ކުރާ ކަމަކަށް ވިޔަސް މިކަން މިހެން އޮތުމުން އެކިއެކި ތުހުމަތުތައް ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ. ސޯޝަލް މީޑިއާގައި ދޭތެރެއަކުން ތުހުމަތުތައް ކުރަނީ ވެސް އެހެންވެއެވެ. ސޯޝަލް މީޑިއާގައި ހަމަ ޕޭޖެއް ހަދައި ކުރެވެން އޮންނަ ކަމަކަށް މިކަން ވެއްޖެނަމަ އޭގެ ނާޖާއިޒު ފައިދާ ނަގާނެ މީހުން ގިނަވާނެއެވެ. މިއީ އާމްދަނީ ހޯދަން ކުރާ ކަމަކަށް ވެސް ހަދައިފާނެއެވެ.

މިކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުން އެބައުޅެއެވެ. އެގޮތުން މިހާރު ނިޔާވެފައިވާ ބައެއް މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެ މީހުންނާ ނުވެސް ބެހޭ މީހުންގެ އެކައުންޓް ނަމްބަރު ޖަހައި އެބަ ދައުރު ކުރެއެވެ. އަދި ބައެއް އެހީގެ ޖަމިއްޔާތައް ހިންގަނީ ކޮން ބައެއް ކަން އެނގުނު ނަމަވެސް ގިނަ ބައެއް ޕޭޖުތަކުން އެހީގެ ގޮތުގައި ފައިސާ ހޯދާއިރު އެ ޕޭޖުތައް އެ ހިންގަނީ ކާކުކަން ނުވަތަ ކޮން ބައެއްކަން ވެސް އެނގޭކަށް ނުހުރެއެވެ.

ހައްލަކީ ޗެރިޓީ ނުވަތަ ޑޮނޭޝަންއާ ބެހޭ ގާނޫނެއް

ޗެރިޓީ ގާނޫނާއި ގަވައިދުތައް ނެތް ނަމަ، ޗެރިޓީ ދާއިރާ ނުބެލެހެއްޓެއެވެ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ އެ ދާއިރާއިން ބޮޑެތި ހިޔާނާތްތަކާއި، އޮޅުވާލުމާއި، ފައިސާގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމެވެ. އަދި މިކަމުގެ ސަބަބުން އެހީދޭ މީހުން އެ ދޭ ފައިސާ ނުވަތަ ތަކެތި ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ ވެސް ޔަގީން ނުކުރެއެވެ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ އެފަދަ ޖަމިއްޔާކަށް އޮންނަ އިތުބާރު ގެއްލުމެވެ.

ޗެރިޓީއަށް ފައިސާ ހޯދުމަކީ ހަމަ ކޮންމެ މީހަކަށް ބޭނުން ކޮންމެ އިރަކު ކުރެވޭ ގޮތަށް އޮންނަ ކަމަކަށް ވެގެން ނުވާނެއެވެ. އެކަމަށް ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހެއެވެ. ނޫންނަމަ އެހީގެ ގޮތުގައި ހޯދާ ފައިސާއަށް ހިޔާނާތްތެރިވި ނަމަވެސް އެކަން ބެލޭނެ ގޮތެއް ނޯވެއެވެ. މިއީ ކުށްތައް ކުރުމަށް ފައިސާ ހޯދާ ވަސީލަތަކަށް ވެސް ހަދައިފާނެއެވެ.

މިފަދަ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް ޓަކައި ދުނިޔޭގެ ގައުމުތަކުގައި ޗެރިޓީއާ ބެހޭ ގާނޫނުތައް ހުރެއެވެ. ރާއްޖޭގައި އެފަދަ ގާނޫނެއް އަދި ނެތެވެ. ނަމަވެސް ރާއްޖޭގައި ވެސް ޖަމިއްޔާތަކާ ބެހޭ ގާނޫނެއް އޮވެއެވެ. އެ ގާނޫނުގެ ދަށުން ޖަމިއްޔާތަކުން އަހަރީ ރިޕޯޓްގެ ގޮތުގައި ފައިސާ ލިބުނު ގޮތާއި ހޯދި ގޮތުގެ ތަފްސީލީ ރިޕޯޓް ހުށަހަޅަން ޖެހެއެވެ. އަދި ވަކި އަދަދަކަށް ވުރެން މަތިން ފައިސާގެ މުއާމަލާތް ކޮށްފައިވާނަމަ އޮޑިޓް ވެސް ކުރަންޖެހެއެވެ. ނަމަވެސް އެއީ ވެސް ޖަމިއްޔާއެއް ނަމައެވެ. ރާއްޖޭގައި އެހީގެ ގޮތުގައި އާއްމުންގެ އަތުން ފައިސާ ނަގަނީ ހަމައެކަނި ޖަމިއްޔާތަކަކުން ނޫނެވެ. ސޯޝަލް މީޑިއާގައި ޕޭޖުތައް ހަދައިގެން އެކަން ކުރާ ބައިވަރު މީހުން އުޅެއެވެ. ޗެރިޓީ ގާނޫނެއް ނެތުމުން އެ މީހުން ބެލެހެއްޓޭނެ ގޮތެއް ނޯވެއެވެ.

ޗެރިޓީ ގާނޫނުތަކުން މައިގަނޑު ގޮތެއްގައި ހިމާޔަތް ކޮށްދެނީ އެހީގެ ކަންކަން ކުރާ ޖަމިއްޔާތަކުގެ ނަޒާހަތްތެރިކަމެވެ. އެއީ އެހީގެ ގޮތުގައި ފައިސާ ނަގާ މީހުންގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރަން އެ ގާނޫނުން ލާޒިމު ކުރުމާއި ޖަވާބުދާރީކުރުވާތީއެވެ. މިފަދަ ގާނޫނުތަކުގެ މަގުސަދަކީ ޖަމްއިއްޔާތައް ހިންގުމާއި، މާލީ ކަންކަން މެނޭޖު ކުރާނެ އުސޫލުތައް ބުނެދީ، އެހީދޭ މީހުންނާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. ރަޖިސްޓްރީކުރުމާއި، ރިޕޯޓްކުރުމާއި، ބެލެހެއްޓުމުގެ ގާނޫނީ އޮނިގަނޑުތައް ގާއިމުކުރުމުގެ ސަބަބުން ހިޔާނާތްތެރިވުމާއި، ޗެރިޓީގެ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވެއެވެ.

ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ހެޔޮ ގޮތުގައި މިފަދަ މަސައްކަތްތައް ކުރާ މީހުންނަށް ވެސް އެކިއެކި ތުހުމަތުތައް މިދަނީ ކުރެވެމުންނެވެ.

އެހީތެރިވުމުގެ ރަނގަޅު އާދަ ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމަށް ހިތްވަރު ވެސް ދޭން ޖެހެއެވެ. އަދި އެހީގެ ގޮތުގައި ލިބޭ ފައިސާއިން ހަރަދުތައް ބެލެހެއްޓުމަށް ވަކި ޕަސެންޓެއް ނެގުމަކީ ވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި އެކަން ކުރަނީ ހަމައެއް ލަމައެއް ނެތިއެވެ. އެހީގެ ގޮތުގައި ފައިސާ ހޯދުން މިއޮތީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމަކަށް ވެފައެވެ. ހަމަ ސޯޝަލް މީޑިއާގައި އެކަން ފަށައި މީހުންގެ އަތުން ފައިސާ ނަގަންވީއެވެ. މިކަން ބެލޭނެ އަދި ޖަވާބުދާރީ ކުރުވޭނެ ހަމަ އެއްވެސް ގޮތެއް ނެތީއެވެ. މިއީ އޮޅުވާލައިގެން ފައިސާ ހޯދުމާއި ކުށްތައް ކުރުމަށް ފައިސާ ހޯދުމަށް ބޭނުން ކުރާ ވަސީލަތަކަށް ހަދައިފާނެއެވެ. އެހެންކަމުން އަވަހަށް ހައްލެއް ބޭނުންވެއެވެ. އެންމެ މުހިންމު އެއް ކަމަކީ ޗެރިޓީ ގާނޫނެއް އޮތުމެވެ.

comment ކޮމެންޓް